29 ސެޕްޓެމްބަރ 2025 - 09:41

ރައްޔިތުންނަށް ހިދުމަތް ދިނުމަށް ހަދާފައިވާ ކުންފުނިތަކުގެ ވެރިންގެ މައްޗަށް ސާބިތުވާ ކޮރަޕްޝަންގެ މައްސަލަތަކުގައި އެ ކުށަކާ ގުޅިގެން ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް، ފެނަކަން ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދުގެ މައްޗަށް އިއްޔެ އިއްވެވި ހުކުމުގައި ފަނޑިޔާރު ވިދާޅުވެއްޖެ އެވެ.
ރަސްމީ ހައިިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ ސައީދުގެ މައްޗަށް އިއްޔެ ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެއީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2018 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ފުރިހަމަކުރިކަން ކަށަވަރުނުކޮށް، މަސައްކަތް ނިންމި ކަމުގެ ލިޔުން ވެސް ނުލިބެނީސް ފައިސާ ދިނުމާއި 2019 ވަނަ އަހަރު އެ މީހުންނާ އެކު އާ އެއްބަސްވުމެއް ހަދައި ފައިސާ ދެމުން ދިޔަ މައްސަލައިގަ އެވެ.
މި ދައުވާ މަރްޔަމް ދީނާ ސާލިހް، ފުވައްމުލަކު ހޯދަޑު/މައިޒާންގެ މައްޗަށް ވެސް ކުރެ އެވެ. އެކަމަކު ބަލި ހާލަތު ހުރި ގޮތުން ކޯޓަށް ހާޒިރުވާން އުޒުރުވެރިވެ އެކަމާ ބެހޭ ލިޔުންތައް ހުށަހެޅުމުން ދީނާގެ މައްޗަށް ފަސް ދުވަސް ފަހުން ހުކުމް އިއްވަން ނިންމައި އިއްޔެ ހުކުމްކުރީ ސައީދުގެ މައްޗަށް އެކަންޏެވެ.
ސައީދުގެ މައްޗަށް ކުރި ދައުވާ، ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އަދަބާ ބެހޭ ގޮތުން ވާހަކަ ދައްކަން ދިން ފުރުސަތުގައި ދައުލަތުން ބުނީ ސައީދުގެ މައްޗަށް އަދަބު މަތިވާނެ އަދި ދަށްވާނެ ހާލަތެއް ވެސް ނުފެންނަ ކަމަށާއި އެހެންވެ ކުށުގެ އަސާސީ އަދަބު ކަނޑައަޅައިދިނުމަށެވެ.
މިއީ ގާނޫނުލްއުގޫބާތުގައި ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެއް ކަމަށް ވާތީ ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ.
ސައީދަށް ދިން ފުރުސަތުގައި ބުނީ ކުރިން ދުވަހަކު ވެސް އޭނާގެ މައްޗަށް ކުށެއް ސާބިތުވެފައި ނުވާތީ، ގާނޫނުލްއުގޫބާތުގައި އަދަބަށް ބަދަލު ގެނައުމާ ބެހޭ މާއްދާއަށް ރިއާޔަތްކޮށް ކުށުގެ ދަރަޖަ އަސާސީ މިންގަނޑުން އެއް ދަރަޖަ ދަށްކުރަންޖެހޭ ކަމަށެވެ. މީގެ އިތުރުން، އޭނާގެ މައްޗަށް ކުށް ސާބިތުވި ކަންކަމަށް ބަލާއިރު އެ ކަންކަން ކޮށްފައިވަނީ ލިބިފައި އޮތް ގާނޫނީ ލަފައެއްގެ މައްޗަށްކަން އެނގޭ ކަމަށާއި އެއީ ފުރިހަމަނުވާ މައާފް ލިބެނިވި ދިފާއުއަކަށް ވާތީ ކުށުގެ އަސާސީ އަދަބު ދެ ދަރަޖަ ދަށްކޮށްދިނުމަށް ސައީދުގެ ފަރާތުން އެދުނެވެ. އޭރުން އަދަބަކަށް ވާނީ ހަތަރު މަހާއި 24 ދުވަހެވެ.
ސައީދު ވަނީ މިގޮތަށް އަދަބު ލުއިކުރުމަށް ފަހު ފަހުން އަންނަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބުގެ ތިން ބައިކުޅަ އެއްބައި ޖޫރިމަނާއަށް ބަދަލުކޮށްދިނުމަށް ވެސް އެދިފަ އެވެ.
އަދަބާ މެދު ގޮތް ކަނޑައަޅުއްވަމުން އިސް ގާޒީ އާދަމް މުހައްމަދު ވިދާޅުވީ މި މައްސަލައިގައި އަދަބު މަތިކުރާނެ ހާލަތެއް ފާހަގާނުވާ ކަމަށް ޕީޖީގެ ފަރާތުން ބުނި ނަމަވެސް އަދަބު މަތިކުރާނެ ގިނަ ހާލަތުތަކެއް އެބަހުރި ކަމަށެވެ.
މި މައްސަލައިގައި މި ދައްކަނީ މަސައްކަތް ނުކުރާ ބަޔަކަށް، އެއްބަސްވުންތަކެއް ހަދައިގެން ގިނަ އަދަދެއްގެ ފައިސާ، ފެނަކައިގެ އިސް ވެރިން ދީފައިވާ ވާހަކަ ކަމަށާއި ފުރަތަމަ އެއްބަސްވުމުން ފެށިގެން ސެޓުލްމަންޓް އެއްބަސްވުމާ ހަމައަށް މި އަމަލުތަކުގެ ސަބަބުން 805،600ރ. ދައުލަތަށް ގެއްލުން ވެފައިވާ ކަމަށެވެ.
"ރައްޔިތުންގެ ފައިސާއިން ހިންގާ މިފަދަ ކުންފުނިތަކުގެ އިސް ވެރިންގެ ގޮތުގައި ތިބޭ ފަރާތްތަކުން ހިންގާ ބޮޑެތި ކޮރަޕްޝަންތަކުގެ އަމަލުތަކުގެ ސަބަބުން، އެ ކުންފުނިތެރޭގައި ވެސް ކޮރަޕްޝަނަށް ދޮރު ހުޅުވި އެ ފަސާދަ ފުޅާވެގެން ދިއުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ." ހުކުމުގައިވެ އެވެ.
އިސް ގާޒީ ވިދާޅުވީ މިގޮތަށް ވަކި ބަޔަކަށް ނުހައްގު ފައިދާ ހޯދުމަށްޓަކައި ހިންގާ އަމަލުތަކުގެ ނަތީޖާއަކަށް ވަނީ ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ބޮޑުވެ، އެ ފޫބެއްދުމަށްޓަކައި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުން އަގު ބޮޑުކުރުން ކަމަށެވެ.
"...އާޚިރުގައި އެކަމުގެ ތަކުލީފު އުފުލަން މި ޖެހެނީ އާންމު ރައްޔިތު މީހާއަށެވެ. އެހެންކަމުން، މިފަދަ، ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ހަދާފައިވާ ކުންފުނިތަކުގެ ވެރިންގެ މައްޗަށް ސާބިތުވާ މިފަދަ ކޮރަޕްޝަންގެ މައްސަލަތަކުގައި އެ މީހުންގެ މައްޗަށް، އެ ކުށާ ގުޅިގެން ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް ގަބޫލުކުރެވެ އެވެ." އަދަބަށް އެއްވެސް ލުޔެއް ނުދެއްވުމަށް ނިންމެވި ސަބަބު ހާމަކުރައްވައި އިސް ގާޒީ ވިދާޅުވި އެވެ.
"ދައުލަތުގެ ކުންފުނިތަކުގައި ކޮރަޕްޝަން ހިންގުން މި ވަނީ އާންމުވެފަ އެވެ. ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެ ކޮރަޕްޝަންގެ އަމަލުތައް ހިންގުމަކީ އާދައިގެމަތިން އާންމު އުސޫލުން ހިނގާ ކަމެއްގެ ގޮތުގައި ބެލެވޭ މިންވަރަށް އެކަން އާންމުވެއްޖެ އެވެ."
އިސް ގާޒީ އާދަމް މުހައްމަދު ވިދާޅުވި ގޮތުގައި މި އަމަލު ހިންގާ މީހުންނަށް "އަދަބު ލިބޭތަން ފެންނަނީ ނުހަނު މަދުން" ނެވެ. އަދި އަދަބު ލިބޭ ނަމަ ލިބޭ އަދަބަކީ ވެސް ނިސްބަތުން ކުޑަ އަދަބަކަށް ވާތީ، މިފަދަ އަމަލުތައް ހިންގާ މީހުންނަށް ލިބޭ ހިތްވަރަކަށް މިކަން ވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެހެންވެ އިސް ގާޒީ ހުކުމް ކުރެއްވީ ރަސްމީ ހައިިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި ގާނޫނުލް އުގޫބާތުގެ ދަށުން ދެވޭ އެންމެ ބޮޑު އަދަބު ކަމަށްވާ ހަތަރު އަހަރުގެ ޖަލު ހުކުމެވެ.