ސޯނަމްގެ ހެދުންތަކަކާއި އަތްދަބަސްތަކެއް ނީލަން ކިޔަނީ
ސޯނަމްގެ ހެދުންތަކަކާއި އަތްދަބަސްތަކެއް ނީލަން ކިޔަނީ

ސޯނަމް ކަޕޫރަކީ އަބަދުވެސް ވަރަށް ރީތިކޮށް ހެދުން އަޅާ ފިލްމު އިންޑަސްޓްރީގެ އެންމެ ފެޝަން ތަރިންގެ ތެރޭގައި ހިމެނޭ ބަތަލާ އެކެވެ. އޭނާގެ ހެދުންތައް ރީތިވެގެން އުޅޭ މީހުންނަށް އެ ހެދުންތައް ގަތުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އޭނާގެ ބައެއް ހެދުންތަކާއި އަތްދަބަސްތައް ނީލަން ކިޔަން ގަސްތުކުރަނީ އެ އެއްޗެހި ވިއްކައިގެން ލިބޭ ފައިސާ ޗެރިޓީއަށް ހަދިޔާކުރުމަށެވެ.

"ދިއްލީ 6" ގައި ވެސް ބަތަލާގެ ރޯލު އަދާކޮށްފައިވާ ސޯނަމް ވަނީ މުމްބާއިގެ އެންޖީއޯއެއް ކަމަށްވާ "ފައިޓް ހަންގާ ފައުންޑޭޝަން"ގެ ގުޑްވިލް އެމްބެސެޑަރަކަށް މިދިޔަ އަހަރު ހޮވާފަ އެވެ. އެހެންވެ މިހާރު ސޯނަމް ވަނީ އޭނާގެ އަގުބޮޑު ޑިޒައިނާ ހެދުންތަކާއި ދަބަސްތައް ނީލަމް ކިޔައިގެން ލިބޭ ފައިސާ އެ އެންޖީއޯ އަށް ހަދިޔާކުރަން ތައްޔާރުވެފަ އެވެ. ސޯނަމް ބުނަނީ އެ އެންޖީއޯ އަކީ އޭނާގެ ހިތާ ގުޅިފައިވާ ތަނެއް ކަމަށެވެ.

ނީލަން ކިޔައިގެން ލިބޭ ފައިސާއިން ބޮޑު ބައެއް ފައުންޑޭޝަނަށް ދޭން ހަމަޖެހިފައިވާއިރު އެއް ބައި އެހެން ޗެރިޓީ އޮގަނައިޒޭޝަނެއް ކަމަށްވާ "ކަޑްލްސް ފައުންޑޭޝަން" އަށް ވެސް ދިނުމަށް ހަމަޖެހިފައިވެ އެވެ. މިއީ ކެންސަރު ޖެހިފައިވާ ކުޑަކުދިންނަށް އެހީވާ ޖަމިއްޔާއެކެވެ.

ސޯނަމްގެ ހެދުންތައް ގަންނަން ބޭނުން މީހުންނަކަށް މާ ގިނަ ހެދުންތަކެއް ގަތުމުގެ ފުރުސަތެއް ނެތެވެ. ސަބަބަކީ އޭނާ ނީލަން ކިޔަނީ އެންމެ 12 ހެދުމާއި އަތްދަބަސް ކަމަށް ވާތީ އެވެ. ނަމަވެސް މި ހެދުންތަކުގެ ތެރޭގައި ވަރަށް ރީތި ގައުންތައް ވެސް ހިމެނެ އެވެ.

ފެޝަން އިންޑަސްޓްރީގައި ސޯނަމް އަކީ ވަރަށް ހިނގާ ނަމަކަށް ވާތީ އޭނާ ނީލަން ކިޔާ އެއްޗެހިން ފުދޭ ވަރެއްގެ ރަނގަޅު އަދަދެއް ލިބޭނެކަމަށް ގަބޫލުކުރެވެ އެވެ.