27 ސެޕްޓެމްބަރ 2025 - 12:57

އަންނަ ނޮވެމްބަރުން މަހުން ފެށިގެން ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދޭން ނިންމުމާ ގުޅިގެން އެކަމާ ދެކޮޅަށް އޮސްޓްރޭލިއާގެ އޯޝަން ޖިއޮގްރަފިކް މެގަޒިންގެ އެޑިޓަރުން އޮންލައިން ޕެޓިޝަނެއްގައި ސޮއި ހޯދަން ފަށައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 އިން ފެށިގެން ރާއްޖޭގައި ވަނީ މިޔަރު ހިމާޔާތްކޮށްފަ އެވެ.
އެކަމަކު މިޔަރުގެ މަސްވެރިކަން މަނާކުރުމާ ހަމައަށް އެންމެ ފުޅާ ދާއިރާއެއްގައި އޭގެ މަސްވެރިކަން ކުރި ހދ. ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ ނޮވެމްބަރު 1 އިން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
އެހެންވެ، އެކަމުގައި ދެވަނަ ވިސްނުމަކަށް ދިއުމަށް އެދި ރައީސް މުއިއްޒަށް ފޮނުވަން ސޮއިކުރަމުން އަންނަ އެ ޕެޓިޝަނަށް، ކަނޑުތަކާއި އޭގެ ދިރުން ހިމާޔަތްކުރުމުގައި ވަކާލާތު ކުރަމުން ގެންދަވާ މަޝްހޫރު ނަންތަކުގެ ތެރޭގައި ހިމެނޭ ޑރ. ސިލްވިއާ އާލް، ޑރ. އެލެކްސް މަސްޓާޑް، ޑޭވިޑް ޑައުބިލެޓް، ޖެނިފާ ހޭޒް، އަދި ހަވާޑް އެންޑް މިޝެލް ހޯލް ހިމެނެ އެވެ. އަދި ކުރީގެ ރައީސް ނަޝީދު ވެސް ވަނީ ޕެޓިޝަނަށް ތާއީދުކުރައްވައިފަ އެވެ.
އެ ޕެޓިޝަނުގައި ފާހަގަކުރާ ގޮތުގައި މިޔަރުގެ މަސްވެރިކަން މަނާކޮށްފައި އޮތް އޮތުން ދެމެހެއްޓުމަކީ ރާއްޖޭގެ ރީތި ނަން ދަމަހައްޓައި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ އެކި ބައްދަލުވުންތަކުގައި ރާއްޖެއިން ވަކާލާތުކުރުމަށް ވެސް ބާރު ލިބޭނެ ކަމެކެވެ.
މިޔަރުގެ މަސްވެރިކަން ހުއްދަކުރުމަކީ ހަމައެކަނި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރެއް ނޫން ކަމަށާއި އެއީ ޓޫރިޒަމަށް ބަރޯސާވެފައި އޮތް ރާއްޖޭގެ އިގްތިސާދާއި އެއިން ލިބޭ މަންފާއަށް ވެސް ކުރާނެ ނޭދެވޭ އަސަރެއް ކަމަށް އެ ޕެޓިޝަނުގައިވެ އެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި މިޔަރުގެ މަސްވެރިކަން ފެށުމަކީ ވަރަށް މުހިންމު ދޮރެކެވެ. އެކަމުގައި ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިޔަރުގެ މަސްވެރިކަމަށް ހުޅުވާލުމަކީ ކުޅުދުއްފުށިން އެކި ސަރުކާރުތަކުގައި ޑިމާންޑް ކުރަމުންދިޔަ ކަމެކެވެ. މިޔަރު މާ ގިނަ ކަމަށް ބުނެ، ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ވެސް އެ ބާނަން ހުއްދަ ދޭން އެކި ފަހަރު މަތިން ސަރުކާރުގައި އެދިފައިވެ އެވެ.
އެހެންވިޔަސް ތިމާވެއްޓާ ގުޅޭ ޖަމިއްޔާތަކާއި ލޯކަލް ޓޫރިޒަމްގެ ބައެއް ފަރާތްތަކުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިޔަރު ހިމާޔަތްކޮށް، ރައްކާތެރިކުރަން ރާއްޖެއިން މުޅި ދުނިޔެ އަށް ދައްކައިދީފައިވާ ނަމޫނާ ދަމަހައްޓަން، މިޔަރު ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ އިނގިރޭސި ވިލާތުގެ 'ޝާކް ގާޑިއަން' އިން ވެސް ވަނީ ގޮވާލައިފަ އެވެ.
ދެމެހެއްޓެނިވި ގޮތެއްގައި މިޔަރުގެ މަސްވެރިކަން ރެގިއުލޭޓް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި މިކަން ވަކި ބާވަތެއްގެ މިޔަރަކަށް ލިމިޓުކޮށްފައި ބޭއްވުމަކީ ނާދިރު ކަމެއް ކަމަށް އެ ޖަމިއްޔާއިން ރައީސަށް ފޮނުވި ސިޓީގައި ބުނެފައި ވެ އެވެ.
މިޔަރަކީ ރާއްޖޭގެ މުރަކަތަކާއި ފަރުތަކުގެ ސިއްހަތު ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗަކަށް ވާއިރު، މިޔަރުގެ އާބާދީ އަށް ކުރާ ނޭދެވޭ އަސަރު، ރާއްޖޭގެ އިގުތިސާދު ބަރޯސާވެފައިވާ އޮތް ކަނޑުގެ ވަސީލަތްތަކަށް ކުރާނެ ކަމަށް ފެންނާތީ އެކަމުގައި ދެވަނަ ވިސްނުމަކަށް ދިއުމަށް އެ ޖަމިއްޔާ އިން ވެސް ގޮވާލި އެވެ.