29 ސެޕްޓެމްބަރ 2025 - 10:48

އެމްޑީޕީގެ އޮފީހުގެ ތެރޭގައި ރައްްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) އާއި އިތުރު މީހަކަށް ޗޭނުގަނޑަކުން ހަމަލާދިން މުހައްމަދު ޖަޒީލް އެހެން މައްސަލަތަކެއްގައި ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ޖަޒީލަކީ 2021 ވަނަ އަހަރުގެ ތެރޭގައި މަންދީ އާއި އެމްޑީޕީގެ އޮފީހުގައި މަސައްކަތްކުރާ އިތުރު ދެ މުވައްޒަފަކަށް ޗޭނުގަނޑަކުން ހަމަލާދީ، މަންދީގެ ބޯ ފަޅާލި މައްސަލާގައި އެއް އަހަރާއި ތިން މަހުގެ ޖަލު ހުކުމެއް އައި މީހެކެވެ.
މިފަހަރު ޖަޒީލަށް ހުކުމްކުރީ އާއިލާގެ މެމްބަރެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ދީފާނެ ކަމުގެ ބިރު ދެއްކުމުގެ މައްސަލައަކާއި އެވަގުތު އަނިޔާއެއް ދީފާނެ ކަމުގެ ބިރު ދެއްކުމުގެ މައްސަލައެއްގެ އިތުރުން އަނިޔާއެއް ދިނުމުގެ ތިން ދައުވާއެއް ސާބިތުވުމުންނެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަކިވަކިން ކުރި ހުކުމްތަކުގައި ބުނީ އޭނާގެ މައްޗަށް އެ ކުށްތައް ސާބިތުވެފައިވާ ކަމަށެވެ. އަދި ދައުލަތާއެކު ހަދާފައިވާ އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް ޖުމްލަ ތިން އަހަރާއި އެއް މަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ނަމަވެސް އެ މައްސަލަތަކުގެ ހުކުމް ސިއްރު ކޮށްފައިވާތީ، އެ ހުކުމްތައް އިއްވީ ކޮން ހާދިސާތަކަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.