27 ސެޕްޓެމްބަރ 2025 - 23:16

މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ޕީއެސްއެމްގެ ޓީވީ ޕްރެޒެންޓަރު އިނާޔަތު އަލީ އާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނުގައި މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވާ ކަމަށެވެ. އޭގެ ބަރުދަނުގައި 1،246 ގްރާމު ހުރި ކަމަށް ފުލުހުން ބުންޏެވެެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ އުމުރުން 34 އަހަރުގެ އިނާޔަތުގެ އިތުރުން އުމުރުން 34 އަހަރުގެ މުހައްމަދު އައިޝް އަހުމަދާއި 25 އަހަރުގެ އާއިމިނަތު އިއްލިއްޔީން އަހުމަދެވެ. އޭގެ ތެރެއިން އައިޝް އާއި އިއްލިއްޔީންއަކީ މއ. މަޒާގެ ދެ މީހުންނެވެ. އެއީ ދެބެއިންނެވެ. ޓީވީ ޕްރެޒެންޓަރު އިނާޔަތަކީ އަދި ހދ. ކުޅުދުއްފުއްޓަށް އުފަން މީހެކެވެ.
ފުލުހުން ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އައިޝްގެ ބަންދަށް 10 ދުވަސް އަދި އިނާޔަތާއި އިއްލިއްޔީންގެ ބަންދަށް ހަތް ދުވަސް ދީފައިވާ ކަމަށެވެ.
އެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން އިނާޔަތާއި އިއްލިއްޔީންގެ ކުޑަކަމުދާތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފަ އެވެ.
އިއްލިއްޔީން މިހާރު ދިރިއުޅޭ ކަމަށް ބުނާ އެޕާޓްމަންޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ސީނަށް ދިޔަ ފުލުހުން ބުނާ ކަމަށް ވެސް އަމުރުގައިވެ އެވެ. އައިޝްއާ ގުޅޭ ތަނެއް ބަަލައިފާސްކުރުމުގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1،246 ގްރާމު ހުރި ކަމަށް ވެސް ބުނެފައިވެ އެވެ.
ކޯޓު އަމުރުގައި ބުނީ އިނާޔަތު ދިރިއުޅޭ ގެއިން މަސްތުވާތަކެއްޗާއި ދުންފަތާ އެއްކޮށްފައިވާ އެއް ބިޑި ފެނިފައިވާ ކަމަށާއި އެ ތަނުގައި އޭނާގެ އައިޑީކާޑު ވެސް އޮތް ކަމަށެވެ.