މީޑިއާ ކޮމިޝަނުގެ އިންތިހާބުގައި 353 މީޑިއާއަކަށް ވޯޓުލެވޭ
މީޑިއާ ކޮމިޝަނުގެ އިންތިހާބުގައި 353 މީޑިއާއަކަށް ވޯޓުލެވޭ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން ސަރުކާރުން މީޑިއާ ރެގިއުލޭޓް ކުރާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ލިސްޓު މިއަދު އާންމުކޮށްފި އެވެ.

އަންނަ މަހުގެ 11 ވަނަ ދުވަހު ބާއްވާ އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުގެ ލިސްޓު މިއަދު ވަނީ ގެޒެޓްކޮށްފަ އެވެ. އެ ލިސްޓުގައިވާ ގޮތުން 353 މީޑިއާއަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.

އެ ރަޖިސްޓްރީ އަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާ މެންދުރު 3:00 ގެ ނިޔަލަށް އޮންނާނެ ކަމަށް އީސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި އެ ކޮމިޝަނުގެ ވެބްސައިޓާއި ކޮމިޝަނުގެ އިދާރާ އިން ޝަކުވާ ފޯމު ލިބޭނެ އެވެ. ޝަކުވާ ހުށަހަޅަން ޖެހޭނީ އީމެއިލް މެދުވެރިކޮށެވެ.

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ކޮމިޝަނަށް ތިން މެމްބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ބާކީ ހަތަރު މެމްބަރުން ހޮވާނީ މީޑިއާތަކުގެ މެދުގައި ވޯޓުންނެވެ.

އީސީން ވަނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެމްބަރުންނާއި މީޑިއާތައް ތަމްސީލުކުރާނެ ދެ މެމްބަރަކު ހޯދުމަށް މިހާރު އިއުލާން ކޮށްފަ އެވެ. އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް އެ މަގާމުތަކަށް ކުރިމަތިލެވޭނެ އެވެ.