27 ސެޕްޓެމްބަރ 2025 - 20:53

ވާދަވެރި ބިޑަކަށް ހުޅުވައި ނުލައި އަދި އެއްބަސްވުމެއް ނެތި، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ގެ ހިއްސާ އޮންނަ ކުންފުންޏެއްގެ އަތުން ފެނަކަ ކޯޕަރޭޝަނަށް 112 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ފެނަކަ ހިންގާފައި އޮތް ގޮތް ބަލަން ކުރި ހާއްސަ އޮޑިޓަކަށްފަހު އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ނެރުއްވި ރިޕޯޓް އާއްމުކުރީ އިއްޔެ ރޭ މެންދުމުގެ ވަގުތެއްގަ އެވެ.
އެ ރިޕޯޓްގައިވާ ގޮތުން ފެނަކަ އަށް އެ މުއްދަތުގައި 127 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަނެފައި ވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 112 މިލިއަން ރުފިޔާގެ ގެ އަޑީތެޔޮ ގަތީ ސިރިއަސް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުންނެވެ. އެއީ 19 ވަނަ މަޖިލީހުގެ މެމްބަރު އަނދުން ހުސައިންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
ފެނަކައިން އެ ކުންފުނި އަތުން އެހާ ގިނަ އަދަދަކަށް އަޑީތެޔޮ ގަނެފައި ވާއިރު، އަޑީތެލަކީ ދައުލަތުގެ ކުންފުންޏެއް ކަމަށްވާ އެމްޓީސީސީން ވެސް އެތެރެކުރާ އެއްޗެކެވެ. ނަމަވެސް ރިޕޯޓްގައިވާ ގޮތުން ފެނަކައަށް އެމްޓީސީސީން ގަތީ އެންމެ 15 މިލިއަން ރުފިޔާގެ އަޑީތެލެވެ. އަދި ސްޓެލްކޯ އަތުން 45،852ރ. ގެ އަޑީތެޔޮ ގަނެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
އޮޑިޓް ރިޕޯޓްގައި ބުނީ އެ މުއްދަތުގައި ފެނަކަ އަށް އަޑީތެޔޮ ގަތުމުގެ އެއްބަސްވުމެއް ހެދުމުގެ ބަދަލުގައި އަޑީތެޔޮ ގަނެފައިވަނީ އެ ކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީގައި ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު ނުވާ މިންވަރަށް، އެ ދުވަހުން އެދުވަހަށް ޕާޗޭޒް އޯޑަރުތައް ފޮނުވައިގެން ކަމަށެވެ.
ވާދަވެރި ބީލަމަށް ހުޅުވައި ނުލައި އެގޮތަށް ވަކި ކުންފުންޏެއްގެ އަތުން އަޑީތެޔޮ ގަތުމަކީ އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ވަކިފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައި ދިނުމަށް މަގުފަހިވާނެ ކަމެކެވެ.
އޮޑިޓުން ދެއްކި ގޮތުގައި އެ މުއްދަތުގައި ފެނަކައަށް ސްޕެއާ ޕާޓްސްގެ ބޮޑު ބައެއް ވެސް ގަތީ ވާދަވެރި ބީލަމަށް ހުޅުވައި ނުލަ. އެވެ. އެ މުއްދަތުގައި އެ ކޯޕަރޭޝަނަށް ޖުމްލަ 245.1 މިލިއަން ރުފިޔާގެ ސްޕެއާ ޕާޓްސް ގަތް އިރު ބީލަން އުސޫލުން ގަތީ އެންމެ ހަތް ލައްކަ ރުފިޔާގެ ސްޕެއާޕާޓްސް އެވެ.
ފެނަކައިގެ އޮޑިޓުގައި ކޮރަޕްޝަނަށް މަގުފަހިވާ އެ ނޫން ވެސް އެތައް މައްސަލަތަކެއް ބަޔާންކޮށްފައިވެ އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރަކަށް ސައީދު ހުންނަވައިގެން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކުރަމުންދާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 2021 ވަނަ އަހަރު ރައީސްގެ ސަމާލުކަމަށް ގެނަ އެވެ.
އޭސީސީގެ އޭރުގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތަކަށް ބަލާއިރު "ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާކަން ކޮމިޝަނުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެކަމަކު، އޭރުގެ ވެރިކަން ނިމުނުއިރު، އެ ކޮރަޕްޝަންގެ ތުހުމަތުތަކަށް ފިޔަވަޅެއް ނާޅަ އެވެ.