27 ސެޕްޓެމްބަރ 2025 - 03:06

ދުނިޔޭގައި އެންމެ މޮޅު އަދި ޝަރަފުވެރި ޔުނިވާސިޓީތަކުގެ ތެރޭގައި ހިމެނޭ، އިނގިރޭސި ވިލާތުގެ އޮކްސްފޯޑުން ޕީއެޗްޑީ ހާސިލްކުރި ފުރަތަމަ ދިވެއްސަށް، ޒުވާން ވަކީލް މުހައްމަދު ޝައްފާން ވެއްޖެ އެވެ.
އޯ ލެވެލް އަދި އޭ ލެވެލްގައި ވެސް ރާއްޖެ އިން އެއްވަނަ ހޯދައިގެން ރައީސްގެ ސްކޮލަޝިޕްގައި މަތީ ތައުލީމުގެ ދަތުރު ފެށި އުމުރުން 30 އަހަރުގެ ޝައްފާން ޕީއެޗްޑީގެ ހަތަރު އަހަރުގެ ކިޔެވުމަށް ފަހު އިއްޔެ ވަނީ ގްރެޖުއޭޓު ވެފަ އެވެ.
އޭނާ ތީސިސް ހެދީ ކޮޕީރައިޓް ގާނޫނުގައި ހިމެނޭ ޖިނާއީ ފިޔަވަޅުތަކުގެ ގާނޫނީ އަސާސްގެ މައްޗަށެވެ.
ޝައްފާން، "މިހާރު" އަށް ބުނީ ތީސިސްގެ މައްޗަށް ބިނާކޮށް ބައެއް ދިރާސާތަކާއި ލިޔުންތައް އޭނާ ލިޔަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ ކޯޓުތަކުގައި ވެސް ވަކާލާތު ކުރަމުން އަންނާތީ، މި ވަގުތު ދެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް އޭނާ ބުންޏެވެ.
ޕީއެޗްޑީ ފެށުމަށް ފަހު، މީގެ ފަސް އަހަރު ކުރިން "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ޝައްފާން ބުނެފައި ވަނީ އޭނާގެ ހަޔާތުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ޕީއެޗްޑީ ހެދުމަށް އޮކްސްފޯޑުން ފުރުސަތު ލިބުން ކަމަށެވެ. އެއީ، ދުނިޔޭގެ ގައުމުތަކުގެ އެންމެ މޮޅެތި 319 ދަރިވަރުންނާ ވާދަކޮށްގެން އޭނާ ހޯދި ފުރުސަތެކެވެ.
މާސްޓާސްގެ ނަތީޖާ ރަނގަޅުވުމުން، ޝައްފާން ޕީއެޗްޑީ ފުރިހަމަކުރުމަށް އޮކްސްފޯޑް ލޯ ފެކަލްޓީން ހަރަދުގެ އެއް ބައި ދޭ ސްކޮލަޝިޕެއް ލިބުނެވެ. އެ އިން ލިބެނީ "ޔޫކޭ/އީޔޫ-ލެވެލް"ގެ ހަރަދުތަކެވެ. އޭނާއަކީ އެ ސަރަހައްދުން ބޭރު ގައުމެއްގެ ދަރިވަރަކަށް ވުމުން އިތުރަށް ކުރަންޖެހޭ ހަރަދުތައް ކުރީ އަމިއްލައަށެވެ.
ސްކޫލުގައި ވެސް ދުނިޔޭގެ ފެންވަރުގެ ކާމިޔާބީތައް ހާސިލްކުރުމަށް ފަހު، ޝައްފާން ކިންގްސް ކޮލެޖް ލަންޑަނުން ޑިގްރީ ނިންމާލީ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނިގެންނެވެ. އޭގެ ފަހުން، ފިކުރީ މުދަލާ ބެހޭ ގާނޫނުން ހާއްސަވުމަށް އޮކްސްފޯޑުގެ އިތުރުން މަޝްހޫރު ކެމްބްރިޖް ޔުނިވަސިޓީން ވެސް ޝައްފާނަށް ފުރުސަތު ލިބުނެވެ. އެކަމަކު އޭނާ އިހުތިޔާރު ކުރީ އޮކްސްފޯޑެވެ.
އެ ކިޔެވުން ފުރިހަމަކުރީ ޔުނިވާސިޓީން ދިން 20،000 ޕައުންޑްގެ އެހީ ފޯރުކޮށްދޭ ސްކޮލަޝިޕުންނެވެ. އެ ސްކޮލަޝިޕް ލިބެނީ ކޯހަށް ހޮވޭ 90 ދަރިވަރުންގެ ތެރެއިން 8 ދަރިވަރަކަށެވެ.
ރާއްޖެއިން ބޭރުގައި ކިޔަވަމުން ވެސް ޝައްފާން ގެންދިޔައީ ރާއްޖޭގައި އަމިއްލަ ލޯ ފާމަކާއި ގާނޫނާއި ގަވާއިދުތައް ފެންނަ ވެބްސައިޓެއް ވެސް ހިންގަމުންނެވެ.