28 ސެޕްޓެމްބަރ 2025 - 20:28

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓްގައި، ސިޔާސީ މަސައްކަތުގައި އުޅޭ މަޝްހޫރު އެކްޓަރެއް ކަމަށްވާ ވިޖޭ ބޭއްވި އެއްވުމުގައި ފިތި ބާރުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 40 އަށް އަރާފައިވާ ކަމަށާއި އެ މައްސަލައިގައި އިހުމާލާއި އިހުމާލުން މީހުން މަރުވުމުގެ ތުހުމަތުކޮށް ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އާންމު މަގެއްގައި އިއްޔެ ބޭއްވި އެއްވުމުގައި ވިޖޭ ދެކިލަން ގާތްގަނޑަކަށް 27،000 މީހުން ޖަމާވި އެވެ. މީހުން މަރުވީ އެއްވުމުގެ ތެރޭގައި އުފެދުނު ހާސްކަމެއްގައި މީހުން އުޅެގަތް ގޮތުން ކަމަށް ވަނީ ބެލެވިފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ފިތެން މެދުވެރިވީ ވިޖޭ ދެކެލަން ބައެއް މީހުން ކުރިއަށް އަރައި ބެރިކޭޑް ހުރަސްކޮށް ދާން އުޅުމުންނެވެ.
މަރުވި މީހުންގެ ތެރޭގައި ނުވަ ކުޑަކުދިން ވެސް ހިމެނެ އެވެ.
އިންޑިއާގައި ބާއްވާ ބޮޑެތި އެއްވުންތަކުގައި މިފަދަ ހާދިސާތައް ހިނގުމަކީ އާންމު ކަމެކެވެ.
ފުލުހުން ބުނީ ވިޖޭގެ އެއްވުމުގައި މީހުން މަރުވި މައްސަލައިގައި ތުހުމަތުކުރަނީ ވިޖޭގެ ޕާޓީގެ އިސް ތިން މެމްބަރަކަށް ކަމަށެވެ. އެއީ ބުސީ އާނަންދު، ޖީއާރް ނިރްމަލް ކުމާރު އަދި ވީޕީ މަތިޔާޒަގަން ކަމަށް ބުންޏެވެ.
"މިހާރު މައްސަލަ ވަނީ ބަލަން ފަށާފައި. އެކަމުގައި ޝާމިލުވާ އެންމެން ތަހުގީގުން ހާމަވާނެ،" ސީނިއާ ޕޮލިސް އޮފިސަރު އެސް ޑޭވިޑްސަން ދޭވްސިރްވަތަމް ވިދާޅުވި އެވެ.
މި ތިން މީހުންނަށް ވެސް ކޮށްފައިވަނީ މީހަކު މެރުމުގެ ގަސްތެއް ނެތި ކުރި ފަރުވާ ކުޑަކުރުމުގެ އަމަލަކުން މީހަކު މަރުވުމާއި އިމާލުގެ ތުހުމަތެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި މީހުން ގިނަވެ ހާސްކަން ބޮޑުވީ އެއްވުން ނުފެށި ލަސްވެގެން ދިއުމާއި އެއްވެފައި ތިބި މީހުންގެ ތެރެއަށް ގަސްގަހުގެ ގޮފިތަކުގައި އެލިގެން މީހުން ފޭބުން ފަދަ ކަންކަން ކުރަން ފެށުމުންނެވެ.
ކަރޫރް ޑިސްޓްރިކްޓުގައި ހާދިސާ ހިނގި އިރު ވިޖޭ ހުރީ ސްޓޭޖްގައި ވާހަކަ ދައްކާށެވެ. އެކަމަކު މީހުން ފިތި ނުރައްކާ ހާލަތަށް ދިއުމުން ޖެހުނީ ވާހަކަ ހުއްޓާލާށެވެ.
މީހުން މަރުވި ހާދިސާއާ މެދު ހިތާމަކުރާކަން ހާމަކޮށް ވިޖޭ ވަނީ، މަރުވި ކޮންމެ މީހެއްގެ އާއިލާއަށް ދެ މިލިއަން ރުޕީސް (22،000 ޑޮލަރު) ދޭނެ ކަމަށް ބުނެފަ އެވެ.
ދީނީ އެއްވުންތަކާއި މީހުން ގިނަވާ އެކި އިވެންޓްތަކުގައި އިންތިޒާމްތަކުގެ ދޯދިޔާކަމުގެ ސަބަބުން، ފިތި ބާރުވުމުގެ ހާދިސާތައް ހިނގުމަކީ އިންޑިއާގައި އާންމު ކަމެކެވެ.
މި އަހަރުގެ ޖެނުއަރީ މަހު އިންޑިއާގެ ކުމްބް މޭލާގައި ވެސް ފިތި ބާރުވެގެން 30 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވި އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު އުއްތަރަ ޕްރަދޭޝްގެ އުތުރުގައި ހިންދޫންގެ ދީނީ އެއްވުމެއްގައި ވެސް 121 މީހަކު ވަނީ މަރުވެފަ އެވެ. -- އޭއެފްޕީ