ފެނަކައިގެ ބޮޑެތި ކޮރަޕްޝަން ފަޅާއެރުމުން ސައީދަށް ގޯސްވީ އޮޑިޓަ ޖެނެރަލް
ފެނަކައިގެ ބޮޑެތި ކޮރަޕްޝަން ފަޅާއެރުމުން ސައީދަށް ގޯސްވީ އޮޑިޓަ ޖެނެރަލް

ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދު ހުންނެވި ދުވަސްވަރު، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެ ކޯޕަރޭޝަނުން ގިނަ މުއާމަލާތްތަކެއް ކުރި ކަމަށް އޮޑިޓް ރިޕޯޓެއްގައި ބުނުމުން، އޭނާ އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އަށް ފާޑުވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ނެރުއްވި ރިޕޯޓްގައި ބަލާފައި އޮތީ 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ހިދުމަތާއި ތަކެތި ހޯދުމުގައި ފެނަކައިން އަމަލުކޮށްފައިވާ ގޮތެވެ. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ އެތައް މުއާމަލާތެއް އެ ރިޕޯޓްގައި ފާހަގަކޮށްފައި އޮތެވެ.

ރިޕޯޓުގައި ބުނީ އެ މުއްދަތުގައި ހިދުމަތާއި ތަކެތި ހޯދަން އެކި ފަރާތްތަކާ ހަވާލުކުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވާދަވެރި ބީލަމަށް ހުޅުވައި ނުލައި، އުސޫލުން ބޭރުންނެވެ.

ސައީދު ހުންނެވި އިރު، ފެނަކައާ ގުޅޭ ބޮޑެތި މައްސަލަ މުވައްޒަފުންތަކެއް އޭސީސީއަށް ވެސް ހުށަހަޅާފައި ވަނިކޮށް، އެ ކުންފުންޏާ ގުޅޭ އޮޑިޓް ރިޕޯޓުގައި، ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތިކޮށްފަ އެވެ.

އެ ރިޕޯޓް އާއްމުކުރުމާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ސައީދު ވިދާޅުވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމާ ހަވާލުވެވަޑައިގަތީއްސުރެ އެ މަގާމުން ވަކިވުމާ ހަމައަށް އެ ކޯޕަރޭޝަނުގެ ޕްރޮކޮއުމެންޓްގެ އެންމެހާ މުއާމަލާތްތައް ކޮށްފައި ވާނީ އެ ކޯޕަރޭޝަންގެ އެތެރޭގެ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އެއާ ހިލާފަށް އެއްވެސް ބަޔަކަށް ކޮންޓްރެކްޓެއް އަދި ޕްރޮޖެކްޓެއް ދީފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"...އަދި ހަމަ އެހެންމެ، ދެންނެވުނު މުއްދަތުގައި އަމިއްލަ ބޭނުމަށް ދައުލަތުގެ އެއްވެސް ފައިސާއެއް ބޭނުންކޮށްފައި ނުވާނެކަމާއި ނުހައްގު އެެއްވެސް މަންފާއެއް ވެސް ހޯދާފައި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެން،" ބަޔާނުގައި ސައީދު ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވި ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި އުސޫލާ ހިލާފަށް މަސައްކަތްތައް ހަވާލުކުރާތީ، އޭސީސީން މައްސަލަ ތަހުގީގު ކުރަން ފަށައި، ފެނަކައާ މެދު ފިޔަވަޅު އަޅައިދޭން ކޮމިޝަނުން ރައީސް އޮފީހަށް ވެސް ހުށަހެޅި އެވެ. ރައީސް އޮފީހުން އޭރު ފެނަކައަށް އެކަން އިސްލާހުކުރަން ވެސް އެންގި އެވެ.

ސައީދުގެ ބަޔާނުގައި ތުހުމަތު ކުރެއްވި ގޮތުގައި، އޮޑިޓް ރިޕޯޓް އެކުލަވާލައިފައި އޮތީ ފެނަކައިން ލިބެން ހުރި މައުލޫމާތު ނުހޯދައި އަވަސް އަރުވާލައިގެންނެވެ.

"ކުންފުނިން ލިބެން ހުރި ހަގީގީ މައުލޫމާތު ލިބެން ހުރެމެ، އަދި އަޅުގަނޑު މިދުނިޔޭގައި ހުރި އިރު، އަޅުގަނޑުގެ ފަރާތުން. އެކަމާ ގުޅޭ މައުލޫމާތު ނުހޯދައި އަވަަސްއަރުވާލައިގެން ވަކި މަގުސަދެއް ހާސިލުކުރުމަށް ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައި، ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަމާއި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް މިފަދަ ދަނޑިވަޅެއްގައި ރިޕޯޓެއް ނެރުއްވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ، އަދި މުއްސަސާތަކާ މެދު ދިވެހި ރައްޔިތުން ސުވާލު އުފައްދާނޭ ކަމެއް،" ސައީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރަކަށް ސައީދު ހުންނަވައިގެން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކުރަމުންދާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 2021 ވަނަ އަހަރު ރައީސްގެ ސަމާލުކަމަށް ގެނަ އެވެ.

އޭސީސީގެ އޭރުގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތަކަށް ބަލާއިރު "ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާކަން ކޮމިޝަނުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެކަމަކު، އޭރުގެ ވެރިކަން ނިމުނުއިރު އެ ކޮރަޕްޝަންގެ ތުހުމަތުތަކަށް ފިޔަވަޅެއް ނާޅަ އެވެ.