ފޭޒްލީން ބަންދުން ދޫކުރާނީ ކަފާލާތަށް 10 ގަޑިއިރު ތެރޭ 10،000ރ. ދެއްކުމުން ކަމަށް ކޯޓުން ނިންމައިފި
ފޭޒްލީން ބަންދުން ދޫކުރާނީ ކަފާލާތަށް 10 ގަޑިއިރު ތެރޭ 10،000ރ. ދެއްކުމުން ކަމަށް ކޯޓުން ނިންމައިފި

ޓިކްޓޮކްގައި މަަޝްހޫރު އައިމިނަތު ފޭޒްލީން ހުއްދަ ނެތި ގެއަކަށް ވަދެ، މާރާމާރީ ހިންގައި އިންޒާރު ދިން މައްސަލައިގައި ހައްޔަރުކުރުމުން ކަފާލާތުގެ ދަށުން ދޫކޮށްލަން ކޯޓުން ކަނޑައަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފޭޒްލީން، 49، އޭނާގެ އުފަން ރަށް، ގދ. ތިނަދޫގައި ގެޔަކަށް ވަދެ އިންޒާރު ދިން މައްސަލައިގައި އިއްޔެ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ނިންމީ 10 ގަޑިއިރު ތެރޭގައި 10،000ރ. ދެއްކުމުން ބަންދުން ދޫކޮށްލުމަށެވެ.

އެކަމަކު ކޯޓުން ދީފައިވާ 10 ގަޑިއިރު ތެރޭ ކަފާލާތުގެ ފައިސާ ނުދައްކައިފި ނަމަ 15 ދުވަހަށް ބަންދުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެެ.

ފުލުހުން ބުނެފައިވާ ގޮތުގައި ފޭޒްލީން ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުގެ ރޭގެ 11:38 ހާއިރު ތިނަދޫ ގެއަކަށް ހުއްދަ ނެތި ވަދެ އެ ގޭގައި ތިބި ކުޑަކުދިންތަކަކަށް ހުތުރު ބަހުން ޒުވާބުކޮށް މާރާމާރީ ހިންގައި އިންޒާރު ދިން މައްސަލައެއްގައި ކަމަށެވެ.

ކަފާލާތަކީ ކޯޓުން ކަނޑައަޅާ ޝަރުތުތަކެއްގެ ދަށުން ނުވަތަ ކޯޓުން ކަނޑައަޅާ އަދަދަކަށް ކޯޓުގައި ފައިސާ ބެހެއްޓުމަށް ފަހު ބަންދުން ދޫކުރާ އުސޫލެވެ. ކުރިން ޖިނާއީ އިޖުރައާތުގެ ގާނޫނު އޮންނަ ގޮތުން ކަފާލާތު ދެވެނީ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނަށް އެކަންޏެވެ. އެކަމަކު ޖިނާއީ މައްސަލަތަކުގައި ކުށް ސާބިތުވެ، ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުން ވެސް އިސްތިއުނާފް މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން ބަންދުން ދޫކުރެވޭ ގޮތަށް މިދިޔަ އަހަރު ވަނީ އެ ގާނޫނަށް އިސްލާހު ގެނެސްފަ އެވެ.

ކޯޓުތަކުގައި ކުށް ސާބިތުވާ މީހުންނަށް ވެސް އަދަބު ކަނޑައެޅުމުގެ ކުރިން ކަފާލާތުގެ އުސޫލުން ބަންދުން ދޫކުރެވޭ ގޮތަށް އެ ގާނޫނަށް ބަދަލު ގެނެސްފައިވެ އެވެ. އެކަމަކު ކަފާލާތުގެ ދަށުން ބަންދުން ދޫކުރިޔަސް ފުރުން މަނާކުރުމާއި ކޯޓުން އަންގާ ގަޑިއަކަށް ހާޒިރުވުމާއި މައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކާ މުއާމަލާތު ނުކުރުން ފަދަ ޝަރުތުތައް ކުރެވިދާނެ ކަމަށް އެ ގާނޫނުގައިވެ އެވެ.