29 ސެޕްޓެމްބަރ 2025 - 06:01

އިނގިރޭސި ވިލާތަށް ހިޖުރަކޮށް އެ ގައުމުގައި އުޅެން ބޭނުންވާ ނަމަ އެ ގައުމުގައި ވަޒީފާއެއް އޮންނަން ޖެހުމާއި ކޮމިއުނިޓީ ހިދުމަތް ކުރަން އެއްބަސްވުމާއި ހިޖުރަކުރާ މީހުންނަށް ދޭ އިނާޔަތައް ނުނެގުން ފަދަ ކަންކަން ޝަރުތުކޮށް ގަވައިދުތަކާއި އުސޫލުތައް ހަރުކަށިކުރަން އިންޓީރިއާ މިނިސްޓްރީން ނިންމައިފި އެވެ.
އިނގިރޭސިވިލާތުގައި އާއިލާގެ ބަޔަކު އުޅޭ ނަމަ އަދި ފަސް އަހަރު ވަންދެން އިނގިރޭސިވިލާތުގައި ދިރިއުޅޭފައިވާ މީހުންނަށް މިހާރު އޮންނަ ގޮތުން "އިންޑިފިނީޓް ލީވް ޓު ރިމެއިން" ނުވަތަ ދާއިމީ ރަށްވެހިކަން ލިބެ އެވެ. މިއީ އެ ގައުމުގައި އެއްވެސް ބާވަތެއްގެ ވިސާއެއްގައި ގާނޫނާ އެއްގޮތަށް 10 އަހަރު އުޅެފައިވާ މީހުންނަށް ވެސް އޮންނަ އުސޫލެވެ.
މި ޝަރުތުތައް ފުރިހަމަވާ މީހުންނަށް އިނގިރޭސިވިލާތުގައި ދިރިއުޅުމާއި ވަޒީފާ އަދާކުރުމާއި ކިޔެވުމުގެ އިތުރުން އިނާޔަތްތަކާއި އިނގިރޭސި ރަށްވެހިކަން ހޯދުމުގެ ފުރުސަތު ވެސް ލިބެ އެވެ.
އެކަމަކު ސިޔާސަތަށް ގެނައި ބޮޑު ބަދަލެއްގައި އިންޓީރިއާ މިނިސްޓަރު ޝަބާނާ މަހްމޫދު މިއަދު އިއުލާނުކުރައްވަން ނިންމަވާފައި ގޮތުގައި، ހިޖުރަކުރާ މީހުން ވެސް ސޯޝަލް ސެކިއުރިޓީ ނުވަތަ އިޖްތިމާއީ ރައްކާތެރިކަމަށް ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭނެ އެވެ. އަދި އެއްވެސް އިނާޔަތެއް ވެސް ނުލިބޭނެ އެވެ. މީގެ އިތުރުން ސާފު ކުށުގެ ރެކޯޑެއް އޮތުމާއި މުޖުތަމައުގައި ވޮލަންޓިއާ ކުރުމުގައި ބައިވެރިވާން ވެސް ޖެހޭނެ އެވެ.
ލޭބާ ޕާޓީގެ އަހަރީ ބައްދަލުވުމުގައި ޝަބާނާ މި ޕްލޭންތައް ހުށަހަޅުއްވާނެ ކަމަށާއި، މި ބަދަލުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯއްދަވާނެ ކަމަށް އެ ޕާޓީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
މިކަން އިއުލާނުކޮށްފައި މިވަނީ، ހިޔާލު ހޯދުމުގެ ވޯޓުތަކުން ކުރީގައި އުޅޭ، އިދިކޮޅު ހަރުކަށި ކަނާތު ފިޔައިގެ ރިފޯމް ޕާޓީން "އިންޑިފިނީޓް ލީވް ޓު ރިމެއިން" އުވާލައި ހިޖުރަކުރާ މީހުން ކޮންމެ ފަސް އަހަރަކުން ވިސާއަށް ހުށަހަޅައި އާކުރަންޖެހޭ ގޮތަށް ހަދާނެ ކަމަށް ބުނެފައި ވަނިކޮށެވެ.
މިހެން ހަދައިފި ނަމަ މިހާރު ވެސް އެ ގައުމުގައި ތިބުމުގެ ހުއްދަ ލިބިފައިވާ އެތައް ލައްކަ ބަޔަކަށް އުނދަގޫތަކާ ކުރިމަތިވާނެ އެވެ.
"މި ފިޔަވަޅުތަކުން މި ފެންނަނީ ލޭބާ ސަރުކާރާއި، އިހަށް ދުވަހު މި މައްސަލައިގައި ސިޔާސަތު ހާމަކުރި ރިޕޯމް ޕާޓީގެ ތަފާތެވެ. މި ގައުމަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާތާ އެތައް އަހަރެއް ވެފައިވާ މަސައްކަތްތެރިން އެ މީހުންގެ ގެދޮރާއި އާއިލާ ދޫކޮށް ދާން [ރިފޯމް ޕާޓީގެ] ސިޔާސަތުގެ ސަބަބުން މަޖުބޫރުވެ އެވެ." ލޭބާ ޕާޓީގެ ބަޔާނުގައިވެ އެވެ.
ބޮޑުވަޒީރު ކިއާ ސްޓާމާ އާދީއްތަ ދުވަހު ވިދާޅުވި ގޮތުގައި ރިފޯމް ޕާޓީގެ ސިޔާސަތަކީ "ނަސްލީ" އަދި ގައުމު ކުދިކުދި ވެގެންދާނެ" ސިޔާސަތެކެވެ.
ހިޖުރަކުރާ މީހުން އިނގިރޭސި ބަސް، ރަނގަޅު ފެންވަރަކަށް ދަސްކުރަން ޖެހޭނެ ކަމަށާއި "ހަރުކަށި މިނިސްޓަރަކަށް" ވާނެ ކަމަށް، ހޯމް ސެކްރެޓަރީގެ ހައިސިއްޔަތުން ލޭބާ ކޮންފަރެންސް އިފްތިތާހު ކުރުމަށް ދެއްވާ ތަގުރީރުގައި ޝަބާނާ ވިދާޅުވާނެ އެވެ.
ހިޖުރަކުރުމުގެ މައްސަލަ އަކީ އިނގިރޭސި ވިލާތުގައި ވަރަށް މުހިންމު މައުޟޫއަކަށް ވާއިރު، އެކަމަށް ހައްލެއް ހޯދައިނުދޭ ނަމަ، މަސައްކަތްތެރިން ތާއީދު ޕާޓީއަށް ގެއްލި، ރިފޯމް ޕާޓީގެ ލީޑަރު ނައިޖެލް ފަރާޖްގެ "ދޮގު ވައުދުތަކަށް މީހުން ހެއްލިދާނެ" ކަމަށް ލޭބާ ޕާޓީގެ މެމްބަރުންނަށް ޝަބާނާ އިންޒާރު ދެއްވާނެ އެވެ. -- އޭއެފްޕީ