26 ސެޕްޓެމްބަރ 2025 - 19:43

ވެލްންސިއާގެ މައްޗަށް 7-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެ އޮޑި ސްޕޯޓްސް ދިވެހި ޕްރިމިއާ ލީގުގެ އެއްވަނަ މަގާމަށް ޖެހިލައިފި އެވެ.
ކޮންމެ ޓީމެއް ވެސް ލީގުގައި މިހާރު ވަނީ ދެ މެޗު ކުޅެފަ އެވެ. ނިއު ރޭޑިއަންޓާއި މާޒިޔަ އަދި އޮޑި ވެސް ވަނީ ދެ މެޗު ކާމިޔާބުކޮށްފަ އެވެ.
ކޮންމެ ޓީމަކަށް ވެސް ހަ ޕޮއިންޓެވެ. އެކަމަކު ހަ ލަނޑުގެ ފަރަގަކުން އޮޑި މޮޅުވުމުން އެ ޓީމުން އެއްވަނަ ލިބެނީ ފައިދާ 10 ލަނޑު އޮތުމުންނެވެ.
ދެވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ފައިދާ އަށް ލަނޑެވެ. މާޒިޔާ އަށް ފައިދާ ހަތް ގޯލެވެ.
އޮޑި ކުޅުނު ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް ކުރި ހޯދީ 4-0 ންނެވެ.
މިއަދުގެ މެޗު ފެށުމުގެ ކުރިން، ސްޓްރޯކެއް ޖެހިގެން ފަރުވާ ހޮދަމުންދަނިކޮށް ރޭ ނިޔާވި ކުރީގެ ގައުމީ ކީޕަރު އިބްރާހިމް އިފްރާހް އަރީފްގެ ހަނދާނުގައި ސުކޫތެއް ގެނެ އެވެ. އަދި ހިތާމައިގެ ބައިވެރިވާކަން ހާމަކުރުމުގެ ގޮތުން ދެ ޓީމުގެ ކުޅުންތެރިން ވެސް ކުޅުނީ ކަޅު ބޭންޑް އަޅައިގެންނެވެ.
މެޗުގައި މެޗުގައި އޮޑީގެ ލިތުއޭނިއާގެ ފޯވާޑް ކާރޯލިސް ލައުކްޒެމީސް ހެޓްރިކް ހެދި އެވެ.
އޮޑި އަށް ވެލެންސިއާގެ ގޯލް ހުޅުވައި ދިނީ ވެސް އޭނާ އެވެ. ފުރަތަމަ ލަނޑު އޭނާ ޖެހީ 11 ވަނަ މިނެޓްގަ އެވެ.
ގާތްގަނޑަކަށް ފުރަތަމަ 30 މިނެޓްތެރޭއޮޑިން ހަތަރު ލަނޑު ޖެހި އެވެ. ލީޑް ނެގިތާ ދެ މިނެޓްތެރޭ އޮޑީގެ އަބްދުﷲ ލޫތު އެ ޓީމުގެ ދެވަނަ ލަނޑު ޖެހި އެވެ.
އިބްރާހިމް ވަހީދު ހަސަން ވަނީ، ކުރިން ކުޅުނު މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ. މި މެޗުގައި ވެސް ލަނޑު ޖެހުމުގެ ފޯމު އިއްބެ ތަކުރާރު ކުރި އެވެ. އޮޑީގެ ތިންވަނަ ލަނޑު އޭނާ ޖެހީ 21 ވަނަ މިނެޓްގަ އެވެ. ހަތަރުވަނަ ލަނޑު 30 ވަނަ މިނެޓްގައި ޖެހީ އިބްރާހިމް އިމްރާނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ދެ ލަނޑު ޖަހައި ލައުކްޒެމީސް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.
ވެލެންސިއާގެ ހަމައެކަނި ލަނޑު 83 ވަނަ މިނިޓުގައި ޖަހައިދިނީ އަބްދުލް ސަމީއު ހަސަން އެވެ. ބިދޭސީ ފޯވާޑް އަބޫބަކާ ސީލާގެ ބަދަލުގައި އެރި ކުޅުންތެރިޔާގެ މި ގޯލަކީ އޭނާ ވެލެންސިއާއަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
ސަމީއުގެ ލަނޑު ޖަހަން އެހީވީ، ދާދި ފަހުން ނިމުނު 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ކެޕްޓަންކަން ކުރި އައިދު މުހައްމަދު ޖަވީދެވެ. މިއީ، މިދިޔަ އަހަރު 16 އަހަރުން ދަށުގެ ޔޫތު ލީގުގައި އެންމެ ގިނަ ގޯލު ޖަހައި ވެލެންސިއާއަށް ތަށި ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ފޯވާޑްގެ ފުރަތަމަ ސީނިއާ މެޗެވެ. އުމުރުން 16 އަހަރުގެ ފޯވާޑް ވަނީ މި މެޗު ފުލްކޮށް ކުޅެފަ އެވެ.
އޮޑީގެ ހަތްވަނަ ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގައި ޖެހީ މުޒުދާން ހަސަނެވެ. މެޗުގައި އޭނާގެ ގިނަ ލަމަލާތަކެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެ ނާކާމިޔާބުވެފަ އެވެ.
މި މެޗާ އެކު ލީގުގެ ދެވަނަ ހާފުތާގެ ކުޅުން ނިމިފަ އެވެ. ލީގުގެ މެޗެއް ދެން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު އެވެ. އެ މެޗުގައި ވިކްޓަރީން ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ.