26 ސެޕްޓެމްބަރ 2025 - 13:31

ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ އިންސާނީ ފިކުރުގައި ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީފައިވާ ކަމެކެވެ. މިއަދު މިކަމަކީ ބައިނަލް އަގުވާމީ މުއާހަދާތަކާއި ދުސްތޫރުތަކުގައި ހިމެނޭ އަސާސީ ޝިއާރެކެވެ. އަދި އިންސާނީ ހައްގުތަކުގެ ތެރެއިން މުހިންމު އެއް ހައްގެވެ. މިއީ އިސްލާމް ދީނުގައި ވެސް ކަށަވަރު ކޮށްދީފައިވާ ކަމެކެވެ. ނަމަވެސް އިސްލާމް ދީނުގައި މި ހައްގު ދެނީ އީމާންކަމާއި އަހުލާގުގެ ގިއުގަނޑުގެ ތެރޭގަ އެވެ. ފަރުދީ މަސްލަހަތާއި ޖަމާއަތުގެ މަސްލަހަތާ ދެމެދު ވަޒަން ހަމަވާ ގޮތުގަ އެވެ.

އިސްލާމް ދީނުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބިނާވާ އަސާސްތަކެއް ވެ އެވެ. މީގެ ތެރެއިން އެއް އަސާސަކީ، އާދަމުގެ ދަރިޔާ މާތް ކުރައްވާފައި ވުމާއި (އަލްއިސްރާއު 70)، އިހުތިޔާރު ދެއްވާފައި ވުމާއި (އަލްއިންސާން 3، އައްނިސާއު 124)، ބިމުގައި ބޭނުން ކަމެއް ކުރުމުގެ ފުރުސަތު ދެވިފައިވާ (ތަމްކީނު ކުރެވިފައިވާ) ވުމެވެ (އަލްޙައްޖު 41). ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ނުލައި މި ތިން ކަންތައް ނުދެމެހެއްޓޭނެ އެވެ.
ދެވަނަ އަސާސަކީ، މަޝްވަރާ ކުރަން އަމުރު އައިސްފައި ވުމެވެ. މިގޮތުން އާއިލީ ކަންކަމާއި މުޅި މުޖުތަމައުގެ އެންމެހާ ކަންކަން ކުރުމުގައި މަޝްވަރާ ކުރަން ޖެހެ އެވެ. އައްޝޫރާ ސޫރަތުގެ 38 ވަނަ އާޔަތުގެ މާނައިގައި ވަނީ "އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައި ވަނީ މަޝްވަރާގެ މަތިންނެވެ". ތިމާގެ ރައުޔު ފާޅުނުކޮށް މަޝްވަރާ ނުކުރެވޭނެ އެވެ.
ތިންވަނަ އަސާސަކީ، މީސްތަކުންނަށް ކަންކަން ބަޔާންކޮށް ދިނުމަށް އަމުރު އައިސްފައި ވުމެވެ. މިގޮތުން ދީން ފޯރުކޮށްދޭން ޖެހެ އެވެ (އައްނަޙުލު 125). ހެޔޮ ގޮތް ބުނެދޭން ޖެހެ އެވެ. ހައްގު ބަސް ފޮރުވައިގެން ނުވާނެ އެވެ (އަލްބަޤަރާ 42). އަދި ހެކިބަސް ވެސް ފޮރުވައިގެން ނުވާނެ އެވެ. އެހެން ނޫން ނަމަ މީހާ ފާފަވެރިވާނެ އެވެ. (އަލްބަޤަރާ 283). މިއީ ވެސް ރައުޔުތައް ފާޅުކުރަން ލާޒިމު ކުރުވާ ކަމެކެވެ.
ހަތަރުވަނަ އަސާސަކީ، މުޅި ދީނަކީ ނަސޭހަތް ކަމުގައި މާތް ނަބިއްޔާ ﷺ ބަޔާން ކުރައްވާފައި ވުމެވެ (މުސްލިމް). މިއީ ﷲ އާއި އެކަލާނގެ ފޮތާއި ރަސޫލާ އަށް ޓަކައި ކުރަން ޖެހޭ ކަމެކެވެ. މިކަމުގައި އާންމުންގެ އިތުރަށް ވެރިންނަށް ހާއްސަކޮށް ނަސޭހަތް ދޭން ޖެހެ އެވެ.
ފަސްވަނަ އަސާސަކީ، އަދުލުވެރި ނޫން ވެރިއެއްގެ ކުރިމަތީ ހައްގު ބަސް ބުނުން އެއީ މަތިވެރި ޖިހާދެއް ކަމުގައި ނަބިއްޔާ ﷺ ބަޔާން ކުރައްވާފައި ވުމެވެ. އެހެންވެ ވެރިމީހާގެ ފަރާތުން ވިއަސް އަދި އެހެން ބައެއްގެ ފަރާތުން ވިއަސް މުޖުތަމައުގައި ހިނގާ ބޭއިންސާފުވުންތަކާއި ފަސާދަ އާއި އެ ނޫން ވެސް ނޭދެވޭ އެންމެހާ ކަންކަން ރަނގަޅު ކުރުމަށްޓަކައި އެ ކަންކަމާ ގުޅޭ ހައްގު ގޮތް (އިސްލާމީ ހަމަތަކާ އެއްގޮތަށް) ބުނުން ހަމަ ކޮންމެހެން ލާޒިމު ވާނެ އެވެ.
މި އަސާސްތަކުގެ މައްޗަށް ބަލައި އިލްމީ ކަންކަމުގައި އިޖުތިހާދުކޮށް، ތިމާގެ ރައުޔާއި ފިކުރު ފާޅުކުރެވޭނެ އެވެ. އިސްލާމީ ފިގުހުވެރިން ވަނީ މިކަމުގައި ނަމޫނާ ދައްކަވައިފަ އެވެ. މުޖުތަމައުގެ ކަންކަން އިސްލާހު ކުރުމަށްޓަކައި ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީ ކުރުމަށް ވާހަކަ ދެއްކެވޭނެ އެވެ. އަދި މިފަދަ ކަންކަމުގައި ބިނާކުރަނިވި ފާޑު ވެސް ކިޔޭނެ އެވެ. އަގީދާގެ ގޮތުންނާއި ހިޔާލުގެ ގޮތުން އިދިކޮޅު ފަރާތްތަކާ އެކު ވެސް ޑައިލޮގު ބޭނުން ކުރެވޭނެ އެވެ. ސިޔާސީ ކަންކަމުގައި ތިމާގެ ރައުޔު ފާޅު ކުރެވޭނެ އެވެ. އިސްލާމީ އުންމަތުގެ ވެރިންގެ ކަންކަން ބަލައި މޮނީޓަރު ކުރުމުގެ އިހުތިޔާރު މުޅި އުންމަތަށް ދީފައި ވެ އެވެ. ވެރިން މުހާސަބާ ކުރުން (ކުރާ ރަނގަޅު ކަންކަމާއި ނުބައި ކަންކަން ބަލައި ހިސާބު ކުރުން) އުންމަތަށް ހުއްދަ އެވެ.
ނަމަވެސް އިސްލާމް ދީނުގައި އެއްވެސް މިނިވަން ކަމެއް ގައިދުތަކަކާ ނުވަތަ ހަމަތަކަކާ ނުލައި މުތުލަގުކޮށް ދޫކޮށެއް ނުލަ އެވެ.
އިސްލާމް ދީނުގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީ ގައިދެއް ނެތި މުތުލަގުކޮށް ދޫކޮށްލެވިފައިވާ ކަމެއް ނޫނެވެ. ނަމަވެސް އެއީ ފަރުދީ ހައްގުތަކާއި ޖަމާއަތުގެ މަސްލަހަތާއި ޝަރީއަތުގެ ހަމަތައް ދެމެހެއްޓުމަށްޓަކައި އޭގައި ގައިދުތަކަކާއި މިންގަނޑުތަކެއް އެކުލެވިފައިވާ ކަމެކެވެ.
އެންމެ ފުރަތަމަ ކަމަކީ، އަގީދާގެ ގޮތުން ސާބިތުވާ އުސޫލުތަކުގެ ތެރެއިން އެއްވެސް އުސޫލަކަށް އިހާނެތި ނުކުރުމެވެ. މިގޮތުން ﷲ އާއި ރަސޫލާ އާއި ދީނުގެ ޝިއާރުތަކަށް އުނދަގޫ ކުރެވޭ ފަދަ ކަމެއް ކުރުމަކީ ދުނިޔެ އާއި އާހިރަތުގައި އިހާނެތި އަޒާބު ތައްޔާރު ކުރެވިގެންވާ ކަމެކެވެ (އަލްއަޙުޒާބު 57).
ދެވަނަ ކަމަކީ، ތެދުބަސް ބުނުމެވެ. ކަނޑައެޅިގެން ދޮގު ވާހަކަތަކާއި ކަށަވަރު ނުވާ ކަންކަމުގެ ވާހަކަތައް ފެތުރުމަކީ ދީނުގައި މަނާ ކުރެވިފައިވާ ކަންކަމެވެ. މިގޮތުން ހީތަކުން ދުރުވުމަށާއި ބައެއް ހީ ތަކަކީ ފާފައެއް ކަން ބަޔާން ކުރައްވާފައި ވެ އެވެ (އަލްޙޫޖުރާތު 12).
ތިންވަނަ ކަމަކީ، މީހުންނަށް ގެއްލުން ލިބުމަށް މަގުފަހިވާ ފަދަ ވާހަކަ ނުދެއްކުމެވެ. ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވަނީ "ގެއްލުން ދިނުމެއް އަދި ގެއްލުން ލިބިގަތުމެއް ނެތް" ކަމަށެވެ (އިބްނު މާޖާ).
އެހެންކަމުން ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމޭ ކިޔާފައި އެހެން މީހުންގެ ހައްގުތަކަށް އަރައިގަނެގެން ނުވާނެ އެވެ. މީހުންގެ އަބުރު ކަތިލައިގެން ނުވާނެ އެވެ. މީހުންނަށް މަލާމާތްކޮށް، ހަޖޫ ޖަހައިގެން ނުވާނެ އެވެ. މީހުންނަށް ހަޑިހުތުރު ލަގަބުތައް ދީގެން ނުވާނެ އެވެ. މިފަދަ ކަންކަމުން ދުރުހެލިވާން އަލްޙުޖުރާތު ސޫރަތުގެ ކުރީކޮޅުގެ އާޔަތްތަކުގައި އަންގަވާފައި ވެ އެވެ.
ހަތަރުވަނަ ކަމަކީ، މުޖުތަމައުގެ އާންމު ނިޒާމަށް އިހުތިރާމު ކުރުމެވެ. މިގޮތުން މުޖުތަމައުގައި ފިތުނަ އާއި ދެކޮޅުވެރިކަން އުފެދޭ ފަދަ ވާހަކަ ދައްކައިގެން ނުވާނެ އެވެ. ފާހިޝް ކަންކަމަށް މީހުން ޝައުގުވެރި ކުރުވާ ފަދަ ވާހަކަ ދައްކައިގެން ނުވާނެ އެވެ. މުޖުތަމައު ބައިބައި ކުރުވައި އެއްބަޔަކު އަނެއް ބަޔަކާ މެދު ތައައްސުބުވުން އިތުރު ކުރުވާ ފަދަ ވާހަކަ ދައްކައިގެން ނުވާނެ އެވެ.
އިސްލާމީ ތާރީހަށް ބަލާއިރު ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ވަރަށް ފުޅާކޮށް ބޭނުން ކުރެވިފައިވާ ތަން ފެނެ އެވެ. މިކަމުގައި ކުރިން ބަޔާންކުރި ގައިދުތަކާއި މިންގަނޑުތައް ހިފަހައްޓާފައިވާ ކަން ފާހަގަ ވެއެވެ.
އަބޫބަކުރުގެފާނު ވެރިކަމަށް އިސްކުރެވުނު ހިނދު އެކަލޭގެފާނު ވިދާޅުވެފައި ވަނީ ވެރިކަމުގައި ސީދާމަގުން އެކަލޭގެފާނު ދުރަށް ދާ ނަމަ އިސްލާހު ކޮށްދިނުމަށެވެ. މީގެ ޖަވާބުގައި އަސްހާބުން ވިދާޅުވީ ކަނޑީގެ ބޭނުން ހިފައިގެން ވިއަސް އެކަލޭގެފާނު ހަމަ މަގަށް އަޅުވާނެ ކަމަށެވެ. ހައްގު ބަސް ބުނެގެން ވިއަސް ހަމަ މަގަށް އެޅުވުމުގެ އިތުރުން، ހައްގާ ހިލާފުވާ ހާލަތްތަކުގައި ނުކިޔަމަންތެރި ވުމުގެ ފުރުސަތު ވެސް އަބޫބަކުރުގެފާނު ދެއްވި އެވެ.
ދެވަނަ ކަމަކަށް ފާހަގަ ކުރެވެނީ، ކައިވެނީގެ ރަނުގެ މިންވަރާ މެދު އިދިކޮޅު ހިޔާލު ހުށަހަޅަން އަންހެން ކަނބަލަކަށް އުމަރުގެފާނު ފުރުސަތު ދެއްވައި އެކަމަނާގެ ރައުޔު ސައްހަ ކަމަށް ވިދާޅުވުމެވެ.
ތިންވަނަ ކަމަކީ، އިސްލާމީ ދައުލަތްތަކުގެ ދުވަސްވަރުގައި އިސްލާމީ އިލްމުވެރިން ހައްގު ބަސް ބުނުމަށް ޖެހިލުން ނުވުމެވެ. ބައެއް ހާލަތްތަކުގައި މި އިލްމުވެރިންގެ ރައުޔުގެ ސަބަބުން ނުހައްގު އަދަބު ލިބިފައި ވިޔަސް އެބޭކަލުން މި ހައްގުގެ ބޭނުން ހިއްޕެވުމުގައި ޖެހިލުންވެ ވަޑައި ނުގަންނަވަ އެވެ. މިހެން ގޮސް މިފަދަ އެތައް މިސާލެއް ފެންނަން އެބަހުއްޓެވެ.
ވީމާ، ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީ ހަމައެކަނި ޝިއާރެއް ނޫނެވެ. އަދި ހަމައެކަނި ފަރުދީ ހައްގެއް ވެސް ނޫނެވެ. ނަމަވެސް އެއީ ވާޖިބަކާއި މަސްއޫލިއްޔަތެއް ވެސް މެ އެވެ. މިގޮތުން މަތީގައި ފާހަގަ ކުރެވުނު އަސާސްތަކަށް ބަލާއިރު މިއީ މުޖުތަމައުގައި ހަމަ ކޮންމެހެން ވެސް ލިބެން ޖެހޭ ހައްގެކެވެ.
އެކަމަކު، އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް މެނުވީ މި ހައްގުގެ ބޭނުން ހިފުން ހުއްދައެއް ނުވާނެ އެވެ. މިގޮތުން އިންސާނީ ކަރާމަތާއި މީސްތަކުންގެ އަބުރާއި މުޖުތަމައުގެ މަސްލަހަތު ތައް ގެއްލިދާ ފަދަ ކަންކަމަށް ޖާގަ ލިބިގެން ނުވާނެ އެވެ. އަދި މިކަންކަން ހިމާޔަތް ކުރުމަށްޓަކައި ވަކި ގައިދުތަކެއް ކަނޑައަޅައި ވަކި މިންގަނޑުތަކެއް ހިފަހައްޓަން ލާޒިމު ވެސް ކުރަން ޖެހޭނެ އެވެ.