27 ސެޕްޓެމްބަރ 2025 - 22:51

މިދިޔަ ފަސް އަހަރު ޓޫރިޒަމް ދާއިރާ އަށް 550 މިލިއަން ޑޮލަރުގެ ލޯނު (8.4 ބިލިއަން ރުފިޔާ) ދޫކޮށްފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު މިރޭ ވިދާޅުވެއްޖެ އެވެ.

ބީއެމްއެލް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ފެށި ހަތަރު ވަނަ "އެކްސްޕީރިއެންސް މޯލްޑިވްސް" ޑެސްޓިނޭޝަން ކެމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރީފު ވިދާޅުވީ އެ ކުންފުނި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ އެންމެ މުހިއްމު އަމާޒު ކަމަށާއި މިދިޔަ އަހަރުތަކުގައި އެ ކުންފުންޏަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އެސެޓް 52 ބިލިއަން ރުފިޔާ އަށް އަރާ. އެއީ ރާއްޖޭގެ މުޅި ބޭންކިން ސެކްޓަރުގެ 50 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް. ޑިޕޮސިޓްގެ އަދަދު 34 ބިލިއަން ރުފިޔާއަށް އަރާ. އެއީ ރާއްޖޭގެ މުޅި ބޭންކިން ސެކްޓަރުގައި ޑިޕޮސިޓްކޮށްފައިވާ ފައިސާގެ 52 ޕަސެންޓް،" އޭނާ ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވި ގޮތުގައި، ބީއެމްއެލުން ދޫކޮށްފައިވާ ލޯނުގެ އަދަދު 23 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އެއީ ވެސް ރާއްޖޭގެ ބޭންކިން ސެކްޓަރުގެ 52 ޕަސެންޓް ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ ބޭންކިން ސެކްޓަރުގެ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި ޓޫރިޒަމް އިންޑަސްޓްރީ ފުޅާކޮށް ކުރިއެރުވުމުގައި ވެސް އެ ކުންފުނީގެ ދައުރު ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ އެމްޑީ ވިދާޅުވީ ރިސޯޓުތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ ޕޯޓްފޯލިއޯ 8 ބިލިއަން ރުފިޔާއަށް އަރާއިރު، މި އަހަރުގެ ޓޫރިޒަމްގެ އަމާޒު ކަމަށްވާ 2.3 މިލިއަން ޓޫރިސްޓުންގެ އަދަދު ހާސިލު ކުރުމުގައި ވެސް އެ ކުންފުނިން ދެވެން އޮތް އެހީއެއް ދޭނެ ކަމަށެވެ.