29 ސެޕްޓެމްބަރ 2025 - 09:40

އޭޝިއާ ކަޕްގެ ޗެމްޕިއަންކަން ހޯދި އިންޑިއާއިން، އޭޝިއަން ކްރިކެޓް ކައުންސިލުގެ ރައީސް އަދި ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު މުހްސިން ނަގްވީގެ އަތުން ޓްރޮފީ ލިބިގަންނަން ދެކޮޅު ހަދައިފި އެވެ.
ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއީގައި ރޭ ނިންމާލި އޭޝިއާ ކަޕްގެ ޗެމްޕިއަންކަން އިންޑިއާއިން ހޯދީ، ފައިނަލުގައި ފަސް ވިކެޓުން ޕާކިސްތާނު ބަލި ކުރުމަށް ފަހު އެވެ.
ފުރަތަމަ ކުޅެން އަރައި 19.1 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ޕާކިސްތާނަށް ހެދުނީ 146 ލަނޑެވެ. ޖަވާބުގައި އިންޑިއާ ކުޅެން އެރުމުން ޕާކިސްތާނުން ވަނީ ފުރަތަމަ ތިން އޯވަރުން ތިން ކުޅުންތެރިން ނުބައިކޮށްފަ އެވެ. އެ ތިން އޯވަރުން އިންޑިއާ އަށް ހެދުނީ 20 ލަނޑެވެ. އިންޑިއާ މޮޅުވީ 19.4 އޯވަރުން ފަސް ކުޅުންތެރިން ނުބައިވެގެން 150 ލަނޑު ހަމަކޮށްގެންނެވެ.
ޕާކިސްތާނު ބަލިކޮށް މުބާރާތް ކާމިޔާބު ކުރުމުން، އިންޑިއާގެ ޓީމުން ވަރަށް ބޮޑަށް އުފާފާޅު ކުރި އެވެ. އެކަމަކު އުފާފާޅު ކުރީ ތައްޓާ ނުލަ އެވެ.
"އޭޝިއާ ކަޕްގެ ތަށި އޭސީސީ [އޭޝިއަން ކްރިކެޓް ކައުންސިލް] ގެ ޗެއާމަން އަތުން ލިބިގަންނަން އަހަރެމެން ބޭނުން ނުވީ. އޭނާ އަކީ ޕާކިސްތާނުގެ އެއް ލީޑަރު. އެހެންވެ އޭނާ އަތުން ތަށި ލިބިގަންނަން އަހަރެމެން ބޭނުން ނުވީ،" އިންޑިއާގެ ކްރިކެޓް ބޯޑްގެ ސެކްރެޓަރީ ޖެނަރަލް ދެވާޖީތު ސައިކާ ވިދާޅުވި އެވެ.
"އެކަމަކު އޭގެ މާނައެއް ނޫން އޭނާ [މުހްސިން ނަގްވީ] ތައްޓާއި މެޑަލް އޭނާ ގެންދާނެއެކޭ. އެއީ ވަރަށް ހިތާމަވެރި ކަމެއް. އަހަރެމެން އުއްމީދު ކުރަނީ ތައްޓާއި މެޑަލް ވަރަށް އަވަހަށް އިންޑިއާ އަށް ލިބޭނެކަމަށް."
ދެވާޖީތު ވިދާޅުވީ ނޮވެމެބަރު މަހު ބާއްވާ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލުގެ ބައްދަލުވުމުގައި ނަގްވީއާ ދެކޮޅަށް ސީރިއަސް ހަޅުތާލެއް ކުރިއަށް ގެންދާނެ ކަމަށެވެ. ނަގްވީ އަކީ ޕާކިސްތާނުގެ ކްރިކެޓް ބޯޑްގެ ވެސް ރައީސް އެވެ.
ރޭ ގެ މެޗު ނިމުނީ ދުބާއީގެ ގަޑިން 10:30 ހާ އިރު އެވެ. ނަމަވެސް އިނާމު ދިނުމުގެ ރަސްމިއްޔާތު ނުފެށި ގަޑިއިރަކަށް ވުރެ ގިނަ އިރު ވެގެންދިޔަ އެވެ.
ދަންވަރުގެ ވަގުތާ ކައިރިވެފައި ވަނިކޮށް އިނާމު ދިމުނުގެ ރަސްމިއްޔާތުގައި އިންޑިއާގެ ކުލްދީޕް ޔަދޭވް، އަބީޝެކް ޝަރްމާ، ތިލަކް ވަރްމާ ވަނީ ސްޓޭޖްގައި ތިބި އެހެން މަންދޫބުންގެ އަތުން އިންޑަވިޖުއަލް އެވޯޑް ލިބިގެންފަ އެވެ. އަދި ޕާކިސްތާނުގެ ކެޕްޓަން ސަލްމާން އަގާ ވަނީ، ނަގްވީގެ އަތުން ރަނަރަފް ޓީމަށް ދޭ ރަމްޒީ ފައިސާގެ ޗެކާ ހަވާލުވެފަ އެވެ. އެހާހިސާބުން އިނާމު ދިނުމުގެ ރަސްމިއްޔާތު ނިންމާލި އެވެ.