ފެނަކައިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކުރީ ބިޑަށް ނުލައި!
ފެނަކައިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކުރީ ބިޑަށް ނުލައި!

ފެނަކަ ކޯޕަރޭޝަނުން 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ހިދުމަތާއި ތަކެތި ހޯދަން އެކި ފަރާތްތަކާ ހަވާލުކުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވާދަވެރި ބީލަމަށް ހުޅުވައި ނުލައި، އުސޫލުން ބޭރުން ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ފެނަކައިގެ މާލީ ހާލަތާއި މުދަލާ ހިދުމަތް ހޯދުމުގައި އަމަލުކޮށްފައިވާ ގޮތް ބަލަން ކުރި ހާއްސަ އޮޑިޓަކަށް ފަހު ރޭ ނެރުނު ރިޕޯޓުގައިވާ ގޮތުން ހިދުމަތާއި ތަކެތި ހޯދަން ފެނަކައިން އެ މުއްދަތުގައި 673 އެއްބަސްވުމެއްގައި ސޮއިކުރި އިރު އޭގެ ތެރެއިން 438 އެއްބަސްވުމަކީ ބީލަމަށް ހުޅުވައި ނުލައި ހެދި އެއްބްސްވުންތަކެވެ. އެއީ އެއްބަސްވުންތަކުގެ 65 ޕަސެންޓެވެ.

އެ އެއްބަސްވުންތައް ހެދީ އާއްމުކޮށް އިއުލާނުކުރުމަކާ ނުލައި، ދެތިން ފަރާތަކުން އަގު ހޯދައި، އެ ކޯޕަރޭޝަނުގެ ޑައިރެކްޓް ޕާޗޭޒް ކޮމިޓީން، މަސައްކަތް ހަވާލުކުރާނެ ފަރާތްތައް ނިންމައިގެން ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުންޏެވެ.

ރިޕޯޓްގައިވާ ގޮތުން ފެނަކަ އަށް މުދަލާއި ހިދުމަތް ހޯދުމުގެ ގަވައިދު ވެސް އެކުލަވާފައި ވަނީ ހޯދާ މުދަލެއް ނުވަތަ ހިދުމަތެެއްގެ އަގު ޖީއެސްޓީ ނުހިމަނައި 225،000ރ. އަށް ވުރެ މަތިވާ ނަމަ އާއްމުކޮށް ހުޅުވައިލަން ޖެހޭ އުސޫލު، ރާއްޖޭން ބޭރުން ތަކެއްޗާއި ހިދުމަތް ހޯދާ އިރު އިސްތިސްނާވާ ގޮތަށެވެ.

މަސައްކަތާއި ހިދުމަތް ހޯދުމުގެ އެއްބަސްވުންތައް އެގޮތަށް ހެދި އިރު ރާއްޖޭން ބޭރުން ޖަނަރޭޓަރާއި ކޭބަލް އަދި ޓްރާންސްފޯމަރު ސަޕްލައި ކުރުމުގައި، ސަޕްލަޔަރުންނަށް ދީފައި ވަނީ އެ ކަންކަމަށް ހަގީގަތުގައި ހޭދަވާނެ ފައިސާ އަށް ވުރެ އިތުރަށް ކަން ވެސް އޮޑިޓުން އެނގުނެވެ. ރިޕޯޓްގައިވާ ގޮތުން އެ ތަކެތި ގެނައި ސަޕްލަޔަރުން ފެނަކަ އަށް ތަކެތި ވިއްކާފައި ވަނީ 40 ޕަސެންޓާއި 55 ޕަސެންޓާ ދެމެދުގެ ބޮޑު ފައިދާއެއް ލައިިގެންނެވެ.

"...ތިން ވަނަ ފަރާތެއް މެދުވެރިނުކޮށް، އެ ތަކެތި ފެނަކަ ކޯޕަރޭޝަނުން ރާއްޖެ އިން ބޭރެން ގަތުމުން ގާތްގަނޑަކަށް 287،130،996 ރުފިޔާގެ ހަރަދު ކުޑަކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެވުނު،" އޮޑިޓް ރިޕޯޓްގައި ވެ އެވެ.

އޮޑިޓުން އެނގުނު ގޮތުގައި އެކިއެކި ބޭނުންތަކަށް، އެކި ރަށްރަށުން ތަންތަން ކުއްޔަށް ހިފުމުގައި ވެސް ފެނަކައިން އަމަލުކޮށްފައި އޮތީ އުސޫލާ ހިލާފަށެވެ. އެ ތަންތަން ކުއްޔަށް ހިފީ އެންމެ ފަރާތަކުން އަގު ހޯދައިގެން ކަމަށް ވާއިރު، އެ ތަންތަނުގެ ކުއްޔަށާއި މަރާމާތަށް ފެނަކައިން 12.1 މިލިޔަން ރުފިޔާ ހަރަދުކޮށްފައި ވެ އެވެ.

ފެނަކައިން އުސޫލާ ހިލާފަށް ހިންގާފައިވާ މި ނޫން ވެސް ގިނަ ކަންތައްތަކެއް ފާހަގަކޮށް ރިޕޯޓްގައި އޮޑިޓާ ޖެނެރަލް ހުށަަހަޅުއްވާފައިވާ އެއް ކަމަކީ އެ ކަންކަމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރަކަށް އަހުމަދު ސައިދު ހުންނަވައިގެން، އެ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކުރަމުންދާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން 2021 ވަނަ އަހަރު ރައީސްގެ ސަމާލުކަމަށް ގެނަ އެވެ.

އޭސީސީގެ އޭރުގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތައް ތަހުގީގު ކޮށްފައިވާ އިރު އަނެއް ބައި މައްސަލަތަކުގެ ތަހުގީގު ކުރިއަށް ދާ ކަމަށެވެ. މި މައްސަލަތަކަށް ބަލާއިރު "ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާ ކަން ކޮމިޝަނުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާ" ކަމަށް، ސިޓީގައި ވެ އެވެ.

އެކަމަކު، އޭރުގެ ވެރިކަން ނިންމައިލީ ފެނަކައިގެ ތެރެއިން ކުރި ކޮރަޕްޝަންގެ ތުހުމަތުތަކަށް ފިޔަވަޅެއް ނާޅަ އެވެ.