26 ސެޕްޓެމްބަރ 2025 - 21:59

ފަލަސްތީނުގެ ބިން ފޭރުމަށް ފަހު ޔަހޫދީން އާބާދުކޮށްފައިވާ ސަރަހައްދުތައް ބޭނުންކޮށްގެން ވިޔަފާރިކުރާ ކުންފުނިތަކުގެ އާ ލިސްޓެއް އދ. އިން ނެރެފި އެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރު ވޮލްކާ ޓާކް ވަނީ އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވަމުން ދިއުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ވިދާޅުވެފަ އެވެ.
މި ލިސްޓުގައި 11 ގައުމެއްގެ 158 ކުންފުންޏެއް ހިމެނޭއިރު ކުރިން މި ލިސްޓުގައި ހިމެނުނު ބައެއް ނަންތައް މިއަދު އާންމުކުރި ލިސްޓަކު ނެތެވެ. އެކަމަކު އެއާބީއެންބީ، ބުކިން ޑޮޓް ކޮމް، މޮޓޮރޯލާ ސޮލޫޝަންސް އަދި ޓްރިޕްއެޑްވައިޒާ ފަދަ މަޝްހޫރު ބައެއް ކުންފުނިތައް އަދިވެސް ހިމެނެ އެވެ.
މިކަމާ ގުޅޭ ގޮތުން އެ ކުންފުނިތަކުގެ ބަހެއް ހޯދަން އޭއެފްޕީން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.
ލިސްޓުގައި ހިމެނޭ ގިނަ ކުންފުނިތަކުގެ މައި އޮފީސް ހުރީ އިޒްރޭލުގައި ކަމަށް ވިޔަސް، ކެނެޑާ، ޗައިނާ، ފްރާންސް، ޖަރުމަން، ލަގްޒެމްބާގް، ނެދަލެންޑްސް، ޕޯޗުގަލް، ސްޕެއިން، އިނގިރޭސިވިލާތް އަދި އެމެރިކާގައި ވެސް ބައެއް ކުންފުނިތަކުގެ މައި އޮފީސް ހިންގަ އެވެ.
ހައިކޮމިޝަނަ ފޮ ހިއުމަން ރައިޓްސް (އޯއެޗްސީއެޗްއާރް) ގެ އޮފީހުން ނެރުނު ރިޕޯޓުގައި ވަނީ މި ކުންފުނިތަކުގެ ވިޔަފާރީގެ ސަބަބުން ބައެއްގެ އިންސާނީ ހައްގުތަކަށް އުނިކަން ލިބޭކަން ފާހަގަކޮށް އެކަން އެހެން ވިޔަ ނުދިނުމަށް ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެ.
މި ރިޕޯޓާ އެކު ޓާކް ނެރުއްވި ބަޔާނުގައި، ހަމަނުޖެހުން ހިނގާ ސަރަހައްދުތަކުގައި ވިޔަފާރިކުރާ ކުންފުނިތަކުން ހާލަތު ވަޒަންކޮށް އެ މީހުންގެ ވިޔަފާރީގެ ސަބަބުން އިންސާނީ ހައްގުތަކަށް އަރައިގަތުމަށް މަގު ފަހިނުވާނެކަން ކަށަވަރުކުރުމަށް ގޮވައިލެއްވި އެވެ.
އިޒްރޭލުން މި ރިޕޯޓަށް ރައްދު ދެމުން ބުނީ މިއީ ގާނޫނީ އެއްވެސް ބުރަދަނެއް ހުރި ލިސްޓެއް ނޫން ކަމަށާއި މި ލިސްޓު ތައްޔާރުކުރުމަކީ އޯއެޗްސީއެޗްއާރްގެ އިހްތިސާސް އިން ބޭރު މަސައްކަތެއް ކަމަށެވެ.
އެކަމަކު މި ލިސްޓް އެންމެ ފުރަތަމަ އެކުލަވާލާފައިވަނީ 2020 ވަނަ އަހަރު އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ފާސްކުރި ގަރާރެއްގެ ދަށުންނެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހަށް އޭރު އަންގާފައިވަނީ ހުޅަނގު ގުދުސް ހިމެނޭ ގޮތަށް ހުޅަނގު އައްސޭރީގައި އިޒްރޭލުގެ އާބާދުތަކުގައި އިމާރާތް ކުރުމާއި ސަވައިލެންސް ހަރަކާތްތައް ހިންގުމާއި އިމާރާތްތައް ތެޅުމާއި، ދަނޑުބިންތައް ހަލާކުކުރުން ފަދަ ކަންކަމުގައި ބައިވެރިވާ ކުންފުނިތަކުގެ ތެރެއިން މަދުވެގެން 10 ކުންފުންޏެއް ދެނެގަތުމަށެވެ.
ކޮންމެ އަހަރަކުވެސް ޑޭޓާބޭސް އަޕްޑޭޓްކުރަންޖެހޭ ގޮތަށް އޮތަސް 2023 ވަނަ އަހަރު ލިސްޓް އާކުރި ފަހުން އަޕްޑޭޓެއް ނުކުރެ އެވެ.
ރައިޓްސް އޮފީހުން ބުނީ 2023 ވަނަ އަހަރު ޝާއިއުކުރި ލިސްޓަށް މިފަހަރު އަލަށް 68 ކުންފުންޏެއް އިތުރުކޮށްފައިވާ ކަމަށާއި އަދި ހަތް ކުންފުންޏެއް އުނިކޮށްފައިވާ ކަމަށެވެ. އެއީ އެ ކުންފުނިތަކުން އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވާތީ ކަމަށް ބުނެފައިވެ އެވެ.