ތުހުމަތުތަކާ އެކު އެމްޑީޕީން ބުނީ ސިޔާސީ ރިޕޯޓެއް ކަމަށް
ތުހުމަތުތަކާ އެކު އެމްޑީޕީން ބުނީ ސިޔާސީ ރިޕޯޓެއް ކަމަށް

އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ ނެރުއްވި އޮޑިޓް ރިޕޯޓުގައި ބަޔާން ކޮށްފައިވީ ނަމަވެސް އެއީ "ސިޔާސީ ބޭނުމެއްގައި" ނެރުނު ރިޕޯޓެއް ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޮޑިޓާ ޖެނެރަލް ނިޔާޒީ ނެރުއްވި ރިޕޯޓްގައި ބަލާފައި އޮތީ 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ހިދުމަތާއި ތަކެތި ހޯދުމުގައި ފެނަކަ އިން އަމަލު ކޮށްފައިވާ ގޮތެވެ. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ އެތައް މުއާމަލާތެއް އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.

ހާއްސަކޮށް އެ ދުވަސްވަރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވި އަހުމަދު ސައީދަށް ކޮރަޕްޝަންގެ އެތައް ތުހުމަތުތަކެއް ކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ބީލަމަށް ނުލައި އެތައް ޕްރޮޖެކްޓެއް ދޫކުރުމާއި ސައީދުގެ އާއިލީ ކުންފުނިތަކަށް ފެނަކައިން 49 މިލިޔަން ރުފިޔާގެ މަސައްކަތް ދިނުމާއި ފެނަކައިން ރަށްރަށުގައި ހިންގި މަޝްރޫއުތަކަށް ދޫކުރަންޖެހޭ ފައިސާގެ ތެރެއިން މުވައްޒަފުންގެ އެކައުންޓުތަކަށް 26 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ދޫކުރުން ފަދަ ކަންކަން ހިމެނެ އެވެ. އެ ނޫން ވެސް އެތައް ކަމެއް އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ވެ އެވެ.

އެ ތުހުމަތުތަކާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ބަޔާން ކޮށްފައި ވަނީ ސައްހަ މައުލޫމާތުތަކެއްތޯ ކަށަވަރު ކުރުމުގެ މަސައްކަތް އެ ޕާޓީން ކުރަމުން އަންނަ ކަމަށެވެ.

"އެމްޑީޕީގެ ސަރުކާރުގައި ދައުލަތުގެ އިދާރާތަކާއި ކުންފުނިތައް މެދުވެރިކޮށް ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާ ނަމަ އެ ކަމެއް ބަލައި އިންސާފުވެރި ޝަރީއަތަކުން ގޮތް ކަނޑައެޅުމަށް މި ޕާޓީން މަރުހަބާ ކިޔަމެވެ. ސަރުކާރުގެ ޕްރޮފަގަންޑާ މެޝިނުން ފަތުރަމުން އަންނަ ތޯތޯ ވާހަކަތައް މި ޕާޓީން ޖަވާބުދާރީ ވާނީ އިންސާފުވެރި ޝަރީއަތުގެ މަޖިލިހެއްގަ އެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

އެ ޕާޓީން ތުހުމަތުކުރި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ނެރުނީ "ސިޔާސީ ބަޔަކު ލިޔެފައިވާ" އޮޑިޓް ރިޕޯޓެކެވެ.

އެމްޑީޕީން ބުނީ، ފެނަކައިގެ އޮޑިޓް ރިޕޯޓު ނެރުނުއިރު، އެ ކަމުގައި ޝާމިލުވި މީހުންނާއި ކުންފުނިތަކާ އެއްވެސް ސުވާލެއް ކޮށްފައި ނެތް ކަމަށެވެ. އެ ކަން އެ ގޮތަށް ކުރުމަކީ އެއީ ސިޔާސީ ރިޕޯޓެއް ކަން ސާބިތުވާ ކަމެއް ކަމަށް ވެސް ބުންޏެވެ.

އެމްޑީޕީން ބުނިގޮތުގައި، އަންނަ މަހުގެ ތިނެއްގައި އެ ޕާޓީން ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުން އަންނަ މި ދަނޑިވަޅުގައި ފެނަކައިގެ އޮޑިޓް ރިޕޯޓު ނެރުނީ އެ ހަރަކާތައް އޮތް ތާއީދު ފެނުމުންނެވެ.

އެމްޑީޕީން ތުހުމަތު ކުރި ގޮތުގައި، ސަރުކާރުން ފުލުފުލުގައި ނެރެނީ ސިޔާސީ ރިޕޯޓުތަކެކެވެ. އަދި ނެރެނީ ވެސް ސިޔާސީ ހުކުމްތައް ކަމަށް އެ ޕާޓީގެ ބަޔާނުގައި ބުންޏެވެ.

ފެނަކައިގައި 2021 އިން 2023 ހިންގި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހިމެނޭ ރިޕޯޓު އޮޑިޓަ ޖެނެރަލް ނިޔާޒީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އާންމުކުރެއްވި ނަމަވެސް އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަންގެ އޭރުގެ ރައީސް މަރިޔަމް ޝިއުނާ ވެސް އޮތީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް އެ ކަންކަން ގެންނަވައިފަ އެވެ. އެ ރިޕޯޓުގައި، ފެނަކައިގެ ތެރޭގައި ކޮރަޕްޝަންގެ ހާލަތާއި އެ މައްސަލަތައް ތަހުގީގު ކުރުމުގައި އޭސީސީ އަށް ދިމާވާ ގޮންޖެހުންތައް ވެސް ވަނީ ހިމަނައިފަ އެވެ.

އެ ގޮތުން ފެބްރުއަރީ 8، 2021 ގައި ޝިއުނާ ސޮއިކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެ މައްސަލަތަކުގެ ރިޕޯޓެއް ފޮނުއްވި އެވެ. އޭރު ވެސް އޭސީސީން އައީ އެ ކުންފުންޏާ ގުޅޭ 22 މައްސަލައެއް ބަލަމުންނެވެ. އޭގެ ތެރޭގައި ފެނަކައިގެ އޭރުގެ އެމްޑީ ސައީދަށް ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތައް ހިމެނުނުއިރު އޭރު ވެސް ދިފާއުގައި އޭނާ ވިދާޅުވެފައި ވަނީ "ސިޔާސީ ގޮތުން ރޭވުމެއް" ކަމަށެވެ.

އެ މައްސަލަތައް އޭރު އޭސީސީގެ ސަމާލުކަމަށް ގެނައީ ފެނަކައިގެ މުވައްޒަފުންތަކެކެވެ.

އޭސީސީގެ އޭރުގެ ތުހުމަތުތަކަށް ފަހު އެމްޑީ ސައީދު އޭޕްރީލް 8، 2021 ގައި ވިދާޅުފައި ވަނީ އިސްލާހުކުރަން އެ ކޮމިޝަނުން އެންގި ކަންކަން ތަންފީޒު ކޮށްފައިވާ ކަމަށެވެ.

ފެނަކައިގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ސެޕްޓެމްބަރު 2022 ގައި އެ މަގާމުން އިސްތިއުފާ ދެއްވި މައިގަނޑު ސަބަބެއް ކަމަށް ވެސް ވިދާޅުވީ ކޮރަޕްޝަންގެ ތުހުމަތެވެ.

"މަނިކުފާނާ ގުޅުމެއް ނެތް ވިޔަފާރިތަކުގެ ބިލްތަކަށް ފައިސާ ނުދެއްކުމާއި ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި ނުހިމެނޭ އެތައް ކަމެއް މަނިކުފާނާއި ޗެއާމަން އަށް ފައިދާވާ ގޮތަށް ކުރަން ފެށުމުން އެތައް ކުދިވިޔަފާރި އަކަށް މިއަދު އެކަމުގެ އަނިޔާ ދަނީ ލިބެމުންނެވެ،" އިބުރޭގެ އިސްތިއުފާގެ ސިޓީގައި ފެނަކައިގެ އޭރުގެ އެމްޑީ ސައީދާއި އޭރުގެ ޗެއާމަން މުހައްމަދު ރަޝީދަށް ނިސްބަތް ކުރައްވައި ވިދާޅުވެފައި ވެ އެވެ.

"މަނިކުފާނަށް ތުހުމަތުކުރެވޭ ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ގިނަ އަމަލުތަކެއް ތަކުރާރު ނުވާނޭ ގޮތަށް ކުންފުނީގެ ގަވައިދު ބަދަލުކުރަން ދައުލަތުގެ މުއައްސަސާތަކުން އަންގަވާ އެންގެވުންތައް ކުންފުނީގެ ބޯޑު ބޭނުންކުރައްވައިގެން ޗެއާމަން ދަނީ ފޮރުވަމުންނެވެ."

އޮޑިޓަ ޖެނެރަލް ނިޔާޒީ ބުރާސްފަތި ދުވަހުގެ ރޭ ނެރުއްވި އޮޑިޓް ރިޕޯޓުގައި ސައީދަށާއި ފެނަކަ އަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވީ ނަމަވެސް އެހެން މައްސަލައެއްގައި ކޮރަޕްޝަންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން މިއަދު ހަވީރު ވަނީ ހަތަރު އަހަރުގެ މުއްދަތަށް ސައީދު ޖަލަށް ލާން ހުކުމް ކޮށްފަ އެވެ.

އޭނާގެ މައްޗަށް ޖަލު ހުކުމް އައީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގަ އެވެ.

ސައީދުގެ އިތުރުން ފެނަކައިގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ. އެކަމަކު، އޭނާގެ ބައި މިއަދަކު ނެތެވެ.

ފެނަކައިގެ އޮޑިޓް ރިޕޯޓު އެންމެންގެ ސަމާލުކަމަށް އައިއިރު، އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ނިމި އޮތީ ހުކުމާ ހަމައަށް އައިސްފަ އެވެ.