ކޮރަޕްޝަންގެ ކުރީގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން އެސެޓް ރިކަވަރީ ގާނޫނެއް ހަދާނަން: ރައީސް
ކޮރަޕްޝަންގެ ކުރީގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން އެސެޓް ރިކަވަރީ ގާނޫނެއް ހަދާނަން: ރައީސް

އެކި ސަރުކާރުތަކުގެ ދުވަސްވަރު ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން އެސެޓް ރިކަވަރީ ގާނޫނެއް ހަދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ކޮރަޕްޝަންގެ ކުރީގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން އެސެޓް ރިކަވަރީ ގާނޫނެއް ހަދާނަން: ރައީސް
ކޮރަޕްޝަންގެ ކުރީގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން އެސެޓް ރިކަވަރީ ގާނޫނެއް ހަދާނަން: ރައީސް

ހަތަރު އަތޮޅަކަށް ފެއްޓެވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލް، ތ. ތިމަރަފުށީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ ފަހު ދައުރަށް އަންނަ މަހު ހުޅުވުމުން ސަރުކާރުގެ ފަރާތުން އެސެޓް ރިކަވަރީ ބިލެއް ފޮނުވާނެ ކަމަށެވެ. އޭގެ ބޭނުމަކީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ކުރީގައި ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ވެސް ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމާ އެކު ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ކޮރަޕްޝަން ނައްތާލުމެވެ. މި ސަރުކާރުން ތިބީ ކޮރަޕްޝަން ނައްތާލަން ވަރަށް ތައްޔާރަށް ކަމަށާއި ސަރުކާރުގެ ތެރެއިންނާއި ދައުލަތުގެ ތެރެއިން އެ ވަބާ ނައްތާލާނެ ކަމަށް ރައީސް ރޭ ވިދާޅުވި އެވެ.

ސަރުކާރުން ޑިޖިޓަލައިޒް ކުރަނީ އެ ވަބާ ނައްތާލަން ކަމަށާއި އޭރުން ވައްކަން ކުރުމާއި ކޮރަޕްޝަން ފަދަ ކަންކަން ހިންގުމުގެ ފުރުސަތު ކުޑަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތުހުމަތުވާ މީހާގެ އަތުން، މިހާރު މި އޮތް ނިޒާމުން އެއްވެސް އެއްޗެއް ނުހޯދޭ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"މި ބިލު މަޖިލީހުން ނިންމައިދީ، ތަސްދީގުކުރަން ހަމަ ފޮނުވާ ދުވަހު ތަސްދީގު ކުރާނަން. އެ ބިލު ގާނޫނަކަށް ވާ ދުވަހުން ފެށިގެން، މީގެ ކުރިން މި ކަހަލަ ބޮޑެތި ވައްކަން ކޮށްފައި ތިބި ހުރިހާ އެންމެންގެ ފަހަތުން ވަރަށް ބާރަށް ދާނެ ސަރުކާރުގެ އިދާރާތައް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ފައިސާ ފޮރުވައިގެން އުޅޭ މީހެއް ނަމަ އެ މީހަކަށް އެ މަނިކުފާނު ފުރުސަތެއް ނުދެއްވާނެ އެވެ. އެއީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ހައްގެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ޒިންމާއަކީ އަޅުގަނޑު ކޮށްފައިވާ ހުވަޔާ އެއްގޮތަށް އެ ކަންކަން ކުރުން. އެހެންވީމާ، ރައްޔިތުންގެ ފައިސާ، މިލިއަނުން ބިލިއަނުން މީހުންގެ އަތުގައި ހުރި ކަމަށް ވަންޏާ ކަމާބެހޭ އިދާރާތަކުން އެކަން ނިންމައިފިއްޔާ ތަންފީޒު ކުރުމަށްޓަކައި އެ ފައިސާ، އެސެޓު ހޯދުމުގައި މި ދެންނެވި ގާނޫނު މުހިންމުވޭ އެބަ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ ދުވަސްވަރު ފެނަކަ އަށް ހެދި ގޮތް އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ އިއްޔެ ރޭ ނެރުއްވި އޮޑިޓު ރިޕޯޓުން ފެނިވަޑައިގެންފައިވާ ކަމަށާއި އޭގައި އޮތީ އެތައް ސަތޭކަ މިލިއަން ރުފިޔާގެ ވައްކަން ކަމަށެވެ. އެހެންވެ، އެކަމާ ގުޅިގެން ފުލުހުންގެ އިދާރާއިންނާއި އޭސީސީ އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް އެ މައްސަލަތައް އަވަސް ކުރަން މަގާމުގެ ހައިސިއްޔަތުން މިހާރު އަންގަވާފައި ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއީ ރައްޔިތުންގެ ފައިސާ. މި ކުންފުނި ދަރައި، ކުންފުނި ހަލާކުވާން މި އޮތީ ހުރިހާ ކަމެއް މިގޮތަށް ކޮށްގެން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ބާރުގެ ބޭނުންކޮށްގެން ސަރުކާރުގެ ކުންފުނިތުގެ ނާޖައިޒު ފައިދާ ނަގާފައިވާ ކަމަށާއި ކޮރަޕްޝަން ނައްތާލުމަށް މަސައްކަތް ކުރާނީ އެއްވެސް މީހަކަށް ބެލުމެއް ނެތި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ހަމައަކީ މީހާ އަށް ބެލުމެއް ނޫން، ކުރި އަމަލަށް ބެލުން. ސިޔާސީއެއް ނުވާނަން. އެ މީހަކު ކުރި ކަމެއް، އެއީ ކޮންމެ މީހަކު ކުރި ކަމެއް ވިއަސް އެ ކަމަށް އޮންނަން ޖެހޭ އެންމެ އަދުލުވެރި ގޮތަކަށް ކަން ކުރުން އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތަކީ، އެގޮތަށް އަޅުގަނޑު ކަންކުރާނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ކުރީގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބެލިއަސް މިނިވަން މުއައްސަސާތަކާއި ޖުޑީޝަރީގެ ތެރެއަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި އެކަން ނުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ރޭ ވެސް ވިދާޅުވި އެވެ.

"އަޅުގަނޑެއް ނުކުރާނެ އެ ކަމެއް. މިހާތަނަކަށް ވެސް ނުކުރަން. ނޫހުން އަޅުގަނޑަށް ފެންނަނީ އެކިއެކި ފަރާތްތައް ކޯޓަށް ގެންދަން ޗިޓު އަންނަ ވާހަކަ ހަމަ ހަގީގަތުގައި ވެސް. މިއީ ހަގީގަތް،" ރައީސް ވިދާޅުވި އެވެ.

"އެއްވެސް ފަނޑިޔާރަކަށް، އެއްވެސް ކޯޓެއްގައި ހުރި އެއްވެސް މީހަކަށް ނުބުނެވޭނެ ތެދު ބަހުން ވިދާޅުވަންޏާ އަޅުގަނޑު އެއްވެސް ފަރާތަކަށް ގުޅައި މިވެނި މައްސަލައެއް އަވަސް ކުރާށޭ، ލަސްކުރާށޭ، މިވެނި ގޮތަކަށް ހުކުމް ކުރާށޭ، ނުކުރާށޭ، ބުނި ކަމަކަަށް ނުބުނެވޭނެ. އަދި އަޅުގަނޑުގެ ފަރާތުން ވެސް މީހަކު ގުޅި ވާހަކައެއް ނުބުނެވޭނެ. އެއީ އަޅުގަނޑު ނުކުރާނެ ކަމެއް."