ފެނަކަ ކޮރަޕްޝަނުގެ އަޑިއަށް ފީނައި ޝާމިލުވާ އެންމެންގެ މައްސަލަ ބަލަންޖެހޭ: އާދަމް ޝަރީފް
ފެނަކަ ކޮރަޕްޝަނުގެ އަޑިއަށް ފީނައި ޝާމިލުވާ އެންމެންގެ މައްސަލަ ބަލަންޖެހޭ: އާދަމް ޝަރީފް

އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގައި ދައުލަތުގެ ޔޫޓިލިޓީ ކުންފުނި، ފެނަކަ ކޯޕަރޭޝަނުން 2.24 ބިލިއަން ރުފިޔާގެ ވައްކަން ކޮށްފައިވާކަމަށާއި އެއީ ހަމަައެކަނި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ސައީދު އެކަނި ކުރި ކަމެއް ނޫން ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ފެނަކައިގެ 2021-2023 ހާއްސަ އޮޑިޓު އާންމުކޮށްފައިވާއިރު އޭގައި ކޮރަޕްޝަނުގެ ގިނަ އަދި ބޮޑެތި މައްސަލަތަކެއް ވަނީ ފާހަގަކޮށްފަ އެވެ.

އެ މައްސަލާގައި އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "އެމްޑީޕީ ސަރުކާރުން މުޅި ދައުލަތް ލޫޓުވަމުންދާ މައްސަލަ އާއި ފެނަކައިގެ ކޮރަޕްޝަނާއި ވެންޓިލޭޓަރުގެ ކޮރަޕްޝަނުގެ މައްސަލަ" ވެސް ސަރުކާރުގެ ސަމާލުކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރުކަމުގައި ހުންނެވިއިރު ގެންނެވި ކަމަށެވެ.

އެކަމަކު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސަރުކާރާއި އެ ޕާޓީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހާއި މިނިވަން މުއައްސަސާތަކުން ވެސް އެކަމަށް އަޅައެއްނުލި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ފެނަކައިން އެހާ ބޮޑެތި ވައްކަންތައް ކޮށްފައިވާއިރު އެއީ ސައީދު އެކަނި ކުރި ވައްކަންތަކެއް ކަމަށް ބެލެވެން ނެތް ކަމަށާއި އެކަމުގައި ހިމެނޭ އެންމެނަށް ފިޔަވަޅު އަޅައި ގެއްލުނު ފައިސާ ހޯދަންޖެހޭ ކަމަށެވެ.

"އެމްޑީ ސައީދު އެކަނި މިވަރުގެ ބޮޑެތި ވައްކަންތައް ނުކުރެވޭނެ. ވަރަށް ގިނަ މީހުންނަށް ބައި އެޅިކަން މިހާރު މިދަނީ ފަޅާއަރަމުން،" އޮޑިޓް ރިޕޯޓުގައިވާ ކަންކަމަށް އިޝާރާތްކުރައްވަމުން އާދަމް ޝަރީފް ވިދާޅުވި އެެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ޒިންމާއަކަށް ވާންޖެހޭނީ ހަމައެކަނި އެންމެ މީހަކަށް ގާނޫނު ހިންގުމުގެ ބަދަލުގައި މުޅި މައްސަލައިގެ އެންމެ އަޑިއަށް ފީނައި، އެކަމުގައި ޝާމިލުވާ އެންމެންނާ މެދު އިންސާފުވެރި ތަހުގީގެއް ހިންގައި ގެއްލިފައިވާ ފައިސާ ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ.

އެފަދަ ކޮރަޕްޝަނުގެ މައްސަލަތަކަށް މިހާ ދުވަސްވީއިރު އަޅާނުލައި ތިބި މުއައްސަސާތައް ޖަވާބުދާރީކުރުވުމަށް ވެސް އޭނާ ގޮވައިލެއްވި އެވެ. އަދި ވިދާޅުވީ ގައުމު ސަލާމާތްކުރެވޭނީ ކޮރަޕްޝަން މުލުން ލުހެލައިގެން ކަމަށެވެ.

ފެނަކައިގެ ދަރަނި 2023 ވަނަ އަހަރު ނިމުނުއިރު 379 ޕަސެންޓް އިތުރުވެފައިވާއިރު އެއީ އެ ކުންފުންޏަށް ލިބުނު އާމްދަނީ އާއި ޓެރިފްލޮސްގެ ގޮތުގައި ދައުލަތުން ދިން ފައިސާ އިން ފޫނުބެއްދިގެން ވީ ގޮތެއް ނޫން ކަމަށް އޮޑިޓުގައިވެ އެވެ.

ރިޕޯޓުގައި ބުނީ މާލީ ހާލަތު ގޯސްވީ މުދަލާއި ހިދުމަތް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ގިނަ މުއާމަލާތްތަކެއްގެ ސަބަބުން ކަމަށެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފެނަކައިން އާ އިންޖީނުގެތަކާއި އޮފީސް އިމާރާތްތައް އަޅަން 2023 ވަނަ އަހަރު ނިމުނު އިރު، ކޮށްފައިވާ ހަރަދާއި ނުނިމި ހުރި މަސައްކަތަށް ދޭން ޖެހޭ ފައިސާ އެއްކޮށްލުމުން، އެ ޕްރޮޖެކްޓްތަކަށް، މާކެޓް ރޭޓަށް ވުރެ އިތުރަށް 767.3 މިލިޔަން ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ. އަދި ފެނަކަ އަށް ޖަނަރޭޓަރާއި ކޭބަލް އަދި ޓްރާންސްފޯމަރު ގަންނަން ހެދި އެއްބަސްވުންތަކުން، އެ ތަކެތި ހޯދަން ހަގީގަތުގައި ހޭދަވާނެ ފައިސާ އަށް ވުރެ އިތުރަށް 287 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

އޮޑިޓު އޮފީހުން ބުނި ގޮތުގައި ފެނަކައިން ހިދުމަތާއި ތަކެތި ހޯދަން އެކި ފަރާތްތަކާ ހަވާލުކުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އުސޫލުން ބޭރުން، ބީލަމަށް ނުލަ އެވެ. އަދި ސައީދުގެ އާއިލީ ތިން ކުންފުންޏަކަށް 49.7 މިލިއަން ރުފިޔާގެ ކޮންޓްރެކްޓް ދީފައިވާ ކަަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

ފެނަކައިގެ ބޮޑެތި ކޮރަޕްޝަންތަކެއް ހިމެނޭ ރިޕޯޓެއް އޮޑިޓުން ނެރުނުއިރު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކައިގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކުރަމުންދާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން 2021 ވަނަ އަހަރު ރައީސްގެ ސަމާލުކަމަށް ވެސް ގެނަ އެވެ.

ފެނަކައިގެ މައްސަލަތަކުގެ ތެރެއިން، ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކައަށް ގަތުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ސައީދަށް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ދައުވާކޮށްފަ އެވެ.