28 ސެޕްޓެމްބަރ 2025 - 16:16

މާލޭގެ މަސް މާރުކޭޓު ކައިރީގައި ހިންގާ "ލިލީ ސަޕްލައި ބާޒާރު 1" ފިހާރައިގައި ރޭ ދަންވަރު ރޯވި އަލިފާނުގެ ސަބަބުން، އެ ފިހާރަ ހުރި ދެބުރީގެ އިމާރާތް މުޅިން އަނދައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމުން ލިބުނު ގެއްލުން 30 މިލިޔަން ރުފިޔާ އަށް އަރާ ކަމަށް އެ ލީލީ އިންޓަނޭޝަނަލުން ބުނެފި އެވެ.

ލިލީ އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު އާމިރު މަންސޫރު "މިހާރު" އަށް ވިދާޅުވީ އެ އިމާރާތުގެ ފުރާޅާ އެކު އަނދައި، ހަލާކުވެފައިވާ ކަމަށާއި އެ ތަން ދެން ޖެހޭނީ އެއްކޮށް ތަޅާލަން ކަމަށެވެ. ހާދިސާ ހިނގި އިރު އެ ތަނުގައި ހުރި މުދަލުގެ އަގު 10 މިލިޔަން ރުފިޔާ އަށް އަރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބިލްޑިންގާއި އެތާ ހުރި އެއްޗިއްސާ އެކު ބަލާއިރު އެއީ 30 މިލިއަން ރުފިޔާގެ ގެއްލުން. އެ ތަނުގައި ހުރި މުދަލުގެ އަގު އެކަނި ވެސް 10 މިލިއަން ރުފިޔާ އަށް އަރާ،" އާމިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެބުރިއަށް ހަދާފައި ހުރި އެ އިމާރާތުގެ މަތީ ބުރީގައި ހުރީ ހިކިމުދަލެވެ. އިމާރާތުގެ ތިރީ ގައި ހުރީ ގަނޑުކޮށްގެން ގެންގުޅޭ ބާވަތްތައް ބަހައްޓާ ކޯލްޑް ރޫމެކެވެ.
އެއީ އާމިރު ވިދާޅުވި ގޮތުގައި މުޅި ބާޒާރަށް ހޯލްސޭލް ކުރާ ބާވަތްތަކެވެ.
ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އިމްޕޯޓުކޮށް، ހޯލް ސޭލް އަދި ރީޓެއިލްކޮށް ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ލިލީގެ އެ ފިހާރާގައި ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ އެމްއެންޑީއެފުން ބުނި ގޮތުގައި ރޭ މެންދަމުން އަލިވެ 1:00 ހާއިރު އެވެ.
އޭރުން ފެށިގެން ކުރި މަސައްކަތުން، އަލިފާންގަނޑު ނިއްވައިލެވުނީ 2:30 ވި ފަހުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު ފަޔަފައިޓަރަކު ހާލު ދެރަވެގެން ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނު ކަމަށާއި މި ހާދިސާގައި އިތުރު މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ނެތް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ސިފައިން ބުނީ އަލިފާން ރޯވި ތަނުގައި ހުރި ގިނަ އަދަދެއްގެ މުދާ އަނދާފައިވާ ކަމަށެވެ. އަދި އެތަނުގެ ފުރާޅުން ވެސް ބައެއް ވެއްޓި ގެއްލުން ވެފައިވާ ކަމަށް ބުންޏެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަބަބެއް އަދި ނޭނގެ އެވެ.