ބެނީ ބްލާންކޯ އާއި ސެލީނާ ގޯމޭޒް ކައިވެނިކޮށްފި
ބެނީ ބްލާންކޯ އާއި ސެލީނާ ގޯމޭޒް ކައިވެނިކޮށްފި

އެމެރިކާގެ މިއުޒިކް ޕްރޮޑިއުސަރު ބެނީ ބްލަންކޯ އާއި މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ސެލީނާ ގޯމޭޒް އިއްޔެ ކައިވެނިކޮށްފި އެވެ.

އާއިލާ އާއި ގާތް ރަހުމަތްތެރިންނާ އެކު، އެ ދެ މީހުންގެ ކައިވެނީގެ ހަފުލާ ބޭއްވީ ކެލިފޯނިއާގެ ސިޓީއެއް ކަމަށްވާ ސެންޓަ ބާބަރާގަ އެވެ.

ސެލީނާގެ އިންސްޓަގްރާމްގައި މިހާރު ވަނީ އެ ކައިވެނީގެ ފޮޓޯތައް ހިއްސާކޮށްފަ އެވެ.

ސެލީނާ ހުރީ ރެލްފް ލޯރެންގެ ކަސްޓަމް ޑިޒައިން ވެޑިން ޑްރެސްއެއްގަ އެވެ. އަދި ބެނީ ވެސް ހުރީ ހަމަ އެ ބްރޭންޑުގެ ކަސްޓަމް ޑިޒައިން ޓަކްސީޑޯއެއްގަ އެވެ.

ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، އެ ކައިވެނީގެ ހަފުލާގައި ސެލީނާގެ ވަރަށް ގާތް އެކުވެރިއެއް ކަމަށްވާ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ވެސް ބައިވެރިވި އެވެ. އަދި ހުލޫ އިން ގެނެސްދޭ ސެލީނާގެ ސީރީޒް "އޮންލީ މާޑާސް އިން ދަ ބިލްޑިން"ގައި އޭނާ އެކު މުހިންމު ރޯލުތައް ކުޅޭ ސްޓީވް މާޓިން އާއި މާޓިން ޝޯޓް ވެސް އެ ހަފުލާއަށް ދިޔަ އެވެ.

ސެލީނާ އާއި ބެނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ޔަގީންކޮށްދިނީ ޑިސެމްބަރު 2023 ގަ އެވެ. އޭގެ އަހަރެއްހާ ދުވަސް ފަހުން މިދިޔަ އަހަރު ޑިސެމްބަރުގައި އެ މީހުން އެންގޭޖުވި އެވެ.