27 ސެޕްޓެމްބަރ 2025 - 23:07

އެންމެ ފަހުގެ އިނގިރޭސި ލީީގު ޗެމްޕިަން ލިވަޕޫލާ ވާދަކޮށް ފަހު ވަގުތު އެޑީ އެންކޭޓިއާ ކާމިޔާބު ކޮށްދިން ލަނޑުން 2-1 އިން ކްރިސްޓަލް ޕެލަސް މިރޭ މޮޅު ވެއްޖެ އެވެ.

ޕެލަސް ވަނީ މެޗުގެ ނުވަވަނަ މިނިޓުގައި އިސްމާއިލާ ސާގެ ގޯލުން ލީޑު ނަގައިފަ އެވެ. ދެ ޓީމުން ވެސް ގިނަ ހަމަލާތަކެއް ފޮނުވާލި މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ލިވަޕޫލެވެ.
ލިވަޕޫލް އަންނަ މި ސީޒަންގައި ފަހު ވަގުތު ގޯލު ޖަހައިގެން ގިނަ މެޗުތަކެއް ކާމިޔާބު ކުރަމުންނެވެ. މިރޭގެ މެޗުގެ 87 ވަނަ މިނިޓުގައި ފެޑެރިކޯ ކިއޭސާ ނަތީޖާ އެއްވަރު ކޮށްދިނުމާ އެކު، އެ ޓީމުން ނަތީޖާ ނެރޭނެ ކަމަށް ހީކޮށްގެން ތިއްބައި އިތުރު ވަގުތުގެ ވެސް އެންމެ ފަހު ސިކުންތުގައި ޕެލަސް ވަނީ ލަނޑު ޖަހައި މެޗުން ތިން ޕޮއިންޓް ހޯދައިފަ އެވެ.
ގިނަ ވަގުތު ޑިފެންސް ކުރަން ޖެހުނަސް މެޗުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައި ވަނީ ޕެލަސް އެވެ. ޕެލަސް މޮޅުވި ލަނޑު އެންކޭޓިއާ ޖަހައިދިނީ އިތުރު ވަގުތުގެ ހަތްވަނަ މިނިޓުގަ އެވެ.
މިއާ އެކު، ލިވަޕޫލް ވަނީ މި ސީޒަންގައި ފުރަތަމަ ފަހަރަށް ލީގުގައި ބަލިވެފަ އެވެ. ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލި ނުވެ އޮތް ހަމައެކަނި ޓީމަކީ ކްރިސްޓަލް ޕެލަސް އެވެ.
ޕެލަސް ވަނީ މި ސީޒަން ފަށަން ކުޅުނު ޝީލްޑް މެޗުގައި ޕެނަލްޓީ ޖަހައިގެން ލިވަޕޫލް ބަލިކޮށްފަ އެވެ. އަދި އަންނަ މަހު އިނގިރޭސި ލީގް ކަޕްގެ ހަތަރުވަނަ ބުރުގައި ވެސް މި ދެ ޓީމުގެ ކުރިމަތިލާނެ އެވެ.
ލީގުގެ އެއްވަނައިގައި އަދިވެސް އޮތީ މިރޭގެ ކުރިން ކުޅުނު ފަސް މެޗުން ވެސް މޮޅުވި ލިވަޕޫލެވެ. ލިވަޕޫލަށް 15 ޕޮއިންޓް ލިބިފައި ވާއިރު، ދެވަނައިގައި އޮތީ 12 ޕޮއިންޓް ހޯދާފައިވާ ކްރިސްޓަލް ޕެލަސް އެވެ.
ލީގުގެ ތިންވަނައިގައި އޮތީ މިރޭ ލީޑްސް ޔުނައިޓެޑާ 2-2 އިން އެއްވަރުވި ބޯންމަތެވެ. ބޯންމަތަށް ވަނީ 11 ޕޮއިންތް ލިބިފަ އެވެ. މެންޗެސްޓާ ސިޓީ ވަނީ މިރޭ 5-1 އިން ބާންލީ ބަލިކޮށް 10 ޕޮއިންޓް ހޯދައިފަ އެވެ. އެއް މެޗު މަދުން ކުޅެފައިވާ އާސެނަލް އާއި ތޮޓެންހަމަށް ވެސް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ.