27 ސެޕްޓެމްބަރ 2025 - 23:10

ސިޔާސީ މައިދާނަށް ނުކުތް، ދެކުނު އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިއެއް ކަމަށްވާ ވިޖޭ މިއަދު ބޭއްވި އެއްވުމެއްގައި ފިތި ބާރުވެގެން ގިނަ ބަޔަކު މަރުވެއްޖެ އެވެ.
"ފިތި ބާރުވުމުގެ މި ހާދިސާގައި މިހާތަނަށް 31 މީހުން މަރުވެފައިވާކަން ވަނީ ކަށަވަރުވެފައި،" މި ހާދިސާ ހިނގި ޓެމިލް ނާޑޫގައި ނޫސްވެރިންނާ ވާހަކަ ދެއްކެވި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ވީ.ސެންތިލްބާލާޖީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ހާދިސާގައި އިތުރު 58 މީހަކު ޒަހަމްވެފައިވާ ކަމަށާއި އެ މީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ކަރޫރް ޑިސްޓްރިކްޓުގައި ބޭއްވި އެއްވުމުގައި މީހުން ގިނަވެ ފިތުމުގެ ސަބަބުން ހާސްކަން ބޮޑުވެ ސަލާމަތްވާން މީހުން މަސައްކަތް ފެށީ އެއްވުމުގައި ވިޖޭ ވާހަކަ ދައްކަނިކޮށެވެ. ހާލަތު ގޯސްވެ އެންމެ ފަހުން ވިޖޭއަށް ޖެހުނީ ވާހަކަ ވެސް މެދުކަނޑާލާށެވެ.
ހިންދުސްތާން ޓައިމްސް އިން ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގީ ވިޖޭ ދެކެލަން ބޭނުންވާ މީހުން ބެރިކޭޑް ހުރަސްކޮށް ސްޓޭޖާ ކައިރިއަށް ދާން އުޅުމުގެ ސަބަބުންނެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިއީ ހިތާމަވެރި ހާދިސާއެއް ކަމަށް ވިދާޅުވެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
ދީނީ އެއްވުންތަކާއި މީހުން ގިނަވާ އެކި އިވެންޓްތަކުގައި އިންތިޒާމްތަކުގެ ދޯދިޔާކަމުގެ ސަބަބުން، ފިތި ބާރުވުމުގެ ހާދިސާތައް ހިނގުމަކީ އިންޑިއާގައި އާންމު ކަމެކެވެ.
މި އަހަރުގެ ޖެނުއަރީ މަހު އިންޑިއާގެ ކުމްބް މޭލާގައި ވެސް ފިތި ބާރުވެގެން 30 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވި އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު އުއްތަރަ ޕްރަދޭޝްގެ އުތުރުގައި ހިންދޫންގެ ދީނީ އެއްވުމެއްގައި ވެސް 121 މީހަކު ވަނީ މަރުވެފަ އެވެ. -- އޭއެފްޕީ