28 ސެޕްޓެމްބަރ 2025 - 10:44

އެމެރިކާ އިން ޓެރިޕްގެ އަގުތައް ބޮޑުކުރުމުން، ރުޕީސްގެ އަގު ވަރަށް ބޮޑަށް ވެއްޓިއްޖެ އެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން މި ވަގުތު އެއް ޑޮލަރަށް 88.6 ރުޕީސް ލިބެ އެވެ. ހަފުތާއެއް ކުރިން އެ އަދަދު ހުރީ 88.4 ރުޕީސްގަ އެވެ. ހިސާބުތައް ދައްކާ ގޮތުން މިއީ ފަހުގެ ތާރީހެއްގައި ރުޕީސްގެ އަގު އެހާ ބޮޑަށް ވެއްޓުނު ފަހަރެވެ. ރުޕީސްގެ އަގު މިހާރު ވަނީ 2014 ވަނަ އަހަރާ އަޅާ ބަލާއިރު 30 ޕަސެންޓަށް ވެއްޓިފަ އެވެ.
މިދިޔަ އަހަރު އެވްރެޖުކޮށް ހުރީ ޑޮލަރަކަށް 84 ރުޕީސްގައި ހިފެހެއްޓިފަ އެވެ. ކޮވިޑްގެ ކުރިން ރުޕީސްގެ އަގު ހުރީ އެއް ޑޮލަރަކަށް 70 ރުޕީސްގަ އެވެ. އެކަމަކު އޭގެ ފަހުން އެއް އަހަރުން އަނެއް އަހަރަށް ރުޕީސްގެ އަގު ދަނީ ވެއްޓެމުންނެވެ.
ރުޕީސްގެ އަގު އެހާ ބޮޑަށް ވެއްޓުނީ، އެމެރިކާ އިން އިންޑިއާގެ މުވައްޒަފުންނަށް ނަގާ ވިސާ ފީ ބޮޑުކުރުމުގެ ސަބަބުން، އިންޑިއާގެ މަސައްކަތުގެ މީހުންނަށް ނެގުމަށް އޮތް ޑިމާންޑް ދަށްވުމުންނެވެ. ޓެރިފް ރޭޓުތައް ބޮޑުކުރުމާ ގުޅިގެން އިންޑިއާގެ އައިޓީ ސެކްޓަރަށް ޑިމާންޑް ދަށްވެ، ފައިދާ ދަށްވާން ފެށުމުންނެވެ.
އެމެރިކާގެ ކުންފުނިތަކުން އިންޑިއާ މުވައްޒަފުން ވަޒީފާތަކަށް ނަގާ އަދަދު ދަށްވުމުން، އޭގެ އަސަރު ރެމިޓެންސް ފީ އަށް އަންނަނީ ކުރަމުންނެވެ. ރެމިޓެންސްއަކީ އިންޑިއާ އަށް އެންމެ ގިނައިން ޑޮލަރު ވަންނަ މަގެވެ.
ވިސާ ފީ ބޮޑުކުރުމުގެ އިތުރުން އެމެރިކާ އިން ވަނީ އިންޑިއާ އިން އެ ގައުމަށް އެތެރެކުރާ މުދަލުގެ އަގު 50 ޕަސެންޓަށް އިތުރު ކޮށްފަ އެވެ. އެއީ އިންޑިއާގެ އައިޓީ ސެކްޓަރުގެ ފައިދާ ދަށް ވާން ފެށި އެއް ސަބަބެވެ.
ރުޕީސްގެ އަގު ވެއްޓުމާ ގުޅިގެން ތަކެތީގެ އަގު 4.5 ޕަސެންޓަށް އުފުލޭނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ލަފާކުރެ އެވެ.