އެއް އަހަރުގެ ތެރޭގައި 83،000 އަށް ވުރެ ގިނަ ބިދޭސީންނަށް ވޯކްޕާމިޓް ދޫކޮށްފި
އެއް އަހަރުގެ ތެރޭގައި 83،000 އަށް ވުރެ ގިނަ ބިދޭސީންނަށް ވޯކްޕާމިޓް ދޫކޮށްފި

މިދިޔަ އެއް އަހަރުގެ ތެރޭގައި މުޅިން އަލަށް 83،000 އަށް ވުރެ ގިނަ ބިދޭސީންނަށް ވޯކްޕާމިޓް ދޫކޮށްފައިވާ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީން ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން ފޮނުވި ސުވާލުތަކަށް މިދިޔަ ބުރާސްފަތި ދުވަހު ދިން ޖަވާބުގައި އެ މިނިސްޓްރީން ބުނީ އޮގަސްޓް 1، 2024 އިން މި އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް 83،557 ވޯކްޕާމިޓް ދޫކޮށްފައިވާ ކަމަށެވެ.

އެއީ މުޅިން އަލަށް ދޫކުރި ވޯކްޕާމިޓެވެ. އޭގެ އިތުރުން، ބަރާބަރަށް ފައިސާ ދައްކާ މީހުންނަށް އޮޓޮމެޓިކުން ވޯކްޕާމިޓް އާ ވަމުންދާތީ، އެ މުއްދަތުގެ ތެރޭގައި ވޯކްޕާމިޓް އާ ކުރި މީހުންގެ އަދަދެއް ސާފެއް ނުވެ އެވެ.

އެންމެ ގިނައިން ވޯކްޕާމިޓް ދޫކޮށްފައިވަނީ؛

- ބަންގްލަދޭޝް

- އިންޑިއާ

- ނޭޕާލް

- ސްރީ ލަންކާ

- އިންޑޮނޭޝިއާ

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން އަންނަނީ "ކުރަނގި" ނަމުގައި އޮޕަރޭޝަނެއް ފަށައިފަ އެވެ. އޭގެ ތެރެއިން، ބަޔޯމެޓްރިކްސް އަޕްޑޭޓްކޮށް ފުރުސަތު ދިނުމަށް ފަހު، އެ މުއްދަތުގެ ތެރޭގައި އެކަން ނުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.

މިނިސްޓްރީން ބުނީ ފަހު ފުރުސަތުގައި 6،321 ބިދޭސީއެއްގެ ބަޔޯމެޓްރިކް އަޕްޑޭޓް ކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ބަޔޯމެޓްރިކްސް އަޕްޑޭޓްނުކޮށް ހުރި ވަޒީފާދޭ 4،302 ފަރާތް އެކްސްޕެޓް ސިސްޓަމުން މި ވަގުތު ސަސްޕެންޑު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ސަސްޕެންޑު ވުމުން ވަޒީފާދޭ ފަރާތްތަކަށް އާ ވޯކްސައިޓް ރަޖިސްޓްރީ ކުރުމާއި އާ ކޯޓާ ދިނުން އަދި އާ ވޯކްޕާމިޓްގެ ހިދުމަތް ދިނުން މެދުކެނޑޭނެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ނިޔަލަށް 181،093 ބިދޭސީންގެ ބަޔޯމެޓްރިކްސް ވަނީ އަޕްޑޭޓުކޮށް އެވެ. އަދި ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރިއަސް މިހާތަނަށް އޭގެ ތެރެއިން އެއްވެސް ބިދޭސީއަކު ޑީޕޯޓު ނުކުރާ ކަމަށް ބުންޏެވެ.