ސައީދުގެ އާއިލީ ކުންފުނިތަކަށް ފެނަކައިން 49 މިލިޔަން ރުފިޔާގެ މަސައްކަތް
ސައީދުގެ އާއިލީ ކުންފުނިތަކަށް ފެނަކައިން 49 މިލިޔަން ރުފިޔާގެ މަސައްކަތް

އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގައި ދައުލަތުގެ ޔޫޓިލިޓީ ކުންފުނި، ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދު ހުންނެވި އިރު، އެ ކޯޕަރޭޝަނަށް މުދަލާއި ހިދުމަތް ހޯދަން އޭނާގެ އާއިލީ ތިން ކުންފުންޏަކަށް 49.7 މިލިއަން ރުފިޔާގެ ކޮންޓްރެކްޓް ދީފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ރިޕޯޓެއްގައި ބުނެފި އެވެ.

ފެނަކައިގެ 2021-2023 ހާއްސަ އޮޑިޓަށް ފަހު އޮޑިޓާ ޖެނެެރަލް ހުސައިން ނިޔާޒީ ރޭ މެންދަމު ނެރުއްވި ރިޕޯޓްގައިވާ ގޮތުން، ސައީދުގެ އާއިލީ ތިން ކުންފުންޏަކާ އެކު މުދަލާއި ހިދުމަތް ހޯދުމުގެ 92 އެއްބަސްވުމެއް، އެ މުއްދަތުގައި ހެދި އެވެ.

އެއީ ޝެލްޓާ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއި ޕަަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުނި އަދި ކޮރަލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އެވެ.

ރިޕޯޓްގައިވާ ގޮތުން މީގެ ތެރެއިން ދެ ކުންފުންޏަކީ ސައީދުގެ ޅިޔަނުންގެ ކުންފުނިތަކެވެ. އަދި އަނެއް ކުންފުންޏަކީ ޅިޔަނެއްގެ ދަރިއެއްގެ ކުންފުންޏެކެވެ.

އޮޑިޓް ރިޕޯޓްގައި ބުނި ގޮތުގައި އެ ކުންފުންޏަށް ފެނަކައިން 84 އެއްބަސްވުމެއްގެ ދަށުން 22.2 މިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކުރި އެވެ. ބިޑަށް ހުޅުވާލުމަކާ ނުލައި، ދިން އެ މަސައްްކަތްތަކަށް 16.4 މިލިއަން ރުފިޔާ ދޫކޮށްފަައިވާ ކަން ވެސް އޮޑިޓުން އެނގުނެވެ.

އެ ކުންފުންޏާ މައިގަނޑު ގޮތެއްގައި ހަވާލުކޮށްފައި ވަނީ ރަށްރަށުގައި އިމާރާތްކުރި އިންޖީނުގެތަކާއި އޮފީސްތަކަށް އެލުމިނިއަމް ދޮރު ޖެހުމުގެ މަސައްކަތެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެ ކުންފުންޏަށް ހަ އެއްބަސްވުމެއްގެ ދަށުން 15.7 މިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކުރި އެވެ. އޭގެ ތެރެއިން 10.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

އެ ކުންފުންޏާ ހަވާލުކުރީ އާ އޮފީސް އިމާރާތަކާއި އިންޖީނުގެއަކާއި ތިން ރަށެއްގެ އިންޖީނުގެއަށް ފިއުލް ޓޭންކް ހެދުމުގެ މަސައްކަތެވެ.

އިންޖީނުގެއަކާއި އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަން މި ކުންފުންޏާ އެކު ސޮއިކުރި ދެ އެއްބަސްވުމުގެ އަގު 11.6 މިލިއަން ރުފިޔާ އަށް އަރަ އެވެ. އޭގެ ތެރެއިން 4.5 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުންޏެވެ.

މިއާ އެކު، ތިން ކުންފުންޏަށް ދޫކުރި ފައިސާގެ ޖުމްލަ އަކީ 31.1 މިލިއަން ރުފިޔާ އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރަކަށް ސައިދު ހުންނަވައިގެން، އެ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކުރަމުންދާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން 2021 ވަނަ އަހަރު ރައީސްގެ ސަމާލުކަމަށް ގެނަ އެވެ.

އޭސީސީގެ އޭރުގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތައް ތަހުގީގު ކޮށްފައިވާ އިރު އަނެއް ބައި މައްސަލަތަކުގެ ތަހުގީގު ކުރިއަށް ދާ ކަމަށެވެ. މި މައްސަލަތަކަށް ބަލާއިރު "ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާ ކަން ކޮމިޝަނުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާ" ކަމަށް، ސިޓީގައި ވެ އެވެ.

އެކަމަކު، އޭރުގެ ވެރިކަން ނިންމައިލީ ފެނަކައިގެ ތެރެއިން ކުރި ކޮރަޕްޝަންގެ ތުހުމަތުތަކަށް ފިޔަވަޅެއް ނާޅަ އެވެ.