ހުއްދަ ނުނަގައި ހުޅުމާލޭގައި އިވެންޓުތަކަށް ސްޓޯލް ވިއްކަމުންދާތީ ސަމާލުވާން އެދިއްޖެ
ހުއްދަ ނުނަގައި ހުޅުމާލޭގައި އިވެންޓުތަކަށް ސްޓޯލް ވިއްކަމުންދާތީ ސަމާލުވާން އެދިއްޖެ

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިވެންޓުތަކާއި ފެއާތައް ބޭއްވުމަށް އެޗްޑީސީން ނަގަންޖެހޭ ހުއްދަތައް ނުނަގައި ބައެއް ފަރާތްތަކުން އިވެންޓު ބާއްވަމުންދާތީ އެކަން އެގޮތަށް ނުކުރުމަށާއި އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުމަށް އެ ކުންފުނިން ޒިންމާ ނުނަގާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ އެޗްޑީސީން ހުއްދަ ދިނުމުގެ ކުރިން، ހުޅުމާލޭގެ އެކި ތަންތަނުގައި އިވެންޓުތައް ބާއްވަން ނިންމައި އެ ތަންޔަނުން ސްޓޯލް ވިއްކާ ކަމަށެވެ.

އެހެންވެ އެޗްޑީސީން ވަނީ އެއްވެސް ބަޔަކު ހުޅުމާލޭގައި ބާއްވާ އިވެންޓަކުން ސްޓޯލް ގަތުމުގެ ކުރިން އެ އިވެންޓެއް ރާވާ ފަރާތަކީ އެޗްޑީސީން ދޫކުރާ ހުއްދަ އޮތް ފަރާތެއްތޯ ބެލުމަށް އެދިފައިވެ އެވެ. އެޗްޑީސީގެ ބުނީ އެ ކުންފުނީގެ ޕާމިޓްސް އެންޑް ސާވިސަސް ސެކްޝަނުގެ ނަމްބަރު 3356112 އަށް ގުޅައި އެކަން ކަށަވަރުކުރެވޭނެ ކަމަށެވެ.

"އެޗްޑީސީގެ ހުއްދަ ނެގުމެއް ނެތި މިގޮތަށް އިވެންޓުތައް ހިންގުމުގެ ނަމުގައި ސްޓޯލްތައް ދޫކުރުމުންނާއި ސްޓޯލްތައް ގަތުމުގެ ސަބަބުން ލިބިދާނެ މާލީ ގެއްލުމަކަށް މި ކޯޕަރޭޝަނުން ޒިންމާ ނުވާނެ ވާހަކަ ވެސް އާންމުކޮށް އަންގައި އިއުލާންކުރަމެވެ."

އެޗްޑީސީން ވަނީ ހުޅުމާލޭގައި ފެއާތަކާއި ނައިޓް މާކެޓް އަދި މަގުމަތީ ބާޒާރު ހިންގުމަށް ސަރަހައްދުތައް ދޫކުރުން މިދިޔަ މެއި މަހުގެ 14 ފެށިގެން ވަގުތީގޮތުން ހުއްޓާލައިފަ އެވެ.