26 ސެޕްޓެމްބަރ 2025 - 17:12

އުރީދޫ މެދުވެރިކޮށް އައިފޯން 17 އޯޑަރު ކުރި މީހުންނާ ރޭ ފޯނުތައް ހަވާލުކޮށްފި އެވެ.

އުރީދޫގެ ކަސްޓަމަރުންނާ ފޯނުތައް ހަވާލުކުރީ ރޭ ދަންވަރު 12 ޖެހިއިރު ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ.

އެ ހަރަކާތުގެ ފޯރި އިތުރަށް ގަދަކުރުމުގެ ގޮތުން އުރީދޫ ހެޑް އޮފީހުގައި އާއްމުންނަށް ހުޅުވާލައިގެން ހާއްސަ މިޔުޒިކް ޝޯއެއް ވެސް ބޭއްވި އެވެ. އެ ޝޯގައި މަޝްހޫރު ލަވަކިޔުންތެރިޔާ ބަޖިއްކޮ އާއި ފާލިހުގެ ރީތި ހުށަހެޅުންތަކެއް ވެސް އޮތެވެ.
އުރީދޫން އައިފޯނު ޕްރީ އޯޑަރަށް ހުޅުވައިލީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 12:02 އެވެ.
އުރީދޫގެ އީކޮމާސް ޕްލެޓްފޯމު މެދުވެރިކޮށް އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސް ޕްރީ އޯޑަރަށް ހުޅުވާލި ފުރުސަތުގެ ބޭނުންކޮށް ގިނަ ބަޔަކު ވަނީ ފޯނަށް ޕްރީއޯޑަރު ދީފަ އެވެ.
އުރީދޫން ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ވަސީލަތްތައް ވީހާ ވެސް އަވަހަކަށް ދިވެހިންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އެޕަލްގެ ފޯނުތަކަކީ ދިވެހިންގެ މެދުގައި މަގުބޫލު އެއްޗަކަށް ވާއިރު ކޮންމެ އަހަރަކު ވެސް އުރީދޫން އެޕަލްގެ ފޯނުތައް ގަތުމުގެ ފުރުސަތު ހޯދައި ދެ އެވެ.