މިއީ ދުނިޔޭގެ އިގްތިސާދު 2008 އަށް ފަހު އެންމެ ބޮޑަށް ދަށްވި އަހަރު
މިއީ ދުނިޔޭގެ އިގްތިސާދު 2008 އަށް ފަހު އެންމެ ބޮޑަށް ދަށްވި އަހަރު

މިއީ 2008 ވަނަ އަހަރަށް ފަހު ދުނިޔޭގެ އިގްތިސާދު އެންމެ ބޮޑަށް ދަށަށް ދިޔަ އަހަރު ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑް ބޭންކްގެ ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ދުނިޔޭގެ އިގްތިސާދު ކުރިއަރާނީ 2.3 ޕަސެންޓުގަ އެވެ. އެއީ ލަފާކުރި ވަރަށް ވުރެ 0.4 ޕަސެންޓް ދަށް އަދަދެކެވެ.

މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއެރީ 2.8 ޕަސެންޓުގަ އެވެ. އަދި 2023 ވަނަ އަހަރު ވެސް އިގްތިސާދީ ކުރިއެރުން ހުރީ އެވަރުގައި ހިފެހެއްޓިފަ އެވެ. އިގްތިސާދީ ކުރިއެރުން 2022 ވަނަ އަހަރު ހުރީ 3.3 ޕަސެންޓުގަ އެވެ.

ދުނިޔޭގެ އިގްތިސާދު 2008 ވަނަ އަހަރު ކުރިއެރީ ދެ ޕަސެންޓުގަ އެވެ.

ދުނިޔޭގެ އިގްތިސާދު ކުރިއަރާ މިންވަރު ދަށްވި އިރު މި އަހަރު ދުނިޔޭގެ އެންމެ ބޮޑެތި އިގްތިސާދުތަކުގެ ކުރިއެރުންތައް ވެސް ދަށްވެފައިވެ އެވެ. އެމެރިކާގެ އިގްތިސާދު މިއަހަރު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 1.4 ޕަސެންޓުގަ އެވެ. އެއީ ލަފާކުރި ވަރަށް ވުރެ 0.9 ޕަސެންޓް ދަށެވެ.

އެންމެ ވަރުގަދަ އިގްތިސާދުތައް ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 1.2 ޕަސެންޓްގަ އެވެ. އެއީ އެމެރިކާގެ އިތުރުން ޔޫރަޕައި ޖަޕާނުގެ އިގްތިސާދު ދަށްވުމުންނެވެ.

އެމެރިކާގެ އިތުރުން ރަޝިޔާގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 1.4 ޕަސެންޓުގަ އެވެ. ބްރެޒިލްގެ އިގްތިސާދު 2.3 ޕަސެންޓުގައި ކުރިއަރާނެ ކަމަށް ލަފާކޮށްފައި ވާއިރު ތުރުކީގެ އިގްތިސާދު 3.1 ޕަސެންޓުގައި ކުރިއަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ޗައިނާގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 4.5 ޕަސެންޓުގަ އެވެ. އަދި އިންޑިއާގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރަނީ 6.3 ޕަސެންޓުގަ އެވެ. އެއީ ލަފާކުރި ވަރަށް ވުރެ 0.4 ޕަސެންޓު ދަށެވެ.

ރާއްޖޭގެ އިގްތިސާދު މިއަހަރު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވަނީ 5.7 ޕަސެންޓުގަ އެވެ. މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ ބޫޓާނުގެ އެވެ. އެ ގައުމުގެ އިގްތިސާދު 7.6 ޕަސެންޓުގައި ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ. އަދި ނޭޕާލްގެ އިގްތިސާދު 5.2 ޕަސެންޓުގައި، ލަންކާގެ އިގްތިސާދު 3.5 ޕަސެންޓުގައި، ބަންގްލަދޭޝް 4.7 ޕަސެންޓުގައި އަދި ޕާކިސްތާނުގެ އިގްތިސާދު 3.1 ޕަސެންޓުގައި، އަފްޣާނިސްތާނުގެ އިގްތިސާދު 2.2 ޕަސެންޓުގައި ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވެ އެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ޖުމްލަ އިގްތިސާދު މި އަހަރު ކުރިއަރާނެ ކަމަށް ލަފާކުރަނީ 5.8 ޕަސެންޓުގަ އެވެ.

ދުނިޔޭގެ އިގްތިސާދު އެހާ ބޮޑަށް ވެއްޓުމުގެ އެއް ސަބަބަކީ، އެމެރިކާއިން ދުނިޔޭގެ ވިޔަފާރީގައި އެޅި ހަރުކަށި ފިޔަވަޅުތަކެވެ. އެގައުމުން ވަނީ އެގައުމަށް އެތެރެކުރާ ތަކެތީގެ ޓެރިފްތައް އެތައް ގުނައަކަށް އިތުރުކޮށްފަ އެވެ. އެއާ އެކު ތަކެތީގެ އަގުތައް ވެސް ދަނީ އުފުލެމުންނެވެ.