28 ސެޕްޓެމްބަރ 2025 - 11:30

ފައިސާ ދިނުމުން ރާއްޖެ އިން ބޭރުން މަސްތުވާތަކެތި އެތެރެކޮށްދޭ ކަމަށް ބެލެވޭ މީހަކު މަސްތުވާތަކެއްޗާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރުމަށް ފަހު، ކުރި ދައުވާ ސާބިތުވެ އުމުރަށް ޖަލަށް ލައި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން ހ. ސެމޯއާ، އިސްމާއިލް ނައުފަލް މަސްތުވާތަކެއްޗާ އެކު ޑިސެމްބަރު 18، 2023 ގައި ހައްޔަރުކުރީ އަހަރެއްގެ ތެރޭގައި ރާއްޖޭން ބޭރަށް ކުރި 14 ވަނަ ދަތުރަށް ފަހު މެލޭޝިއާ އިން ރާއްޖެ އައި ވަގުތު އެވެ.
ކަސްޓަމްސްގެ އިންޓެލިޖެންސަށް ލިބުނު އެލާޓަކާ ގުޅިގެން ނައުފަލްގެ ލަގެޖް ފާސްކުރި އިރު 994 ގްރާމްގެ މެޓަމްފެޓަމިން ރެސިމެޓް (މެތު) ފެނިފައިވާ ކަމަށް ހުކުމުގައިވެ އެވެ.
މަސްތުވާތަކެތި ފެނިގެން ސުވާލުކުރުމުން ނައުފަލް ފުރަތަމަ ބުނެފައިވަނީ އެއީ އާ ފޮއްޓެއް ކަމަށާއި އެހެންވެ، މެލޭޝިއާ އިން ފޮށި ގަތް އިރު ވެސް ފޮށީގައި އޮތް އެއްޗެއް ހުރުން އެކަށީގެންވާ ކަމަށެވެ. ހުކުމުގައިވާ ގޮތުން، ފެނުނު މަސްތުވާތަކެއްޗާ ބެހޭ ގޮތުން އޭނާ ފުލުހުންނާއި ކަސްޓަމްސް އޮފިސަރުންނަށް އެކި ފަހަރު އެކި ގޮތަށް ކިޔައިދީފައިވެ އެވެ.
މި ތަކެއްޗަކީ ނައުފަލްގެ ބޭބެ ބުނެގެން ގެނައި އެއްޗެއް ކަމަށް ބުންޏަސް ބޭބެ ހެކިބަސް ދެމުން ބުނެފައިވަނީ އެއްޗެއް ގެންނަން ބުނެފައި ނުވާނެ ކަމަށާއި ނައުފަލް މެލޭޝިއާ އަށް ދިޔަކަން ވެސް އަދި އައިކަން ވެސް ނޭނގޭ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް އިއްވެވި ހުކުމުގައިވާ ގޮތުން، ނައުފަލްގެ ފޯނުން ފެނުނު ފޮޓޯތަކުގެ ތެރޭގައި ފޮށިން ފެނުނު މަސްތުވާތަކެތީގެ ފޮޓޯތަކެއް ހުއްޓެވެ. އެހެންވެ، ފޮށީގައި މަސްތުވާތަކެތި ހުރި ކަމާއި މަސްތުވާތަކެތި ރާއްޖެ އަށް އެތެރެ ކުރުމުގެ ނިޔަތް އޮތްކަން ސާބިތުވާ ކަމަށް ބުނެފައިވެ އެވެ.
ގާޒީ ފާހަގަކުރައްވާފައިވާ ގޮތުގައި ނައުފަލަކީ ފައިސާގެ މުގާބިލުގައި ރާއްޖެއިން ބޭރުން މަސްތުވާތަކެތި ގެންނަމުން އައި މީހެެވެ. އެންމެ ފުރަތަމަ ކަސްޓަމްސްއިން އޭނާ ހުއްޓުވައި ސުވާލުކުރުމުން ފައިސާއަށް މަސްތުވާތަކެތި ގެނައުމުގެ ދަތުރުތަކެއް ކޮށްފައިވާނެ ކަމަށް ބުނިކަން ވެސް ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.
އިމިގްރޭޝަނުން ހިއްސާކުރި ނައުފަލްގެ ޓްރެވެލް ހިސްޓްރީއަށް ބެލުމުން އޭޕްރީލް 2023 އިން ފެށިގެން އެ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް 14 ފަހަރަށް ރާއްޖެ އިން ބޭރަށް ގޮސްފައިވާ ކަމަށާއި އެ އިން ކޮންމެ ފަހަރަކު ވެސް ރާއްޖެއިން ބޭރުގައި ހޭދަކޮށްފައި ވަނީ ދެތިން ދުވަސް ކަމަށް ވެސް ބުނެފައިވެ އެވެ.
އަމިއްލަ މަސައްކަތުން ނައުފަލަށް މަހަކު ލިބެނީ 5،000.ރ އާއި 10،000ރ. އާ ދެމެދުގެ އާމްދަނީއަކަށް ވާއިރު، އެހާ ގިނަ ދަތުރުތަކެއް ރާއްޖެ އިން ބޭރަށް ކޮށްފައިވަނީ މަސްތުވާތަކެތި ގެނެސްގެން ހޯދާފައިވާ ފައިސާއިން ކަމަށް ބެލެވޭ ކަމަށް ހުކުމުގައިވެ އެވެ.
ނައުފަލްގެ ދިފާއުގައި ހުށަހެޅި ހެކިންގެ ތެރޭގައި އޭނާއާ އެކު، ދަތުރުގައި ބައިވެރިވި އޭނާގެ އަނބިމީހާ ހިމެނެ އެވެ. ހުކުމުގައި ވަނީ ނައުފަލްގެ އަނބިމީހާ މަރްޔަމް ސާޔާ އިބްރާހިމް ޝިހާބް ދެއްކި ވާހަކައިން، މަސްތުވާތަކެތި އެތެރެކުރުމުގައި އޭނާގެ ވެސް ކޮންމެވެސް ވަރެއްގެ ބައިވެރިވުމެއް އޮތްކަން އެނގެ އެވެ. އަދި އޭނާ ކަސްޓަމްސް އޮފިސަރުންނަށް ދިން ހެކިބަހާއި ތަހުގީގުގައި ދެއްކި ވާހަކައާ ވެސް ދިމާނުވާތީ އަނބިމީހާ މަސައްކަތްކުރީ ފިރިމީހާ ސަލާމަތް ކުރުމަށް ކަމަށް ބަލައި އަނބިމީހާގެ ހެކިބަސް ބަލައެއް ނުގަނެ އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައި ވާއިރު ކެނަބިސް ބޭނުންކުރުމުގެ ކުށް ސާބިތުވެ އިތުރު ތިން އަހަރުގެ ހުކުމެއް ވެސް ވަނީ އިއްވައިފަ އެވެ.
ނައުފަލް ބަންދުގައި ހުރި މުއްދަތު ހުކުމުން އުނިކުރުމުން އޭނާ ޖަލުގައި ހުންނަން ޖެހެނީ 23 އަހަރާއި ދެ މަހާއި 23 ދުވަހު އެވެ. ޖޫރިމަނާ ފައިސާ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަމުރުކޮށްފަ އެވެ.