ކަފާލާތުގެ ފައިސާ ދެއްކުމުން ފޭޒްލީން ބަންދުން ދޫކޮށްލައިފި
ކަފާލާތުގެ ފައިސާ ދެއްކުމުން ފޭޒްލީން ބަންދުން ދޫކޮށްލައިފި

ގދ.ތިނަދޫގެ ގެއަކަށް ވަދެ ޒުވާބުކޮށް، މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޓިކްޓޮކް ތަރި އާމިނަތު ފޭޒްލީން ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.

ފޭޒްލީން އޭނާގެ އުފަން ރަށް، ގދ. ތިނަދޫގައި ގެއަކަށް ވަދެ އިންޒާރު ދިންކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ނިންމީ 10 ގަޑިއިރު ތެރޭގައި ކަފާލާތުގެ ގޮތުގައި 10،000ރ. ކޯޓުގައި ބަހައްޓައިފިނަމަ ބަންދުން ދޫކޮށްލުމަށެވެ.

ނަމަވެސް ކޯޓުން ދީފައިވާ 10 ގަޑިއިރު ތެރޭގައި ކަފާލާތުގެ ފައިސާ ނުދައްކައިފިނަމަ 15 ދުވަހަށް ބަންދުކުރަން ކޯޓުން ނިންމާފައިވާ ކަމަށް ފުލުހުން ކުރިން ބުންޏެވެެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް މިރޭ ވިދާޅުވީ އެ ފައިސާ ކޯޓަށް ދެއްކުމުން، ކަފާލާތުގެ ދަށުން އޭނާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ފޭޒްލީން ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުގެ ރޭގެ 11:38 ހާއިރު ތިނަދޫ ގެއަކަށް ހުއްދަ ނެތި ވަދެ، އެ ގޭގައި ތިބި ކުޑަކުދިންތަކަކާ މެދު ހުތުރު ބަހުން މުއާމަލާތްކޮށް، މާރާމާރީ ހިންގައި އިންޒާރު ދިން މައްސަލައެއްގަ އެވެ.

ކަފާލާތަކީ ކޯޓުން ކަނޑައަޅާ ޝަރުތުތަކެއްގެ ދަށުން ނުވަތަ ކޯޓުން ކަނޑައަޅާ އަދަދަކަށް ކޯޓުގައި ފައިސާ ބެހެއްޓުމަށް ފަހު ބަންދުން ދޫކުރާ އުސޫލެވެ. ކުރިން ޖިނާއީ އިޖުރައާތުގެ ގާނޫނު އޮންނަ ގޮތުން ކަފާލާތު ދެވެނީ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނަށް އެކަންޏެވެ. އެކަމަކު މިހާރު ޖިނާއީ މައްސަލަތަކުގައި ކުށް ސާބިތުވެ، ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުން ވެސް އިސްތިއުނާފް މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން ބަންދުން ދޫކުރެވޭ ގޮތަށް މިދިޔަ އަހަރު ވަނީ އެ ގާނޫނަށް އިސްލާހު ގެނެސްފަ އެވެ.

އެކަމަކު ކަފާލާތުގެ ދަށުން ބަންދުން ދޫކުރިޔަސް ފުރުން މަނާކުރުމާއި ކޯޓުން އަންގާ ގަޑިއަކަށް ހާޒިރުވުމާއި މައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކާ މުއާމަލާތު ނުކުރުން ފަދަ ޝަރުތުތައް ކުރެވިދާނެ ކަމަށް އެ ގާނޫނުގައިވެ އެވެ.