ނަތަންޔާހޫގެ ވާހަކަ ދައްކަން ފެށުމުން ރާއްޖެއާ އެކު ގިނަ ގައުމުތައް މާލަމުން ނުކުމެއްޖެ
ނަތަންޔާހޫގެ ވާހަކަ ދައްކަން ފެށުމުން ރާއްޖެއާ އެކު ގިނަ ގައުމުތައް މާލަމުން ނުކުމެއްޖެ

މިހާރު ކުރިއަށް ގެންދާ އދ. ގެ އާންމު މަޖިލިހުގެ ޖަލްސާގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގުރީރު ކުރަން ފެށުމާ އެކު، ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ހިންގާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅުކަން ހާމަކުރުމުގެ ގޮތުން ރާއްޖެ އާއި އެހެން ގިނަ ގައުމުގެ ވަފުދުތައް މާލަން ދޫކޮށް މިއަދު ނުކުމެެއްޖެ އެވެ.

އެމެރިކާގެ ނިއު ޔޯކުގައި ކުރިއަށް ގެންދާ އާންމު މަޖިލީހުގެ ބަހުސްގައި ވާހަކަ ދައްކަން ނަތަންޔާހޫ ޕޯޑިއަމް ކައިރިއަށް އަރާ ހަމަވުމުގެ ކުރިން، ގިނަ ގައުމުތަކުގެ ވަފުދުތައް ގޮނޑިން ތެދުވެގެން މާލަމުން ނުކުންނަން މިސްރާބު ޖަހާ މަންޒަރު ފެނެ އެވެ.

އޭގެ ތެރޭގައި، ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވެސް ހިމެނިވަޑައިގެންނެވި އެވެ.

ރާއްޖޭގެ ވަފްދުގެ އިތުރުން، އެހެން ގިނަ ގައުމުތައް ވެސް މާލަމުން ނުކުތް މަންޒަރު ފެނެ އެވެ.

ނަތަންޔާހޫ ހިތާބު ދިން އިރު، މާލަމުގެ ގިނަ ގޮނޑިތައް ހުރީ ހުސްކޮށެވެ.

އިޒްރޭލަށް އެންމެ ބޮޑަށް އެމެރިކާ އިން ވަނީ، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް މި އަހަރުގެ އާންމު މަޖިލީހުގައި ބައިވެރިވެޑައިގެންނެވުމަށް ހުރަސް އަޅައި، އޭނާ އަށް ވިސާ ނުދީ ހިފަހައްޓައިފަ އެވެ.

އދ. ގެ 80 ވަނަ އާންމު މަޖިލީހަށް މަހުމޫދު އައްބާސް ހިތާބު ދެއްވީ ވީޑިއޯ މެދުވެރިކޮށެވެ.

އެ ކަމަށް މަގުފަހިކުރަން އދ. ގެ އާންމު މަޖިލީހުން ގަރާރެއް ފާސްކުރީ ރާއްޖޭގެ ވެސް ތާއީދާ އެކު އެވެ.