28 ސެޕްޓެމްބަރ 2025 - 12:25

ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑްކޮށްފައި އޮތް ނަމަވެސް ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖޭގެ ކުޅުންތެރިންނަށް ވަގުތީ ގޮތުން ބޭރު މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ދީފި އެވެ.
ބީޑަބްލިއުއެފް އިން މިދިޔަ މޭ މަހު ރާއްޖެ ސަސްޕެންޑްކުރީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި، ކޮމިޝަނާ އޮފް ސްޕޯޓްސްގެ ނުފޫޒު ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނަށް ފޯރާފައިވާތީވެ އެވެ.
އެމްއޯސީ އިން ނެރުނު ބަޔާނެއްގައި ބުނީ އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން މި އަހަރުގެ ޑިސެމްބަރު 26 ގެ ނިޔަލަށް ވާދަކުރުމުގެ ފުރުސަތު މިހާރު ދީފައިވާ ކަމަށެވެ. އެހެންވެ އަންނަ މަހު ބަހުރޭނުގައި އޮންނަ އޭޝިއަން ޔޫތު ގޭމްސްގައި ބެޑްމިންޓަނަށް ބައިވެރިވެވޭނެ އެވެ.
އެމްއޯސީން ބުނީ ބީޑަބްލިއުއެފް އިން މި ފުރުސަތު ދިނީ ބެޑްމިންޓަން އެސޯސިއޭޝަނުގެ ހިންގުން އިސްލާހުކުރުމުގެ މަސައްކަތުގައި ކުރިއެރުން ހޯދުމުން ކަމަށެވެ. އެގޮތުން އާ އަސާސީ ގަވާއިދެއް ޑްރާފްޓްކޮށް، އެކްްޓްރާ އޯޑިނަރީ ކޮންގްރެސް އާއި އިންތިހާބު ބާއްވާނެ ތާރީހެއް ޝެޑިއުލްކޮށްފައިވާ ކަމަށް އެމްއޯސީ އިން ބުންޏެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ދައުރު މިދިޔަ އަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހު ވަނީ ހަމަވެފަ އެވެ. ނަމަވެސް އިންތިހާބެއް ނުބޭއްވުނުތަނުގައި، އަސާސީ ގަވާއިދަށް އިސްލާހު ވެސް ގެނެވިފައެއް ނުވެ އެވެ.