ގާސިމްގެ ހާލުކޮޅު ރަނގަޅުވެ، ހޮސްޕިޓަލުން ދޫކޮށްލައިފި
ގާސިމްގެ ހާލުކޮޅު ރަނގަޅުވެ، ހޮސްޕިޓަލުން ދޫކޮށްލައިފި

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސިއްހީ ހާލުކޮޅު ރަނގަޅުވެ، ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމްގެ ހާލުކޮޅު ގޯސްވެ، އައިޖީއެމްއެެޗުގައި ފަރުވާދޭން ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ.

ގާސިމްގެ ގާތް ބޭފުޅަކު ވިދާޅުވި ގޮތުގައި ގާސިމަށް ހޮސްޕިޓަލުގައި ފަރުވާދޭން ފެށީ ސަން އައިލެންޑް ރިސޯޓުގައި ހުންނަވަނިކޮށް "އުނދަގޫތަކެއް" ވެގެންނެވެ.

އެހެންވެ، ޕްރެޝަރު ބޮޑުވެދާނެ ކަމުގެ ބިރަށް ލޯންޗުގައި މާލެ ވަޑައިގެން، އައިޖީއެމްއެޗަށް ވަޑައިގަތުމުން އެޑްމިޓްކޮށް ފަރުވާދީފަ އެވެ. އެކަމަކު ހާލުކޮޅު ސްޓޭބަލްވުމުގެ ސަބަބުން މިހާރު ގާސިމް ވަނީ ގެއަށް ދޫކޮށްލައިފަ އެވެ.

ގާސިމަކީ ހިތުގެ އާލާސްކަންފުޅާ އުޅުއްވާތީ ކުރިން ވެސް ފަރުވާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

މީގެކުރިން 2017 ވަނަ އަހަރު ވެސް ގާސިމްގެ ހިތުގެ އާލާސްކަންފުޅަކާ ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް، ފަރުވާ ދީފައިވެ އެވެ. އަދި އޭރު އެކަމަށް އިތުރަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރާއި ޖަރުމަނަށް ވެސް ވަޑައިގަތެވެ.