އުދައްޔުގެ މަރު: ކުށް ސާބިތުވި ދެ މީހުން މެރުމަށް ހުކުމްކޮށްފި
އުދައްޔުގެ މަރު: ކުށް ސާބިތުވި ދެ މީހުން މެރުމަށް ހުކުމްކޮށްފި

ގއ. މާމެންދޫގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި އަހުމަދު އުދައްޔުގެ މަރުގެ މައްސަލާގައި، ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވި ދެ މީހުން މެރުމަށް ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.

އުދައްޔުގެ މަރު: ކުށް ސާބިތުވި ދެ މީހުން މެރުމަށް ހުކުމްކޮށްފި
އުދައްޔުގެ މަރު: ކުށް ސާބިތުވި ދެ މީހުން މެރުމަށް ހުކުމްކޮށްފި

ފެބްރުއަރީ، 2021 ގައި މާމެންދޫގައި ހިންގި މާރާމާރީގައި އުމުރުން 17 އަހަރުގެ އުދައްޔު މަރާލި މައްސަލާގައި، ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައިވަނީ ގއ. މާމެންދޫ ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެރަށު ގުލްފާމްގޭ މުހައްމަދު މާޒިންގެ މައްޗަށެވެ.

އެ މައްސަލާގައި ދެން ދައުވާލިބުނު އެރަށު ބިލަތްމާގޭ ޝަރަފް ރަޝީދުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާކުރި ނަމަވެސް އެ ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ. ނަމަވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން އެހެން މީހަކާ މެދު މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށް ޝަރަފްގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ. އަދި މާޒިންގެ މައްޗަށް ވެސް އެ ކުށް ސާބިތުވި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވިދާޅުވީ އުދައްޔުގެ ވާރިސުން ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށްވާތީ ޝަމީމާއި މާޒިން މެރުމަށް ހުކުމް ކުރެއްވީ ކަމަށެވެ. އަދި މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގައި މާޒިން 10 އަހަރަށް ޖަލަށްލާން ހުކުމް ކުރެއްވީ ކަމަށް ގާޒީ ވިދާޅުވި އެވެ.

މީގެ އިތުރުން މާރާމާރީ ހިންގުމުގެ ކުށް ސާބިތުވި ޝަރަފް ހަތް އަހަރަށް ޖަލަށްލާން ހުކުމް ކުރެއްވީ ކަމަށް ގާޒީ ނަދީމް ވިދާޅުވި އެވެ. ނަމަވެސް އެ ދެ މީހުން ވެސް ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރަން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އަދަބު ކަނޑައެޅުމުގެ ކުރިން، އުދައްޔުގެ ވާރިސުންގެ ބަސް ހޯދުމަށް މިއަދު ބޭއްވި އަޑުއެހުމުގައި އުދައްޔުގެ ބައްޕަ ބުނީ އެ މީހުންނަށް ދޭން ބޭނުންވަނީ އެންމެ ބޮޑު އަދަބެއް ކަމަށެވެ. އެހެންވެ، އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތަށް މަރުގެ އަދަބު ދޭން އޭނާ އެދުނެވެ.

އުދައްޔުގެ މަންމަ ބުނީ ޝަމީމާއި މާޒިން ކުރި ކަންތައް އެ މީހުން އަމިއްލައަށް ތެދުބަހުން ކިޔައިދީފިނަމަ މައާފް ދޭން ތައްޔާރަށް ހުރި ކަމަށެވެ. އަދި އެ މީހުންނަށް މައާފް ދޭން ބައެއް މީހުން އެދުނަސް، އުދައްޔު މަރާލި ރޭ ހިނގި ކަންކަން މިހާރު ވެސް ހަނދާނުގައި އެބަހުރި ކަމަށް ރޮމުން އޭނާގެ މަންމަ ބުންޏެވެ.

އެގޮތުން ދައުވާލިބޭ މާޒިން، އެ އަމަލު ހިންގުމަށްފަހު ތިމަންނައަކީ "ކިންގް" ކަމަށް ބުނެ އެރޭ ވާހަކަ ދެއްކިކަން މިހާރު ވެސް ހަނދާނުގައި އެބަހުރި ކަމަށް އުދައްޔުގެ މަންމަ ބުންޏެވެ.

އެގޮތަށް ބުނުމުން، ގާޒީ ނަދީމް ވިދާޅުވީ މަރުގެ އަދަބާ މެދު ގޮތް ނިންމަން ޖެހޭނީ އެ މީހަކު އަމިއްލައަށް ކަމަށާއި އެހެން މީހަކު ބުނާ ގޮތެއް ހަދަން ނުޖެހޭނެ ކަމަށެވެ. އެހެންވެ، އުދައްޔުގެ މަންމަ ބޭނުންވާ ގޮތެއް އިހްތިޔާރު ކުރުމަށް ގާޒީ އެދިވަޑައިގަތެވެ.

އެގޮތަށް ގާޒީ ވިދާޅުވުމުން، އުދައްޔުގެ މަންމަ ބުނީ ބޭނުންވަނީ މަރަށް މަރު ކަމަށެވެ.

"ހަމަ މަރަށް މަރު މަ ބޭނުމީ، ނަފްސަކަށް ނަފްސެއް މަ ބޭނުމީ." އުދައްޔުގެ މަންމަ ބުންޏެވެ.

އުދައްޔުގެ މަންމަގެ އެ ވާހަކަތަކާ ގުޅިގެން، ވާހަކަ ދެއްކުމުގެ ފުރުސަތު ޝަމީމާއި މާޒިންއަށް ގާޒީ ދެއްވި އެވެ. އެ ފުރުސަތު، އެ ދެ މީހުން ވެސް ބުނީ އުދައްޔުއަށް އަނިޔާވާ ފަދަ އެއްވެސް ކަމެއްގައި އެ މީހުން ބައިވެރިނުވާ ކަމަށެވެ.

އެ މީހުންގެ ވާހަކަތަކަށް ފަހު، އުދައްޔުގެ މަންމަ އާއި ބައްޕައާ ދެވަނަ ފަހަރަށް ގާޒީ ސުވާލު ކުރެއްވި އެވެ. އެ ފުރުސަތުގައި އެ ދެ މީހުން އަނެއްކާވެސް ބުނީ ބޭނުންވަނީ މަރަށް މަރު ކަމަށެވެ.

ދައުލަތުން ބުނީ އުދައްޔުއަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ހޮސްޕިޓަލަށް ގެންދިޔައިރު، ދައުވާލިބޭ މީހުން ތިބީ އުފާ ފާޅުކުރަން ކަމަށެވެ. އަދި އުދައްޔުގެ މަންމަ އާއި ބައްޕަ ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށްވާތީ މަރުގެ އަދަބު ދޭން ދައުލަތުން އެދުނެވެ.

ޝަމީމާއި މާޒިންގެ ވަކީލް ވިދާޅުވީ އުދައްޔުގެ މަރުގައި އެ މީހުންގެ ބައިވެރިވިކަން ސާބިތުވެފައިވާ މިންވަރާއި މަރުގެ އަދަބު ކަނޑައެޅުމާއި މައާފް ދިނުމާ ބެހޭގޮތުން އުދައްޔުގެ ވާރިސުންނަށް އެކަށީގެންވާ މައުލޫމާތު ޝަރީއަތުގެ ފަރާތުން ސާފުކޮށްދެވިފައި ނުވާ ކަމަށެވެ.

އެ މައްސަލާގައި ތޫނު ހަތިޔާރަކާ އެކު މާރާމާރީގެ ކުށް ސާބިތުވި، ޝަރަފްގެ މައްޗަށް 10 އަހަރުގެ ޖަލު އަދަބެއް ކަނޑައަޅަން ދައުލަތުން އެދުނެވެ. ނަމަވެސް ޝަރަފްގެ ވަކީލް ވިދާޅުވީ އެކަމުގައި އޭނާ ބައިވެރިވި މިންވަރާއި ތަހުގީގާއި ޝަރީއަތަށް ދީފައިވާ އެއްބާރުލުމަށް ރިއާޔަތްކޮށް، ދޭންޖެހޭނީ ލުއި އަދަބެއް ކަމަށެވެ.

އުދައްޔުގެ މަރާ ގުޅިގެން 17 އަހަރުގެ ކުއްޖެއްގެ މައްޗަށް ވެސް ޖުވެނައިލް ކޯޓުގައި ވަނީ ކުރިން ކުށް ސާބިތުވެފަ އެވެ. އެ ކުއްޖާ 25 އަހަރަށް ޖަލަށްލާން ކުރިން އޮތީ ހުކުމްކޮށްފަ އެވެ.

އުދައްޔުގެ މަރާ ގުޅިގެން ދެ މީހަކު މެރުމަށް ހުކުމްކުރި ނަމަވެސް މަރުގެ އަދަބު ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމުމަށްފަހު އެވެ.