ހުއްދަ ދީފައިވަނިކޮށް އެމްޑީޕީގެ ބެނާތައް ކައުންސިލުން ނަގައިފި
ހުއްދަ ދީފައިވަނިކޮށް އެމްޑީޕީގެ ބެނާތައް ކައުންސިލުން ނަގައިފި

އެމްޑީޕީން އަންނަ ހުކުރު ދުވަހު ބާއްވާ މުޒާހަރާ އިޝްތިހާރު ކުރުމަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ސިޓީ ކައުންސިލުން މިއަދު ނަގައިފި އެވެ.

އިދިކޮޅު ޕާޓީން އަންނަނީ "ލޫޓުވައިފި ލޫޓުވައިފި" ނަމުގައި ހުކުރު ދުވަހު ހަވީރު މާލޭގައި ބޮޑު އެއްވުމަކަށް ތައްޔާރުވަމުންނެވެ. އެއާ ގުޅުން ހުރި ބެނާތައް މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ދަމައިފަ އެވެ.

ނަމަވެސް، ބެނާތައް ދެމުމާއި އަޑުގަދަކުރާ ބޭނުންކޮށްގެން އެއްވުން އިޝްތިހާރު ކުރުމުގެ ހުއްދައަށް މި މަހުގެ 14 ގައި އެމްޑީޕީން އެދުމުން އެ ފުރުސަތު ދީފައިވަނިކޮށް، ސިޓީ ކައުންސިލުގެ މުވައްޒަފުން ނެރެގެން މިއަދު ހަވީރު އެ ބެނާތައް ނެގި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

އެ މައްސަލާގައި ސިޓީ ކައުންސިލްގެ ބަހެއް އަދި ނުލިބެ އެވެ.

މި މަހުގެ 14 އިން ފެށިގެން މާލޭގެ މަގުތަކުގައި ބެނާތައް ދެމުމުގެ ހުއްދަ އަށް ހަމަ އެ ދުވަހު އެމްޑީޕީން ސިޓީ ކައުންސިލްގައި އެދިފައިވާއިރު، އެ ތާރީހުގައި ކައުންސިލުން ވެސް އެ ޕާޓީއަށް ސިޓީއެއް ފޮނުވި އެވެ.

އެ ސިޓީގައި މާލެ ސިޓީ ކައުންސިލުން ބުނެފައި ވަނީ މާލެ ތެރޭގައި ގިނަ އަދަދެއްގެ ބެނާތަކެއް މަގު ހުރަސްކޮށް ދަމާފައިވާތީ އާންމުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށެވެ. އަދި އެއީ ސިޓީ ކައުންސިލްގެ ހުއްދައަކާ ނުލައި ދަމާފައިވާ ބެނާތަކެއް ކަމަށް ވާތީ އެ ތަކެތި ވީ އެންމެ އަވަހަކަށް ނެގުމަށާއި ބެނާ ދެމުމުގެ ކަންކަން އުސޫލާ އެއްގޮތަށް ކުރިއަށް ގެންދަން ސިޓީ ކައުންސިލްގެ ސިޓީގައި އެމްޑީޕީގެ ކިބައިން އެދިފައި ވެ އެވެ.

އެނގިފައިވާ ގޮތުގައި މޭޔަރު އާދަމް އާޒިމް މާލޭގައި ނޫޅުއްވަނީސް، ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވަނީ އެމްޑީޕީން ދަމާފައިވާ ބެނާތައް މަގުމައްޗަށް ވާ ގޮތަށް ތިރިވެފައި ހުރުމުން އާއްމުންގެ ޝަކުވާ ލިބޭ ކަމަށް ވިދާޅުވެ، އެ ތަކެތި ނެގުމަށް ކައުންސިލަރުންގެ ހިޔާލަށް ހުޅުވާލައިފަ އެވެ.

އެ އަށް ގިނަ މެމްބަރުންގެ ތާއީދު ލިބުމުން ހަވީރު ވަނީ ބެނާތައް ކަނޑާލަން ފަށައިފަ އެވެ.

ކައުންސިލަރުންގެ ވަޓްސްއެޕް ގްރޫޕުގައި އަރީޝް ހުށަހެޅުއްވި ހުށަހެޅުމާ ގުޅިގެން އާޒިމް ފޮނުއްވި މެސެޖުގައި ވަނީ ގަވައިދަށް ފައްތައިގެން އެ ތަކެތި ބެހެއްޓުމަށް އެ މެމްބަރުންނަށް ފެނިވަޑައިވަޑައިގަންނަވަނީ ކިހިނެއްތޯ ސުވާލު ކުރައްވައިފަ އެވެ.

"ހުރިހާ ސިޔާސީ ޕާޓީއަކަށް ވެސް ސިޔާސީ ހަރަކަތް ހިންގުމުގެ ފުރުސަތު ދޭން އަޅުގަނޑަށް ފެނޭ،" އެ މެސެޖުގައި އާޒިމް ވިދާޅުވި އެވެ.

އެއާ ގުޅިގެން ކައުންސިލަރު އިބްރާހިމް މުހައްމަދު ވިދާޅުވީ އެމްޑީޕީ އޮފީހަށް ސިޓީއެއް ފޮނުވި ކަމަށާއި އެކަމަކު އެ ޕާޓީން ގުޅާފައި އެއީ އެ ތަނާ ގުޅުން ހުރި އެއްޗެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ.

"ސާދަ ދުވަހެއް ދަމާފައި ހުންނަތާ. ދެން މޭޔަރު ބުނެ ބަ މީގައި ކިހިނެއް ވަކި ހަދާނީ. ވެރިއެއް ނޭނގޭ ބެނާތަކެއް،" އިބްރާހިމް ވިދާޅުވި އެވެ.

އެމްޑީޕީގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް އިންތިހާބުވެ، އެކަމަކު ފަހުން އެ ޕާޓީ ބަދަލުކުރެއްވި ރީހާން ނާޒިމާއި ނާޒިމާ ފާއިޒު ވަނީ ހަވާލުވާނެ ފަރާތެއް ނެތް ނަމަ އެ ތަކެތި ނެގުމަށް ކައުންސިލަރުންގެ ވަޓްސްއެޕް ގުރޫޕުގައި ވިދާޅުވެފަ އެވެ.