28 ސެޕްޓެމްބަރ 2025 - 13:43

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ހަދަން ޖެހޭ އުސޫލުތައް ކަނޑައެޅި މުއްދަތަށް ނުހެދި ލަސްވުމުގެ ސަބަބުން އައްޑޫ ސިޓީ ކައުންސިލަށް މުވައްޒަފުން ނުނެގި މަސައްކަތްތައް ހުއްޓިފައިވާ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އެ ކަންބޮޑުވުންތަކާ އެކު ނިޒާރު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާހު ތަސްދީގު ކުރާތާ 30 ދުވަހުގެ ތެރޭގައި ގެޒެޓް ކުރަން ޖެހޭ ކަމަށް ބުނެފައިވާ އުސޫލުތައް އާންމު ނުކޮށް، އެ މުއްދަތު ފަހަނައަޅާ ދިޔައިރު "ރައީސް އޮފީހުގައި ތާށިކޮށްފައި" ބޭއްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.
"އައްޑޫ ސިޓީ ކައުންސިލަށް ކޮންމެހެން ނަގަން ޖެހޭ މުވައްޒަފުން ނުނެގި މުހިންމު އެތަކެއް މަސައްކަތް ވަނީ ހުއްޓިފައި،" އޭނާ ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ މިލިއަނުން ހަރަދުކޮށްގެން ކައުންސިލަށް ގަނެފައިވާ ސްވީޕަރުތައް (މަގުތައް ކުނިކަހައި ސާފުކުރަން ގަނެފައިވާ ވެހިކަލްތައް) ބޭނުން ނުކުރެވި ލަސްވަނީ ޑްރައިވަރުން ނަގަން ސަރުކާރުން ހުއްދަ "ނުދެއްވާތީ" ކަމަށެވެ. އަދި ކޮންޓްރެކްޓް ހަމަވެފައިވާ ގިނަ މުވައްޒަފުންތަކެއްގެ ވަޒީފާ އާ ނުކޮށްދެވި، އެ މީހުންގެ ވަޒީފާ ގެއްލޭ ހާލަތަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި 16 ވަނަ އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. މި ސަރުކާރުން ގެނައި އެ އިސްލާހުގައިވާ ގޮތުން، ކައުންސިލްތަކުގެ ފަހު އަހަރު ކައުންސިލްގެ އިދާރާތަކަށް މުވައްޒަފުން ނެގުމާއި ބިންތައް ދޫކުރުމުގައި ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭގެ ހުއްދަ ހޯދަން ޖެހެ އެވެ.
އެ އިސްލާހާއި އެ ގާނޫނަށް ގެނެސްފައިވާ އެހެން އިސްލާހުތަކުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް، އެ އިސްލާހަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ގެޒެޓްކުރަން ބުނެފައިވެ އެވެ. ނަމަވެސް، އެ މުއްދަތު ހަމަވެ 45 ދުވަސްވީ އިރު އަދި މިހާތަނަށް އެ ގަވާއިދުތަކާއި އުސޫލުތައް ގެޒެޓްކޮށްފައެއް ނުވެ އެވެ.
ނިޒާރު ކަންބޮޑުވުން ފާޅުކުރެއްވީ އެހެންވެ އެވެ.
ލާމަރުކަޒީ ގާނޫނުގެ އިސްލާހުތައް ތަސްދީގުކުރައްވައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އެއީ ރައްޔިތުން އިތުރަށް މުއްސަނދިވެ، ބާރުވެރި ވާނެ ބަދަލެއް ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް މިފަހަރު ގެނައި އިސްލާހުގައިވާ ގޮތުން ރަށްރަށުގެ ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް 10 މިލިއަން ރުފިޔާއަށް ވުރެ ދަށުގެ ވިޔަފާރިތައް ނުކުރެވޭނެ އެވެ. އެ އިސްލާހާ ތައާރަޒުވާ ގޮތަށް މިހާރު ވިޔަފާރިއެއް ހިންގާ ނަމަ، އިސްލާހަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި އެކަން ހުއްޓާލަން ޖެހޭނެ އެވެ.
އެ ގާނޫނަށް ދެން ގެނައި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ފެނާއި ކަރަންޓު ކަހަލަ އަސާސީ ބޭނުންތަކަށް ދޫކުރާ ބިންތަކާއި އިމާރާތްތަކުން ކައުންސިލްތަކަށް ކުލި ނުނެގުމާއި ކައުންސިލްތަކުން އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކުން ސަރުކާރަށް ޓެކްސް ދެއްކުމާއި ކައުންސިލްތަކުގެ އެކައުންޓުތަކުގައި ހުންނަ ފައިސާގެ މައުލޫމާތު ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން އެދިއްޖެ ނަމަ ދޭން ލާޒިމްކުރުމެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގުކުރެއްވީ އެމްޑީޕީ އާއި 60 އަށް ވުރެ ގިނަ ކައުންސިލްތަކުން އެކަން ނުކުރައްވަން އެދި ބަޔާން ނެރެފައި ވަނިކޮށެވެ.