ވާހަކަ- އަންޖަލް
ވާހަކަ- އަންޖަލް

(ބުދަ ދުވަހާ ގުޅޭ)

އަޑު މަޑުވި ވަގުތު، އަންޖަލްގެ ފުރަގަހުން ފިޔަގަނޑެއްގައި ވައިއަޅައިލި އަޑުއިވުނެވެ. އަންޖަލް ބަލައިލިއެވެ.

ބަރުގާން ހުރީ ދެކުރަހުރަހުރަމެދުމަހައިދަންޑަމަންކާރަކޮށްވެދެގަނެގެންނެވެ. އެއީ، ދެ އަތް ހުރަސްވާ ގޮތަށް މޭގައި ޖައްސާލައިގެން، އަދަބުވެރިކަމާ އެކުގައި އިސްޖަހާލައިގެން ހުރުމެވެ. އެހެން ތިބެނީ، އިހުތިރާމާ އެކު ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުންނެވެ.

ބަރުގާންގެ ބޮޑު ފިޔަގަނޑުގެ ވަރަފަތް ކިރިޔާ ބިންމަތީގައި ނުޖެހޭ ކަމެވެ. ބަރުގާންއަށް ޖަދުވާންއަކީ، އޭނަގެ ކޮންމެ ހުކުމަކަށް ކިޔަމަން ވާން ޖެހޭ، ބާރުގަދަ ވެރިޔެކެވެ. ބަރުގާން ކޮންމެވެސް އެއްޗެއް ބުންޏެވެ. ނޯކަރަކު ސާހިބުމީހާއަށް ވާހަކަ ދައްކާ ކަހަލަ ރާގެއްގައެވެ. ހައިރާން ވެގެން ބަލަހައްޓައިގެން އަންޖަލްއަށް ހުރެވުނެވެ. ހަމަ އެކަނި ބަރުގާންގެ ސިފަ އިންސާނަކާ ވައްތަރުވީމައެއް ނޫނެވެ. އެ ސިފަ ރީތިކަމުންނެވެ. އެހައި ފުރިހަމަ، އެހައި އައިބެއް ނެތް މީހަކު އަންޖަލް ދުވަހަކު ވެސް ނުދެކެއެވެ. ރާއިފުއާ ވަގުތުން އަޅާކިޔުނެވެ. އެކަމަކު ހަގީގަތަކީ، ބަރުގާންގެ މޫނާ އަޅާކިޔޭނެ އެކަކު ވެސް ނެތްކަމެވެ. ޖަދުވާން ބުނީ ކީކޭ ކަމެއް އަންޖަލްއަކަށް ނޭނގެއެވެ. ބަރުގާން އިސްޖަހާލައިގެން ހުރެ ބުނި އެއްޗެއް ބުނުމާ އެކު ދެން ޖަދުވާން ވާހަކަ ދެއްކީ މައްދިވެހިބަހުންނެވެ.

"ދަރިފުޅަށް ވެސް އެނގޭ ގޮތަށް ވާހަކަ ދައްކާނީ،" ޖަދުވާން ބުންޏެވެ. "ބަރުގާން! މީ އަންޖަލް! މީނަޔާ އަތީލާއާ އަހަރެން ތަފާތެއް ނުކުރަން. މިއިން ކުއްޖަކަށް ދެރައެއް ދީފިއްޔާ އެއީ އަހަރެންގެ މެޔަށް ޖަހާ ހަންޖަރެއް. މި ކުދިންނަށް އިހުތިރާމު ކުރުމަކީ އަހަންނަށް އިހުތިރާމު ކުރުން. އަހަރެން ހަމަ އެކަނި މި ވަރު ބުނެލާނަން. ބަރުގާންއަކީ ޖިންސާނެއް. އަންޖަލްއަކީ ވެސް ޖިންސާނެއް."

އަންޖަލް ހިތަށްއެރިއެވެ. ޖިންސާނުންނަކީ ޖިންނިއިންސާނުންނެވެ. ދެ ނަސްލު ހިއްސާކުރާ، އިންސާނަކަށް ނުކުރެވޭ ކަންކަން ކުރެވޭ މަހުލޫގުންނެވެ. ބަރުގާންއަކީ ކިހައި ވަރެއްގެ ޖިންސާނެއްބާއެވެ؟

"ދަރިފުޅު ބަރުގާންއާ ތި ސުވާލު ކުރޭ!" ޖަދުވާން ބުންޏެވެ. "ދަރިފުޅުމެންގެ ކައިވެންޏަކީ މިހާ ތަނަށް އެކަކު ވެސް ނުދެކޭ ވަރުގެ ކައިވެންޏަކަށް ވާނެ. ދުރު ހިސާބުތަކުން ރަސްކަލުންނާ، ވަލީއަހުދުންނާ، މަލިކާއިން ވަޑައިގަންނަވާނެ. ޕަރީންނާ، ސިލަތާ، ނަސްނަސްއާ، ގޫލްއާ، މާރިދާ، އިފުރީތުން ވެސް ބައިވެރިވާނެ. ހަތްރޭ ހަތްދުވާ ވަންދެން ހަފުލާ ކުރިޔަށް ގެންދާނަން. އާދޭ! މި ތާ އިށީނދޭ!"

ހާދިމުން ވަގުތުން ދެ ގޮނޑި ގެނެސް، ކައިރިކައިރީގައި ބެހެއްޓިއެވެ. ބަރުގާންއަށް ގެނައީ، އޭނަގެ ބޮޑު ދެ ފިޔަގަނޑާ އެކުގައި އިށީނދެވޭ ކަހަލަ ގޮނޑިއެކެވެ. އެ ވަރު ވިސްނައިނުލައި އަންޖަލްއަށް ފުރަތަމަ އިށީނދެވުނީ ބަރުގާންގެ ގޮނޑީގައެވެ. ދެން ވެސް ބަރުގާން އެއްްޗެއް ނުބުނެއެވެ. ކައިރީގައި ހުއްޓިލައިގެން ހުރީއެވެ. ނަސީބަކުން އަންޖަލްއަށް ވިސްނުނެވެ. އަވަހަށް ތެދުވެގެން ގޮސް އަނެއް ގޮނޑީގައި އިށީނުމާ އެކު ބަރުގާން ވެސް ބަރުގާންގެ ގޮނޑީގައި އިށީނެވެ.

"ދިވެހި އެނގޭތަ؟" އަންޖަލް މަޑުމަޑުން ސުވާލުކުރިއެވެ.

"ނޭނގޭ!" އަންޖަލްއަށް ނުބަލައި، ހިނިތުން ވެލަމުން ބަރުގާން ދިވެހި ބަހުން ބުންޏެވެ.

ޖަދުވާން ކޮށްލި ހަރަކާތަކުން ރަސްމިއްޔާތު އަނެއްކާ ވެސް ކުރިޔަށް ދިޔައެވެ. އަންޖަލް އެތައް ފަހަރަކު ބަރުގާންއަށް ބެލިއެވެ. ބަރުގާން އެންމެ ފަހަރަކު ވެސް އަންޖަލްއަކަށް ނުބަލައެވެ. އަންޖަލް ނިންމި ގޮތުގައި ބަރުގާން ހުރީ ހިތްހަމަ ނުޖެހިފައެވެ. ނުވަތަ އެއީ ތަނުގެ އާދަކާދައެވެ. އަންޖަލްއަށް ބެލުނީ، އިންސާނަކާ ތަފާތު އެއްވެސް ސިފައެއް ބަރުގާންގެ ހުރިތޯއެވެ. ހުދުކުލައެއްގެ ދޫ ހަރުވާޅެއް ކަހަލަ އެއްޗެއް ލައިގެން، ހުސްފަޔާ، އުނަގަނޑުން މަތި ނިވާނުކޮށް އިން ބަރުގާންގެ ހަމަ އެކަނި ތަފާތަކީ ފިޔަގަނޑެވެ.

ނިޒާރުއަކަށް އަންޖަލްއެއް ނުފެނުނެވެ. އެހެން ކުދިންނާ ސުވާލު ކުރުމުން އެއިން ކުއްޖަކަށް ވެސް އަންޖަލް ވީ ތަނެއް ނޭނގުނެވެ. އެ ފަހަރު ނިޒާރު ކަންތައް ކުރީ އެހެން ފަހަރުތަކުގައި ނުކުރާ ގޮތަކަށެވެ. މީހުން އެއްކޮށްގެން އަންޖަލް ހޯދާކަށް ނިޒާރު ނުނިކުމެއެވެ. އެ ވިސްނުމެއް ވެސް ނެތެވެ. ނިޒާރު ގުޅީ ބަޝީރަށެވެ.

"މި ގުޅީ!" ނިޒާރު ބުންޏެވެ.

"އަނެއްކާ ގެއްލުނީ؟" ބަޝީރު ސުވާލުކުރިއެވެ. "މިހާރު ކިހާ އިރެއްވެއްޖެ؟"

"އެޔެއް އަހަންނަކަށް ނޭނގެ،" ނިޒާރު ޖަވާބުދިނެވެ. "އަހަންނަށް އެނގުނީ ދެންމެ. އޭނަ އައުމުގެ ކުރިން އަހަރެން ޖަވާބެއް ބޭނުން."

"އެބަ ބަލަން." އެހެން ބުނެފައި ބަޝީރު ފޯނު ބޭއްވިއެވެ.

ދުވަހަކު ވެސް އަންޖަލް ނުދެކޭ ކަހަލަ ވެޔޮގަނޑެއް އޮފިގަނޑުގައި އޮޅެމުން ހިރެމުންދިޔައެވެ. އެ ގަހަކީ ގޮފިތައް ދުރަށް ފެތުރިފައިވާ، ބިޔަ ގަހެކެވެ. ވަގުތަކީ ދުވާލެއް ކަމެއް ރޭގަނޑެއް ކަމެއް އަންޖަލްއަކަށް ނޭނގެއެވެ. ތަނަށް ފެތުރިފައި އޮތީ ރިހިއައްޔެކެވެ. އަންޖަލް މައްޗަށް ބަލައިލިއެވެ. ގަހުގެ ކުރިއެއް ނުފެނެއެވެ. ފެންނަނީ ބޯ ފުސްގަނޑެއް ނުވަތަ ވިލާގަނޑެއްގެ ތެރެއަށް ގަސް ގެއްލިފައިވާ ތަނެވެ. ބަރުގާން އަތްދިއްކޮށްލިއެވެ. އަތީލާއާ އެކުގައި އަންޖަލް އުދުހިއްޖެއެވެ. ބަރުގާންގެ ގޮތެއް އަންޖަލްއަކަށް ނޭނގެއެވެ. ބަރުގާން ވަރަށް ގާތަށް އައިސް، އަތްދަނޑިމަތީގައި އަންޖަލް އުފުއްލައިލިއެވެ. ޖެހިލި ފިނި ރޯޅިއަކާ އެކުގައި އަންޖަލް ގޮވައިގެން ބަރުގާން އުދުހިގަތެވެ. ހީވީ ލުއިލުއި ފަތެއް ހިފައިގެން އުދުހިގަތް ހެންނެވެ. އެގޮތް މިގޮތަށް ހުރި ގޮފިތަކުގެ ތެރެއިން އެކި ފަހަރު އެކި ދިމާއަށް އުދުހުނު އިރު، އެންމެ ފަހަރަކު ވެސް ބަރުގާން މައްޗަކަށް ނުބަލައެވެ. ދެ ފަހަރަކަށް ނުވިސްނައެވެ. މުޅި ގަސް ބަރުގާން ހިތުދަސް ކަހަލައެވެ. އަންޖަލްގެ ލޮލަށް ބަލަހައްޓައިގެން ފުސްގަނޑު ތެރެއިން މައްޗަށް އެރި އިރު އެއީ މުޅީން އެހެން ތަނެކެވެ. ގަހުގެ އެކި ދިމަދިމާގައި، ގަހުގެ ހިމަ ގޮފިން ޖޯލި ގަތާފައި ހުއްޓެވެ. އެއިން ޖޯއްޔެއްގައި އަންޖަލް ބޭއްވިއެވެ. ޖެހިގެންހުރި ޖޯލީގައި ބަރުގާން އިށީނެވެ. އަންޖަލް ހީކުރީ ގަޔަށް ތަދުވާނެ ކަމަށެވެ. ތަދުނުވީ ގޮފިތައް ދިރޭތީއެވެ. މުޅި ބުރަކަށީގައި ފިރުމާތީއެވެ. މުޅި ތަނުގައި ހުރީ ދަވިއްގަނދުން ދުވާ ވަހާ ގާތްކުރާ ވަހެކެވެ. ދުވަހަކު ނުދެކޭ ކަހަލަ ބޮޑެތި އެއްޗެހިތަކެއް ދުރުދުރުން އުދުހޭ ތަން އަންޖަލްއަށް ފެނުނެވެ.

"މި ތާ އަހަރުމެން ދައްކާ ވާހަކަ ތިރިއަކަށް ނީވޭނެ،" ބަރުގާން ބުންޏެވެ. "މި ވައިގަ ސިއްރު ހަރުލާނެ."
"އަހަންނަށް އެނގޭ އަހަންނަށް ނުފެންނަ ބައިވަރު ތަންތަން ހުންނާނެކަން،" އަންޖަލް ބުންޏެވެ. "އެކަމަކު މި ކަހަލަ ތަނެއް ހުރެދާނެޔެކޭ ހިތަކަށް ނާރާ! މި ތަނުން ތެދުވާ ހިތްނުވެދާނެތީ ބިރު ވެސް ގަނޭ! ސުވާލަކީ އަހަރުމެން ކީއްކުރަންހޭ މި ތަނަށް މި އައީ؟"

"އަންޖަލް އަހަންނާ އިންނަން ބޭނުންތަ؟" ބަރުގާން އެހިއެވެ.

"އެހެންވެއެއްނު އަހަރެން މި އައީ،" އަންޖަލް އެހެން ބުނީ ދުރަށް ނަޒަރު ހުއްޓާލައިގެން އޮވެއެވެ.

"އެންމެނަށް އިވޭ ވަރަށް ބުނީމަ ވެސް ބަރުގާންއަކަށް ނީވުނު؟"

"އާނ! އަހަންނާ އިންނަން އަންޖަލް އެއްބަސްވި އަޑެއް އަދި ނީވޭ،" ބަރުގާން ބުންޏެވެ. "ވެދާނެ އެ ތަނުގެ އަޑުގަދަ ކަމުން ކަމަށް. މީ ކިހާ ރަނގަޅު ތަނެއް؟ އެންމެ ފަހަރަކު ބުންޏަސް ފުދޭނެ. ބުނޭ!"

ދޮގު ހަދާކަށް އަންޖަލް ބޭނުމެއް ނޫނެވެ. ތެދަށް ބުނެފިއްޔާ ދެން ވާނެ ގޮތެއް ނޭނގެއެވެ. ބަރުގާންއަކީ ކިޔަމަންތެރިއެކެވެ. ވަފާތެރިއެކެވެ. އެއްވެސް ކަމެއް ޖަދުވާނަށް ފޮރުވާނެޔެކޭ އަންޖަލްގެ ހިތެއް ނުބުނެއެވެ.

"އަހަންނަށް އިތުބާރު ކުރޭ!" ބަރުގާން މަޑުމަޑުން ބުނެލިއެވެ. "ތީ ވަރަށް ރީތި ކުއްޖެއް. އަހަރެން ހުތުރެކޭ ނޫން. އެކަމަކު އަހަންނަށް ވުރެ އަހަރެންގެ ހިތް މާ ރީތި ވާނެ. އަޅެ ގޮތްބަލާލަބަލަ!"

"ތީ ވަރަށް ރީތި މީހެއް،" އަންޖަލް ހިތް ހުޅުވައިލިއެވެ. "ތަންކޮޅެއް ކުރިން ދިމާވި ނަމައޭ ހިތަށްއަރާ! މިހާރު އަހަރެން ލޯބިވާ މީހަކު އެބަ ހުރި. އޭނަޔާ ދިމާވިތާ ދެތިން ދުވަސް މި ވީ. ތެދަށް ވާހަކަ ދައްކާތީ، ބުނަން ލަދުގަންނަ ވާހަކައެއް ވެސް ބުނެލާނަން. މިހާރު ވެސް އަހަރެންގެ ނިޔަތް އެބަ އަރާރުންވޭ! އަހަރެން ލޯބިވާ މީހާއަށް ވަފާތެރިވާން ބަރުގާން ޖެހޭނެ އަހަންނަށް އެހީވާން. އަހަރެން އަރިއަޅާލަފާނެ. ފައިކައްސާލަފާނެ. އަހަރެން ވެއްޓުނަ ނުދޭތި!"

"ކީކޭ ތި ކިޔަނީ؟" ހައިރާންވެފައި ބަރުގާން ބުންޏެވެ. "ބިރުގަންނަ ވަރަށް އަހަރެން ދެކެ ލޯބިވޭ! އެކަމަކު ނުލާހިކު ލޯބިވާ މީހަކު އެބަ ހުރި. ދެން ކީއްކުރަން ބުނީ ތި އައީ ކައިވެނި ކުރާށޭ؟ އާނ ވިސްނިއްޖެ! ކޮންމެވެސް މަޖުބޫރެއް އޮތީ!"

"އަހަރެން ބިރު ނުގަތިއްޔާ ދެރައެއްނު!" އަންޖަލް ބުންޏެވެ. "ތިހިރީ ވިސްނޭ ވަރު. އިންނާށޭ މި އައީ. ވީހާ ވެސް އަވަހެއް ރަނގަޅީ."

ރާއިފު ހައްޔަރުވެފައި ވަނީ ކޮން ތަނެއްގައި ކިހިނެއް ކަމެއް ބަރުގާންއަކަށް ނޭނގެއެވެ. އަންޖަލް އާއި ބަތޫރު ފިޔަވައި، އެ ކަން އެނގޭނެ އެކަކު ވެސް ނެތެވެ. ވީމާ، ހައިރާންވެގެން ބެލުން ފިޔަވައި އެހެން ކަމެއް ކުރާކަށް ބަރުގާންއަކަށް ނޭނގުނެވެ. ނިޒާރުގެ މޫނުމަތިން ވެސް ފެންނަނީ އެ ފަދަ ހައިރާން ކަމެކެވެ. ފޯނުގައި ކަންފަތް ޖަހައިގެން ހުއްޓެއް ކަމަކު، ބުނާނެ އެއްޗެއް ނިޒާރުއަކަށް ނޭނގެއެވެ.

"ހަލޯ ހަލޯ!" ބަޝީރު ތަކުރާރުކޮށް ބުންޏެވެ.

ބަޝީރު ހީކުރީ ފޯނަށް މައްސަލައެއް ދިމާވީކަމަށެވެ. ކަނޑާލައިފައި އަލުން ގުޅިއެވެ.

"ކެނޑުނީ ދޯ؟" ބަޝީރު އެހިއެވެ.

"ނޫނޭ!" އެހެން ބުނެފައި ނިޒާރު ފުން ނޭވައެއް ބޭރުކޮށްލިއެވެ. "ހައިރާން ވެގެން ހުރެވުނީ. އަލުން ބަލާބަލަ! ތި ކިޔަނީ އަދި ރަނގަޅު އެއްޗެއް ނޫން."

"އަހަންނަށް ވެސް ހަމަ ތިހެނޭ ހީވީ!" ބަޝީރު ބުންޏެވެ. "ތިން ފަހަރު ބެލީމޭ! ތަފުސީލުކޮށް ކިޔައިދިނީމަ ނިޒާރަށް ވެސް ގަބޫލު ކުރެވޭނެ އެކަމަކު އެހާ ވަގުތެއް ނެތް. ހުޅުމާލެއަށް ދާން މީހަކު އެބަ އޮތް ޓެކްސީ ފޮނުވާފަ. މަގު ތާށިވެގެން އެބަ އިވޭ އެއްޗެހިތައް ބަރުގޮނުއަޅާ އަޑު ވެސް. ޖިންނިއެއްގެ ދަންތޫރައިގަ ޖެހިގެން މީހަކު ގެއްލުނީމަ އެ ވާ ގޮތާ، ހިތުން ރުހުމުން ޖިންނިއަކާ އެކީގަ ދިޔާމަ ވާ ގޮތް ވަރަށް ތަފާތުވާނެ. ހިނގީމަ ފިޔަވަޅު އެ ހުންނަ ގޮތާ، ދަމާފަ ގެންދިޔާމަ ހުންނަ ގޮތް ކިހާ ތަފާތު؟ އެހެން ވިސްނާލާ! ތިޔަ މަންޖެ އެ އުޅެނީ ޖިންނިއަކާ އަވަލަވައިގެން. ރުހުމުގަ އެ ދަނީ. އަހަރެންގެ ތަޖުރިބާ ބުނަނީ، އިރުކޮޅަކުން އެ މަންޖެ އަންނާނޭ! އައިމަ އަޅެ އަހާބަލަ!"

އެހެން ބުނެފައި ބަޝީރު ފޯނު ބޭއްވިއެވެ. ނިޒާރަށް ވިސްނަން ހުރެވުނީއެވެ.

"ޝާފިޔާ!" އަންޖަލް ބުނި އަޑުއިވުނެވެ. "ކޮބާ ދިމް؟"

ނިޒާރު ކޮޓަރިން ބޯދިއްކޮށްލި އިރު އަންޖަލް ފެންނަން ހުއްޓެވެ.

"ދަރިފުޅު އައިސްބަލަ!" ނިޒާރު އެދުނެވެ.

އަންޖަލް ކޮޓަރިއަށް ވަނެވެ. ކާފަގެ މޫނުން އަންޖަލްއަށް ފެނުނީ ކުރިން ނުފެންނަ ހާސްކަމެކެވެ.

"ދަރިފުޅަކީ ދޮގު ހަދާ ކުއްޖެއް ނޫން،" ނިޒާރު ބުންޏެވެ. "އިރުއިރުކޮޅާ ކޮން ތާކަށް ތި ދަނީ؟" (ނުނިމޭ)