29 ސެޕްޓެމްބަރ 2025 - 10:33

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރަތްކުރި 4،000 ފްލެޓުގެ ތަޅުދަނޑި ހަވާލުކުރަން އިއްޔެ ފަށައިފި އެވެ.
އެ ފްލެޓުތައް އަޅާފައިވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި، ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވަނީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފްލެޓު ލިބުނު އަންހެނަކަށް އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލުކުރައްވައިފަ އެވެ.
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން އިމާރަތްކުރި 4،000 ފްލެޓުގެ ތަޅުދަނޑި ހަވާލުކުރަން ނިންމާފައިވަނީ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ވަނީ ޑިޕޮސިޓް ދައްކައިފަ އެވެ.
އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނީ އެންމެ ފުރަތަމަ ހަވާލުކުރަން ނިންމާފައިވަނީ އަމާން އުދަރެސްގެ 14 އިން ފްލެޓު ލިބުނު މީހުންގެ ތަޅުދަނޑި ކަމަށެވެ. އެ މަސައްކަތް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ހަވީރު 4 އަށް ކުރިއަށްގެންދާނެ އެވެ. އަދި އެހެން ޓަވަރުތަކުގެ ތަޅުދަނޑި ހަވާލުކުރާ ދުވަސް ޕޯޓަލް އިން އަންގާނެ ކަމަށް ވެސް ބުންޏެވެ.
އެފްޑީސީން ވަނީ ބޮޑެތި ތަކެއްޗާއި ފަރުނީޗަރު އެރުވުމަށް ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސައިފަ އެވެ. އެ ހިދުމަތް ހޯދުމަށް މިއަދުން ފެށިގެން ޕޯޓަލް މެދުވެރިކޮށް ދުރާލާ ބުކިން ހެދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އޭގެ ތެރެއިން އިމާރާތުގައި ތަކެތި ބެހެއްޓުމަށް ހާއްސަކޮށްފައިވާ ޖާގަ ބުކްކުރުމާއި އެ ސަރަހައްދުގައި ތަކެތި ބެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
"ޓަވަރުތަކުގައި މީހުން އާބާދުކުރުމުގެ މަރުހަލާ މިގޮތަށް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގުސަދަކީ އާއިލާތައް ޓަވަރަށް ބަދަލުވަމުންދާއިރު ޓަވަރުގެ އާއްމު ސަރަހައްދުތަކުގައި ތޮއްޖެހުން ކުޑަކޮށް، ފަސޭހަ އަދި އެކަށީގެންވާ ރޭވުންތެރި ގޮތެއްގައި މި މަރުހަލާ ފުރިހަމަކުރުމެވެ،" ބަޔާނުގައިވެ އެވެ.
އެ ކުންފުނިން ވަނީ ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް މުހިއްމު މައުލޫމާތުތަކެއް ލިބޭނެ "އަމާން އަތްމަތީ ފޮތް" ނަމުގައި ވަކި ފޮތެއް ވެސް ނެރެފަ އެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ވަކިވަކިން ކުރިއަށް ގެންދާ އެ ދެ މަޝްރޫއުގައި ހިމެނެނީ ދެ ކޮޓަރީގެ ފްލެޓާއި ތިން ކޮޓަރީގެ ފްލެޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ 7،000ރ. އަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި 1،000ރ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ހަމަޖައްސާފައިވަނީ 15،000ރ. އެވެ.
ތިން ކޮޓަރީގެ ތަންތަން ދޫކުރަން ނިންމާފައިވަނީ 9،500ރ. އަށެވެ. އެއީ މެއިންޓެނަންސް ފީގެ ގޮތުގައި 1،500ރ. އަދި ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. އެވެ.