28 ސެޕްޓެމްބަރ 2025 - 18:57

އަސާސީ ހައްގުތަކާއި މިނިވަންކަމާ ބެހޭ ގޮތުންނާއި މުދަލުގެ ޒަކާތާ ބެހޭގޮތުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި މުހިންމު ދެ ފޮތެއް މިއަދު ނެރެފި އެވެ.

"ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން" ގެ ނަމުގައި ސުއޫދު ލިޔުއްވި ފޮތާއި "މުދަލު ޒަކާތް ހިސާބުކުރުން" ގެ ނަމުގައި ސުއޫދު ލިޔުއްވި ފޮތް ނެރެދެއްވީ މިއަދު ހަވީރު ނޭޝަނަލް ލައިބްރަރީގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ރައީސް އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒެވެ.

އެ ރަސްމިއްޔާތުގައި ސުއޫދު ވިދާޅުވީ އަސާސީ ހައްގުތަކާ ބެހޭގޮތުން ލިޔުއްވި ފޮތަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމާ ބެހޭގޮތުން އޭނާ ލިޔުއްވާ ސިލްސިލާގެ ފުރަތަމަ ވޮލިއުމް ކަމަށެވެ. ގާނޫނުއަސާސީން ލިބިދޭ ކޮންމެ ހައްގެއްގެ ބޭނުމާއި އެ ހައްގު ކަށަވަރު ކޮށްދިން ސަބަބާއި އެ އިން ކޮންމެ ހައްގަކާ ބެހޭގޮތުން ރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ހުރިހާ ނިންމުންތަކެއް އެ ފޮތުގައި ހިމަނާފައިވާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
"ގާތްގަނޑަކަށް އަޅުގަނޑަށް ހީވަނީ 100 ޕަސެންޓް ކޮމްޕްލީޓް ވާނެ ހެން މިހާތަނަށް ރާއްޖޭގެ ގާނޫނު އަސާސީގެ ކޮންމެ މާއްދާއެއް ކޯޓުތަކުން މާނަކޮށް، ތަތުބީގުކޮށްފައި ހުރި ގޮތް،" ސުއޫދު ވިދާޅުވި އެވެ.
މީގެ އިތުރުން ގާނޫނުއަސާސީ މާނަކުރާނެ ގޮތުގެ މައްޗަށް ވެސް އެ ފޮތުގައި އަލިއަޅުވާލާފައިވާނެ ކަމަށް ކުރިން ބަންޑާރަ ނައިބުކަން ވެސް ކުރެއްވި ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވި ގޮތުގައި މުދަލުގެ ޒަކާތް ހިސާބު ކުރާނެ ގޮތާ ބެހޭގޮތުން ފޮތެއް ލިޔުއްވީ މުދަލުގެ ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް ހުރި އޮޅުންތައް ސާފުކޮށްދިނުމާ އެކު، އެކަމުގައި އަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކޮށް ދިނުމަށް ކަމަށެވެ. އެކަމުގައި ބައެއް ފަރާތްތަކަށް އޮޅުން އަރާ ކަންކަން ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ފޮތް ނެރެދެއްވުމަށް ފަހު، މުއިއްޒު ވިދާޅުވީ ގާނޫނުއަސާސީއާ އެކު މުހިންމު ބަދަލުތަކެއް ގާނޫނީ ނިޒާމަށް އައިސްފައިވާއިރު، އަސާސީ ހައްގުތަކާ ބެހޭގޮތުން ސުއޫދު ލިޔުއްވި ފޮތުގައި 52 ޗެޕްޓަރެއްގެ މައްޗަށް 500 އަށް ވުރެ ގިނަ ސޮފްހާ ހިމެނޭ ކަމަށެވެ. އެއީ ބޮޑު މަސައްކަތެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އެ ދެ ފޮތް މޯލްޑިވްސް ލޯ އިންސްޓިޓިއުޓް މެދުވެރިކޮށް ގަންނަން ލިބޭނެ އެވެ.
ސުއޫދު ކުރިން ވެސް ވަނީ ގާނޫނީ އެކި ކަންކަމާ ބެހޭގޮތުން ގިނަ ފޮތްތަކެއް ލިޔުއްވައިފަ އެވެ.