އެންމެ އުހުގައި ހެދި ބްރިޖް ޗައިނާގައި ހުޅުވައިފި
އެންމެ އުހުގައި ހެދި ބްރިޖް ޗައިނާގައި ހުޅުވައިފި

މުޅި ދުނިޔޭގައި ވެސް މިހާތަނަށް އެންމެ އުހުގައި ހެދި ބްރިޖް ޗައިނާގައި މިއަދު ޓްރެފިކަށް ހުޅުވާލައިފި އެވެ.

ހުއާޖިއާންގް ގްރޭންޑް ކެންޔަން ބްރިޖަކީ 625 މީޓަރު (2،051 ފޫޓް) އުހުގައި، ގުއިޒޫ ޕްރޮވިންސްގެ ކޯރުތަކާއި ފަރުބަދަތަކުގެ ތެރެއިން ހަނި ވާދީތައް ހުރަސްކޮށް ހެދި ތަނެކެވެ. މި ބްރިޖާ އެކު ހަމަ އެ ޕްރޮވިންސްގައި ކުރިން، އެންމެ އުސް ބްރިޖްގެ ގޮތުގައި އޮތް ބެއިޕަންޖިއަންގް ބްރިޖްގެ ރެކޯޑް ވަނީ ގެއްލިފަ އެވެ. އެއީ 565 މީޓަރު އުހުގައި އޮންނަ ބްރިޖެކެވެ.

"ހުއާޖިއާންގް ގްރޭންޑް ކެންޔަން ބްރިޖް ހުޅުވުމުން ދެ ފަރާތުގެ ދެމެދުގައި ދަތުރުކުރާ ވަގުތު ދެ ގަޑިއިރުން ދެ މިނެޓަށް ކުޑަވެގެންދާނެ،" ޕްރޮވިންޝަލް ޓްރާންސްޕޯޓު ޑިޕާޓްމަންޓްގެ ވެރިޔާ ޒަންގް ޔިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

"މި ބްރިޖްގެ ސަބަބުން ސަރަހައްދީ ދަތުރުފަތުރުގެ ހާލަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ސަރަހައްދީ އިގުތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ."

ޗައިނާގެ އިގްތިސާދު ހަލުވިކަމާ އެކު ކުރިއަރަމުން އަންނައިރު އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް ވެސް ބޮޑެތި އިންވެސްޓްމަންޓްތަކެއް އެ ގައުމުން އަންނަނީ ކުރަމުންނެވެ.

ފަރުބަދަމަތީ ޕްރޮވިންސެއް ކަމަށްވާ ގުއިޒޫގައި ދުނިޔޭގެ އެންމެ އުސް ދެ ބްރިޖް އޮންނައިރު އެ ޕްރޮވިންސްގައި އެތައް ހާސް ބްރިޖެއް ހަދާފައިވެ އެވެ.

ދުނިޔޭގެ އެންމެ އުސް 100 ބްރިޖުގެ ތެރެއިން ދެބައިކުޅަ އެއްބައި ބްރިޖް ހުންނަނީ އެ ޕްރޮވިންސްގައި ކަމަށް ޗައިނާގެ ރަސްމީ ނޫސް އޭޖެންސީ ޝިންހުއާ އިން ބުންޏެވެ.

ޝިންހުއާ އިން ބުނި ގޮތުގައި ހުއާޖިއާންގް ގްރޭންޑް ކެންޔަން ބްރިޖް ހަދަން ތިން އަހަރު ނެގި އެވެ. މި ބްރިޖުގެ ދިގުމިނުގައި 1،420 މީޓަރު ހުންނަ އިރު މިއީ ފަރުބަދަމަތީ ސަރަހައްދެއްގައި ހިމެނޭ ދުނިޔޭގެ އެންމެ ދިގު ބްރިޖެވެ.

އެންމެ އުސްކޮށް ހަދާފައި އޮންނަ ބްރިޖަކީ ފްރާންސްގެ މިލާއު ވިއަޑަކްޓް ބްރިޖެވެ. އޭގެ އަމިއްލަ ސްޓްރަކްޗާގައި 343 މީޓަރު އުސްމިން ހުރެ އެވެ. -- އޭއެފްޕީ