ޕެޓީ ކޭޝްގެ ނަމުގައި ފެނަކަ ޕްރޮޖެކްޓްތަކުން މުވައްޒަފުންގެ އަތަށް 26 މިލިއަން
ޕެޓީ ކޭޝްގެ ނަމުގައި ފެނަކަ ޕްރޮޖެކްޓްތަކުން މުވައްޒަފުންގެ އަތަށް 26 މިލިއަން

ފެނަކައިން ރަށްރަށުގައި ހިންގި މަޝްރޫއުތަކަށް ދޫކުރަންޖެހޭ ފައިސާގެ ތެރެއިން ކުންފުނީގެ މުވައްޒަފުންގެ އެކައުންޓުތަކަށް ފޮނުވި އަދި ނަގުދު ފައިސާގެ ގޮތުގައި ހަވާލުކުރި އަދަދު 26 މިލިއަން ރުފިޔާ އަށް އަރާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

ފެނަކަ ކޯޕަރޭޝަންގެ 2021 - 2023 ގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ފެކަނައިން މަޝްރޫއުތަކާ ގުޅުން ހުރި ހަރަދުތައް ކުރުމުގެ ނަމުގައި 26 މިލިއަން ރުފިޔާ އެކައުންޓްތަކަށް ޖަމާކުރި އެވެ. އެ ފައިސާގެ ތެރެއިން 21 މިލިއަން ޖަމާކޮށްފައިވަނީ މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށެވެ. އަދި ނަގުދު ފައިސާގެ ގޮތުގައި 5.1 މިލިއަން ރުފިޔާ ނަގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައިވެ އެވެ. އޭގެ ތެރެއިން ގިނަ ފައިސާ ޖަމާކޮށްފައިވަނީ ރަށްރަށުގައި ޕްރޮޖެކްޓްތައް ހިންގުމަށް ވަގުތީ ގޮތުން ނަގާފައިވާ ޕްރޮޖެކްޓް މެނޭޖަރުންގެ އެކައުންޓްތަކަށް ޕެޓީ ކޭޝްގެ ގޮތުގަ އެވެ.

އޮޑިޓް އޮފީހުން ބުނީ ޕެޓީ ކޭޝް ފައިސާ ރީއިމްބާސް ކުރަން ހުށަހަޅާ ރިޕޯޓުގައި ހިމެނޭ ހަރަދަކީ ކުންފުނީގެ ބޭނުމަށް ކޮށްފައިވާ ހަރަދުކަން ކަށަވަރު ކުރެވޭނެ އިންތިޒާމެއް ނެތް ކަމަށެވެ. އެހެންވެ، ޕެޓީ ކޭޝް އިން ކުރާ ހަރަދަކީ ކުންފުނީގެ ބޭނުމަށް ކުރި ހަރަދެއްކަން ނޭނގޭ ކަމަސާއި އެ ފައިސާއިން ކުންފުނީގެ ބޭނުންތައް ނޫން އެހެން ބޭނުމަކަށް ހަރަދު ކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

އޮޑިޓް ކުރި މުއްދަތުގައި ނަގުދު ފައިސާގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ ތެރެއިން 1.5 މިލިއަން ރުފިޔާ ހަރަދު ކުރި ގޮތުގެ ރިޕޯޓާއި ބިލް ވެސް ލިބިފައިނުވާ ކަމަށް އޮޑިޓުން ހާމަވެފައިވެ އެވެ.

މީގެ އިތުރުން އެމްޑީ ބިއުރޯއިން ޕެޓީ ކޭޝްގެ ގޮތުގައި 6.4 މިލިއަން ރުފިޔާ ހޭދަކުރި އިރު އޭގެ ތެރެއިން 800،000ރ. ހަރަދުކޮށްފައިވާ ގޮތުގެ އެއްވެސް ތަފްސީލެއް އޮޑިޓަރުންނަށް ލިބިފައެއް ނުވެ އެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން ފެނަކައިން 2021 އިން 2023 އަށް ހިންގި ޕްރޮޖެކްޓްތަކުގެ ތެރެއިން 61 މިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ ކޮން ޕްރޮޖެކްޓްތަކަކަން ވެސް ޔަގީނެއް ނުވެ އެވެ.

އޮޑިޓް އޮފީހުން ބުނީ، ރަށްރަށުގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ވަގުތީ މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކުރަމުން ދިއުމަކީ ކުންފުނީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ހުޅުވޭ ދޮރެއް ކަމަށެވެ.

މި މައްސަލަތަކުގެ އިތުރުން ވެސް ސީރިއަސް އެތައް މައްސަލައެއް އޮޑިޓުން ހާމަވެފައިވެ އެވެ. އޮޑިޓްގެ މުއްދަތުގައި ހިދުމަތާއި ތަކެތި ހޯދަން އެކި ފަރާތްތަކާ ހަވާލުކުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވާދަވެރި ބީލަމަށް ހުޅުވައި ނުލައި، އުސޫލުން ބޭރުންނެވެ.

ފެނަކައިގެ މާލީ ހާލަތާއި މުދަލާ ހިދުމަތް ހޯދުމުގައި އަމަލުކޮށްފައިވާ ގޮތް ބަލަން ކުރި ހާއްސަ އޮޑިޓަކަށް ފަހު ރޭ ނެރުނު ރިޕޯޓުގައިވާ ގޮތުން ހިދުމަތާއި ތަކެތި ހޯދަން ފެނަކައިން އެ މުއްދަތުގައި 673 އެއްބަސްވުމެއްގައި ސޮއިކުރި އިރު އޭގެ ތެރެއިން 438 އެއްބަސްވުމަކީ ބީލަމަށް ހުޅުވައި ނުލައި ހެދި އެއްބްސްވުންތަކެވެ. އެއީ އެއްބަސްވުންތަކުގެ 65 ޕަސެންޓެވެ. އޭރު ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ސައީދުގެ އާއިލީ ތިން ކުންފުންޏަކަށް 49.7 މިލިއަން ރުފިޔާގެ ކޮންޓްރެކްޓް ދީފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ.