ޔަމާލް އެނބުރި އައިސް ބާސާ އެއްވަނައަށް އަރުވައިފި
ޔަމާލް އެނބުރި އައިސް ބާސާ އެއްވަނައަށް އަރުވައިފި

ބާސެލޯނާ (ސެޕްޓެމްބަރު 29) - ފަހަތުން އަރައި ރެއާލް ސޮސިއެޑާޑް 2-1 އިން ރޭ ބަލިކޮށް ބާސެލޯނާ ލީގުގެ އެއްވަނައަށް ޖެހިލައިފި އެވެ.

ޔަމާލް އެނބުރި އައިސް ބާސާ އެއްވަނައަށް އަރުވައިފި
ޔަމާލް އެނބުރި އައިސް ބާސާ އެއްވަނައަށް އަރުވައިފި

ސޮސިއެޑާޑް ވަނީ 31 ވަނަ މިނިޓުގައި އަލްވަރޯ އޮޑްރިއޯޒޯލާގެ ގޯލަކުން މެޗުގައި ފުރަތަމަ ލީޑު ނަގައިފަ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މާކަސް ރަޝްފޯޑްގެ ކޯނަރަކުން ނަތީޖާ އެއްވަރު ކޮށްދިނީ ޔޫލްސް ކޫންޑޭ އެވެ.

ބާސެލޯނާ މޮޅުވި ލަނޑު 59 ވަނަ މިނިޓުގައި ޖަހައިދިނީ ރޮބާޓް ލެވަންޑޯސްކީ އެވެ. އޭނާ މި ލަނޑު ޖެހީ ލަމީން ޔަމާލް ނަގައިދިން ހުރަހެއް ބޮލުން ޖަހަ އެވެ. ކޯޗު ހަންސީ ފްލިކް ޔަމާލް ކުޅެން ނެރުނީ އޭގެ މިނިޓެއް ކުރިންނެވެ.

މިއީ މިދިޔަ މަހު ލިބުނު އަނިޔާ އިން ސަލާމަތް ވެގެން ޔަމާލް ކުޅުނު ފުރަތަމަ މެޗެވެ. އަނިޔާގެ ސަބަބުން ބާސާ ލީގުގައި، ރޭގެ ކުރިން ކުޅުނު ތިން މެޗުގައި އޭނާ އަށް ނުކުޅެވުނެވެ. އޭގެ އިތުރުން މި މަހު ކުޅުނު ޗެމްޕިއަންސް ލީގު ފުރަތަމަ މެޗުގައި ވެސް އޭނާ ކުޅެފައެއް ނުވެ އެވެ.

ރޭގެ މެޗާ އެކު، ޔަމާލް ވަނީ މިހާތަނަށް އޭނާ މި ސީޒަންގައި ކުޅުނު ހަތަރު މެޗުގައި ވެސް ބާސާގެ ގޯލެއްގައި ހިއްސާ ވެފަ އެވެ. ލީގުގެ ފުރަތަމަ ތިން މެޗުން އޭނާ ވަނީ ދެ ގޯލު ޖަހައި ތިން ގޯލު އެސިސްޓް ކޮށްފަ އެވެ.

ކުރިން އެއްވަނައިގައި އޮތް ރެއާލް މެޑްރިޑް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވާދަވެރި އެތުލެޓިކޯ އަތުން ބަލިވެފައި ވުމާ އެކު، ބާސާ އެއްވަނައަށް ޖެހިލީ ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓުގެ ފައިދާ އިން ހަތް މެޗުން ޖުމްލަ 19 ޕޮއިންޓް ހަމަކޮށްގެންނެވެ. ރެއާލަށް ލިބިފައި ވަނީ 18 ޕޮއިންޓެވެ.

"މިއީ މުޅި ޓީމުގެ މަސައްކަތުން ހޯދި މޮޅެއް. އެ މީހުންނަށް އެނގުނު ކުޅެންވީ ގޮތް، އަދި ވަރަށް ބުރަކޮށް މަސައްކަތް ވެސް ކުރި. މިއީ ހައްގު މޮޅެއް،" މެޗަށް ފަހު ބާސާގެ ކޯޗު ފްލިކް ބުންޏެވެ.

"މަސައްކަތް ވަރަށް ރަނގަޅު، އެކަމަކު އަދިވެސް [އަމާޒަށް ވާސިލުވާން] އޮތީ ދިގު ރާސްތާއެއް. މާދަމާ ޖެހޭނެ ޕީއެސްޖީ މެޗަށް ތައްޔާރު ވާން ފަށަން."

ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ނިއުކާސަލް ޔުނައިޓެޑާ ވާދަކޮށް ބާސެލޯނާ މޮޅުވެފައި ވާއިރު، ދެވަނަ މެޗުގައި ބުދަ ދުވަހުގެ ރޭ ބާސާ އަމިއްލަ ދަނޑުގައި ޕީއެސްޖީއާ ދެކޮޅަށް ނުކުންނާނެ އެވެ.