ރަށްރަށުގެ ސޯޝަލް ހައުސިންގެ ޑައުންޕޭމަންޓު ދެ ބައިކުޅަ އެއް ބައި ކުޑަކޮށްދެނީ
ރަށްރަށުގެ ސޯޝަލް ހައުސިންގެ ޑައުންޕޭމަންޓު ދެ ބައިކުޅަ އެއް ބައި ކުޑަކޮށްދެނީ

އަތޮޅު ތެރޭގައި ސޯޝަލް ހައުސިންގެ ދަށުން ސަރުކާރުން ގާއިމުކޮށްދީފައިވާ ރޯހައުސްތަކާއި ފްލެޓުތަކަށް ދައްކަންޖެހޭ ޑައުންޕޭމަންޓް ދެ ބައިކުޅަ އެއް ބައި ކުޑަކޮށްދޭން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނު ކުރައްވައިފި އެވެ.

ރަށްރަށުގެ ސޯޝަލް ހައުސިންގެ ޑައުންޕޭމަންޓު ދެ ބައިކުޅަ އެއް ބައި ކުޑަކޮށްދެނީ
ރަށްރަށުގެ ސޯޝަލް ހައުސިންގެ ޑައުންޕޭމަންޓު ދެ ބައިކުޅަ އެއް ބައި ކުޑަކޮށްދެނީ

ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެންމެ ފަހު މަންޒިލެއްގެ ގޮތުގައި އެ އަތޮޅުގެ ތިމަރަފުއްޓަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ބައެއް ރަށްރަށުގައި އަޅާފައިވާ ސޯޝަލް ހައުސިން ޔުނިޓުތަކުގެ އަގުތައް ގިނަ ރައްޔިތުންނަށް ބޮޑުކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި ސަރުކާރުން މިހާރު ވެސް ވަނީ ރަށްރަށުގައި ގާއިމުކޮށްފައިވާ ހައުސިން ޔުނިޓުތަކަށް މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކޮށްދީފަ އެވެ.

އެ މަނިކުފާނު އިޝާރާތް ކުރެއްވީ، ރަށްރަށުގައި އަޅާފައި ހުރި ހައުސިން ޔުނިޓްތަކުގެ ކުލި، އެވްރެޖުކޮށް 5،000ރ. ގައި ހުރި ނަމަވެސް 3،300ރ. އަށް ކުޑަކުރަން ޑިސެމްބަރު 2023 ގައި މި ސަރުކާރުން ނިންމާފައިވާ ނިންމުމަށެވެ.

އޭގެ އިތުރުން، އެފަދަ ޔުނިޓުތަކަށް، ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާ އެކު 20،000ރ. ކަނޑައަޅާފައިވާ ކަމަށާއި ނަމަވެސް އެއީ ގިނަ ބަޔަކަށް ދައްކަން އުނދަގޫ އަދަދެއް ކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.

"އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ޑައުންޕޭމަންޓް 10،000ރ. އަށް ކުޑަކޮށްދޭނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ކުލި ދައްކަން ނުޖެހޭ ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑް ވެސް ގުނަން ފަށާނީ، އެ ޔުނިޓުތައް އެކޮށް ނިންމައި، ދިރިއުޅެން ފަށާ ތާރީހުން ފެށިގެންނެވެ.

މީގެ އިތުރުން، ތިމަރަފުށީގައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އިތުރު 100 ހައުސިން ޔުނިޓު އަޅާނެކަން ވެސް އެ މަނިކުފާނު މިރޭ އިއުލާނު ކުރެއްވި އެވެ.