ކޮންޓެންޓް ކްރިއޭޓަރުންނަށް 500،000ރ. އާ ހަމަށް ލިބޭ ލޯނަށް ހުޅުވާލައިފި
ކޮންޓެންޓް ކްރިއޭޓަރުންނަށް 500،000ރ. އާ ހަމަށް ލިބޭ ލޯނަށް ހުޅުވާލައިފި

ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަކޮށްގެން ދޫކުރާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ހުޅުވާލައިފި އެވެ.

ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަކޮށް ލޯނު ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ.

އެސްޑީއެފްސީން ބުނި ގޮތުގައި ރަހުނަކާ އެކު 500،000ރ. އަދި ރަހުނަކާ ނުލައި 150،000ރ. ގެ ލޯނު ދޭނެ އެވެ.

މިއީ ކޮންޓެންޓް ކްރިއޭޓަރުން ބާރުވެރިކޮށް، ރާއްޖޭގެ ކްރިއޭޓިވް އިގްތިސާދަށް ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދައިދިނުމުގެ މަގްސަދުގައި ދޭ ލޯނެއް ކަމަށް އެސްޑީއެފްސީން ބުންޏެވެ.

ޑިޖިޓަލް ކޮންޓެންޓް އުފައްދާ ފަރާތްތަކާއި އިންފްލުއެންސަރުންނާއި ވީޑިއޯގްރާފަރުންނަށް އެ މީހުންގެ ވަސީލަތްތައް އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ އިތުރުން އާ ފުރުސަތުތަކެއް މި ލޯނުން ފަހިކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.

އެސްޑީއެފްސީން ބުނީ އަހަރަކު 9.5 ޕަސެންޓުގެ އިންޓަރެސްޓުގައި ރޭޓެއްގައި ދޭ އެ ފެސިލިޓީގެ ފައިސާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށާއި ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ލިބޭނެ ކަމަށެވެ.

އެ ލޯނު ސްކީމުގައި ލިބޭ ފައިސާއިން އިކުއިޕްމަންޓް ގަތުމާއި އުފެއްދުމުގެ ހަރަދުތައް ކަވަރުކުރުމާއި ކްރިއޭޓިވް އެންޓަޕްރައިސަސްތައް ސްކޭލް ކުރުމަށް ކޮންމެހެން ބޭނުންވާ ވިޔަފާރީގެ އެކި ހަރަދުތައް ފޫބެއްދޭނެ ކަމަށް ވެސް އެސްޑީއެފްސީން ބުންޏެވެ.

އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓާ ބަދުރުއްދީން ހަސަން ވިދާޅުވީ ކްރިއޭޓިވް އިކޮނޮމީ އަކީ ދުނިޔޭގައި އެންމެ ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ އެއް ދާއިރާކަމަށާއި މި ލޯނުގެ މައިގަނޑު ބޭނުމަކީ ދިވެހި ކްރިއޭޓަރުންގެ މަސައްކަތް ދުނިޔޭގެ ފެންވަރުގައި ދެއްކޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

"މިއީ ހަމައެކަނި ފައިނޭންސިން ޕްރޮޑަކްޓެއް ނޫން. މިއީ ކްރިއޭޓިވް ހުނަރާއި އުފެއްދުންތެރިކަމާއި ގައުމުގެ އިގްތިސާދީ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް،" ބަދުރުއްދީން ވިދާޅުވި އެވެ.

އެސްޑީއެފްސީގެ ވެބްސައިޓުން އެމްއެމްއީ ޕޯޓަލަށް ވަދެ، މިހާރު އެ ލޯނަށް އެދި ހުށަހެޅޭނެ އެވެ.