27 ސެޕްޓެމްބަރ 2025 - 23:10

ދުނިޔޭގެ ޗެމްޕިއަން ޗެލްސީ އަމިއްލަ ދަނޑުގައި ބްރައިޓަންއާ ވާދަކޮށް 3-1 އިން މިރޭ ބަލިވެއްޖެ އެވެ.

ފޯރީގައި މެޗު ފެށި ޗެލްސީ ވަނީ 24 ވަނަ މިނިޓުގައި އެންޒޯ ފެނާންޑޭޒްގެ ގޯލަކުން ލީޑު ނަގައިފަ އެވެ. ނަމަވެސް އިތުރު ލަނޑެއް ނުޖެހި އުޅެނިކޮށް، ދެވަނަ ހާފު ފެށުނު ތަނާ ޑިފެންޑަރު ޓްރެވޯ ޝަލަބާ އަށް ސީދާ ރަތް ކާޑެއް ދެއްކުމާ އެކު، މުޅި ޓީމު ޕްރެޝަރަށް ވެއްޓުނެވެ.
ބްރައިޓަން އެއްވަރުކުރި ލަނޑު 77 ވަނަ މިނިޓުގައި ޖަހައިދިނީ ޑެނީ ވެލްބެކެވެ. އެ އަށް ފަހު، ބްރައިޓަން ވަނީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ 11 މިނިޓުތެރޭ އިތުރު ދެ ލަނޑު ޖަހައި ތިން ޕޮއިންޓް ކަށަވަރު ކޮށްފަ އެވެ.
އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި ބްރައިތަން އަށް ލީޑު ނަގައިދިން ލަނޑު ޖެހީ މެކްސިމް ޑި ކުއިޕާ އެވެ. އަދި މެޗުގެ 100 ވަނަ މިނިޓުގައި ވެލްބެކް ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދީފަ އެވެ.
މިއީ ޓޮޑް ބޯލީގެ ކޮންސޯޓިއަމުން ޗެލްސީއާ ހަވާލުވީ ފަހުން ހަތަރު ސީޒަން ތެރޭ އެ ޓީމު ބްރައިޓަން އަތުން ބަލިވި ހަތަރުވަނަ މެޗެވެ. މިދިޔަ ސީޒަންގެ ހޯމް މެޗުން ޗެލްސީ މޮޅުވި ނަމަވެސް ފަހުން އަވޭގައި ވަނީ ބޮޑު ބައްޔެއް ވެފަ އެވެ.
އޭގެ ކުރީގެ ސީޒަންގައި މައުރީސިއޯ ޕޮޗެޓީނޯ ވަނީ ލީގުގައި ބްރައިޓަންއާ ކުޅުނު ދެ މެޗުން ވެސް ޗެލްސީ މޮޅު ކޮށްދީފަ އެވެ. އޭގެ ކުރިން، ޓޮޑް ބޯލީގެ ފުރަތަމަ ސީޒަންގައި ވަނީ ބްރައިޓަންއާ ކުޅުނު ދެ މެޗުން ވެސް ޗެލްސީ ބަލިވެފަ އެވެ.
ޓޮޑް ބޯލީގެ ކޮންސޯޓިއަމުން މި ހަތަރު ސީޒަން ތެރޭ ބޮޑު އަގުގައި ބްރައިޓަންގެ ގިނަ ކުޅުންތެރިންތަކެއް ގަނެފައި ވާއިރު، ޗެލްސީގެ ފުރަތަމަ 11 ގައި ވެސް ބްރައިޓަން އިން ގެނައި ހަތަރު ކުޅުންތެރިން މިރޭ ވަނީ ފުލް ކޮށް ކުޅުވައިފަ އެވެ.
މިއީ ޗެލްސީ ލީގުގައި ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. މިދިޔަ ހަފުތާގައި ވަނީ ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 2-1 އިން ބަލިވެފަ އެވެ.
ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިގެން މި ސީޒަން ފެށި ޗެލްސީ، ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން އަދި މޮޅުވީ ދެ މެޗުންނެވެ. ޗެލްސީ އާއި ބްރައިޓަން އަށް ވެސް ވަނީ ލީގުގައި މިހާތަނަށް ހަ މެޗުން 8 ޕޮއިންޓް ލިބިފަ އެވެ.