26 ސެޕްޓެމްބަރ 2025 - 22:30

ހުޅުމާލޭގެ މަގުތަކުގައި ހަރުކޮށްފައި ހުރި އިޝްތިހާރު ޕޯސްޓަރުތަކާއި ބެނާތައް ނެގުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފަށައިފި އެވެ.
އެޗްޑީސީން މިރޭ ކުރި އިއުލާނެއްގައި ބުނީ، އެ ކޯޕަރޭޝަންގެ ހުއްދަ ނެތި ހުޅުމާލޭގެ މަގުތަކާއި އާންމު ތަންތަނުގައި ޕޯސްޓަރާއި ބެނާ ހަރުކުރުމަކީ މަނާ ކަމެއް ކަމަށެވެ.
އެހެންކަމުން، ހުއްދަ ނުނަގައި ހަރުކޮށްފައިވާ ބެނާތަކާއި ޕޯސްޓަރުތައް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން އެ ތަކެއްޗަށް ލިބިދާނެ ގެއްލުމަކަށް ޒިންމާނުގަނާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އަދި ހުޅުމާލޭގައި ޕޯސްޓަރާއި ބެނާ ހަރުކުރަން ބޭނުންވާ ފަރާތްތަކުން އޮންނަ އުސޫލުގެ ތެރެއިން ހުއްދައަށް އެދިގެން އެ ކަން ކުރުމުގައި އެޗްޑީސީން ފުރުސަތު ދޭނެކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ހުޅުމާލޭގައި ހުއްދަ ނެތި ހަރުކޮށްފައިވާ ޕޯސްޓަރުތަކާއި ބެނާތައް ނެގުމުގެ މަސައްކަތް ފަށާފައިމިވަނީ، އެމްޑީޕީން އަންނަ ހުކުރު ދުވަހު ބާއްވާ މުޒާހަރާ އިޝްތިހާރު ކުރުމަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ސިޓީ ކައުންސިލުން ނަގާފައިވަނިކޮށެވެ.