ފެނަކައިގެ ކުރީގެ އެމްޑީ ސައީދަށް ކުރި ދައުވާއެއްގެ ހުކުމް މިއަދު އިއްވަނީ
ފެނަކައިގެ ކުރީގެ އެމްޑީ ސައީދަށް ކުރި ދައުވާއެއްގެ ހުކުމް މިއަދު އިއްވަނީ

ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދު ހުންނެވި އިރު އެ ކޯޕަރޭޝަންގެ ތެރޭގައި ހިންގި ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އަމަލުތަކުގެ ތެރެއިން ތަހުގީގުކޮށް ނިމި ދައުވާ ކޮށްފައިވާ މައްސަލައެއްގައި ހުކުމް އިއްވުމުގެ ޝަރީއަތެއް ކްރިމިނަލް ކޯޓުގައި ފަށައިފި އެވެ.

ސައީދުގެ އިތުރުން އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ދައުވާ ކުރީ ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގަ އެވެ.

އެ މައްސަލައިގައި ބްލޭޒް ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދާއިދީފައިވާ މައްސަލާގައި ސައީދު އަދި ދީނާގެ މައްޗަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލާނެ އެވެ.

ސައީދުގެ މައްޗަށް މިއަދު އިއްވަނީ ކުރިން ޝަރީއަތް ފަށައި، އަޑުއެހުންތައް ނިމި މިއަދަށް ތާވަލް ކޮށްފައިވާ މައްސަލައެއްގެ ހުކުމެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި ފެނަކައިގެ އެ ނިންމުމުގެ ސަބަބުން ނުވަ ލައްކައަށް ވުރެ ބޮޑު ގެއްލުމެއް ލިބުނެވެ. .

ފެނަކައިގެ މައްސަލައެއްގައި ސައީދަށް ކުރި ދައުވާގެ ހުކުމް މިއަދު ކުރާ އިރު އޭސީސީން މިހާރު ވެސް އަންނަނީ އޭނާއާ ގުޅޭ ބޮޑެތި މައްސަލަތަކެއް ބަލަމުންނެވެ. އެ މައްސަލަތަކާ ގުޅިގެން ޕާސްޕޯޓް ވެސް ހިފެހެއްޓި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސައީދު ފެނަކަ ހިންގެވިއިރު ހިޔާނާތުގެ ވަރަށް ބޮޑެތި ތުހުމަތުތައް އެ ކުންފުންޏަށް އަމާޒުވި އެވެ. އަދި ވަކި ބަޔަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ޕްރޮޖެކްޓް ހަވާލުކުރުން ފަދަ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް އެމްޑީޕީގެ އެ ވެރިކަމުގައި 2021 ގައި އޭރު ހުށަހެޅި އެވެ.

އެ މައްސަލަތައް ހިމެނޭ ރިޕޯޓެއް ވެސް އޭސީސީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެބްރުއަރީ 2021 ގައި ފޮނުވި ނަމަވެސް ވެރިކަން ނިމުނީ ސަރުކާރުން ވެސް އަދި އޭސީސީން ވެސް އެއްވެސް ފިޔަވަޅެއް ނޭޅި އެވެ.

އެމްޑީޕީގެ ފަހުގެ ސަރުކާރުގެ ދުވަސްވަރު ފެނަކަ މެދުވެރިކޮށް، ކޮރަޕްޝަނުގެ އެތައް ކަމެއް ހިންގާފައިވާ ކަމަށް އޮޑިޓާ ޖެނެރަލް މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އޮޑިޓް ރިޕޯޓްގައި ވެސް ތުހުމަތު ކޮށްފައި ވެ އެވެ.